ސައުދީ އަރަބިއްޔާއާ އެކު ވެވޭ މަދަނީ ނިއުކްލިއަ އެއްބަސްވުމައިގެން ކުރިއަށްދެވޭނީ، އެ ގައުމުން، އަރަބި ގައުމުތަކުން އިޒްރޭލާ އެކު ގުޅުން ބަދަހިކުރުމަށް ހަދާ 'އަބްރަހާމް އެކޯޑްސް'އާ ގުޅި އިޒްރޭލާ އާންމު ގުޅުމެއް ގާއިމުކުރުމުން އެކަނި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވެސް ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު މި ބުނަނީ އެކަން ކުރުމަށްޓަކައި އެ މީހުން އަބްރަހާމް އެކޯޑްސްގެ ބައިވެރިއަކަށް ވާންޖެހޭނޭ. އެ މީހުން އެކަން ކުރަން މިހާރު މި އޮތީ ވަގުތު ޖެހިފައި،" ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގެ ކުރީކޮޅު އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީން އިޒްރޭލުގެ ވާހަކަ އެއްވެސް ވަރަކަށް ފާހަގަނުކޮށް މި އެއްބަސްވުން އިއުލާނުކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މި ޝަރުތަކީ އަބަދު ވެސް ދެ ފަރާތަށް އެނގި ސާފުވެފައިވާ ކަމެއް ކަމަށެވެ.
ޓްރަމްޕްގެ މި ފަހުގެ ވާހަކަތަކަށް ސައުދީން އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ސާފު މަގެއް ކަނޑައެޅެންދެން އިޒްރޭލާ އެކު ރަސްމީ ގުޅުމެއް ގާއިމުނުކުރާނެ ކަމަށް ސައުދީން އަބަދު ވެސް ދަނީ ބުނަމުންނެވެ.
މިދިޔަ ބުދަ ދުވަހު ސޮއިކުރި މި އެއްބަސްވުމަކީ ސައުދީގައި މަދަނީ ނިއުކްލިއަ ޕްރޮގްރާމެއް ގާއިމުކުރުމަށް ވެވުނު، 30 އަހަރުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ އެއްބަސްވުމެކެވެ.
ޓްރަމްޕްގެ ސަރުކާރުން މި އެއްބަސްވުން ސިފަކޮށްފައިވަނީ އެތައް އަހަރަކަށް ދެމިގެންދާ އަދި އެތައް ބިލިއަން ޑޮލަރެއްގެ ބައިވެރިވުމެއްގެ ގޮތުގަ އެވެ. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ކުރެވޭ ކަންކަން އޮންނާނީ އެމެރިކާގެ ބެލުމުގެ ދަށުގައި ކަމަށާއި މީގެ ސަބަބުން ނިއުކްލިއަ ހަތިޔާރު ފެތުރުމަށް ފުރުސަތެއް ނުލިބޭނެ ކަމަށެވެ.
ސައުދީން އިޒްރޭލާ އެކު ގުޅުން ގާއިމުކުރަންވީ ވަގުތު ޖެހިއްޖެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ