އިމްރާން ހާނުގެ ގޮވައިލުން؛ ކޮޅެއްގައި ޖެހެންދެން އިހުތިޖާޖު ކުރިއަށްގެންދިއުން

ޖަލުގައި ހުންނެވި އިމްރާންވަނީ އޭނާ މިނިވަންކުރުމަށް ގޮވައިލާ އޭނާގެ ސަޕޯޓަރުން ފަށާފައިވާ އިހުތިޖާޖުތައް ހުއްޓައިނުލާ ކުރިއަށްގެންދަން އެދިވަޑައިގެންފަ އެވެ.
އޭނާ މިނިވަންކުރުމަށް ގޮވައިލާ ސަަޕޯޓަރުން ކުރިއަށްގެންދާ އިހުތިޖާޖުތައް ހުއްޓުވުމަށް ޕާކިސްތާނުގެ ސަރުކާރުން ބާރުގެ ބޭނުންކުރަމުންދާ ދަނޑިވަޅެއްގައި، ނިމުމެއް އަންނަންދެން އިހުތިޖާޖުތައް ކުރިއަށްގެންދިއުމަށް ޖަލުގައި ހުންނެވި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގޮވާލައްވައިފި އެވެ. 
އިމްރާނުގެ ޕާޓީ ޕާކިސްތާން ތަހުރީކެ އިންސާފް (ޕީޓީއައި)ގެ ސަޕޯޓަރުންނާ ފުލުހުންގެ މެދުގައި ކުރިމަތިލުންތއް ހިނގީ ވެރިރަށް އިސްލާމްއާބާދުގެ މަރުކަޒީ ސަރަހައްދަށް ވާސިލުވުމަށް އިމްރާނުގެ ސަޕޯޓަރުން މަސައްކަތްކުރުމުން އެކަން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކުރުމާ ގުޅިގެންނެވެ. 
އިހުތިޖާޖުކުރާ މީހުން ގޮވައިލަމުންދަނީ ވަގަށް ނަގާފައިވާ މެންޑޭޓު އަލުން އިއާދަކުރުމަށާއި، ޖަލުގައި ތިބި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި، ގާނޫނާއި އާންމު ނިޒާމު ނެގެހެއްޓުމަށްޓަކައި ސަރުކާރުން ބޭނުންވެއްޖެނަމަ އަސްކަަރިއްޔާގެ ބޭނުންކުރެވިދާނެ ގޮތަށް އެ ގައުމުގެ ގާނޫނުއަސާސީއަށް ގެނައި ބަދަލު އުވައިލުމަށެވެ. 
މީސްމީޑިޔާ މަންސަތަކަށް ދޫކޮށްލެއްވި މެސެޖެއްގައި އިމްރާން މުޒާހަރާވެރިންނަށް އިލްތިމާސްކުރެއްވީ އެއްބައިވަންތަކަންމަތީ ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރުމަށެވެ. އަދި އެމީހުންގެ މަސައްކަތަކީ ޕާކިސްތާނުގެ ދެމިއޮތުމަށާއި، ހަގީގީ މިނިވަންކަމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އިމްރާން ސިފަކުރެއްވި އެވެ. 
ޕީޓީއީއާއެކު މުސްތަގުބަލުގައި އެއްވެސް މަޝްވަރާއެއް ނުކުރާނެކަން އިއުލާނުކޮށް، ޕާކިސްތާނު ސަރުކާރުން ތުހުމަތުކުރި ގޮތުގައި އެ ގައުމުގައި ހިނގަމުންދާ ހުރިހާ ހަމަނުޖެހުމެއްގެ ޒިންމާ އުފުއްލަވަންޖެހިވަޑައިގަންނަވާނީ އިމްރާނުގެ އަނބިކަނބަލުން ބުޝްރާ ބީބީ އެވެ. 
"ފާއިތުވި ދުވަސްތަކުގައި ގެއްލުނު ފުރާނަތަކާއި ލިބުނު އިގުތިސާދީ ގެއްލުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެންމެ ބޭފުޅެއް އޭނާ [ބުޝްރާ ބީބީ] މިހުރިހާ ހައިޖާނެއްގެ ޒިންމާ އުފުއްލަވަންޖެހޭނެ،" ޕާކިސްތާނުގެ ދާހިލީވަޒީރު މުހުސިން ނަގްވީ ވިދާޅުވި އެވެ. 
ޖަލުގައި ނުވަ މަސް ހޭދަކުރެއްވުމަށްފަހު މިނިވަންވެވަޑައގެންނެވި ބީބީގެ އިސްނެންގެވުމަށް ޕީޓީއައިގެ ގާފިލާއެއް އުތުރުހުޅަނގު ޕާކިސްތާނުގެ ޕްރޮވިންސަކުން އިސްލާމް އާބާދަށް ދަތުރު ފެށި އެވެ. ޕާކިސްތާނު ސަރުކާރުންވަނީ އެ ގާފިލާއަށް ހުރަސްއެޅުމަށް މަގުހުރަސްތައް ބަހައްޓައި، ބޮޑެތި ކޮންޓެއިނަރުތަކުން ބައެއް މަގުތައް ބަންދުކޮށްފަ އެވެ. 
އެ ހުރަސްތަކާއެކުވެސް ޕީޓީއައިގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް އަންގާރަދުވަހުގެ ހެނދުނު އިސްލާމްއާބާދުގެ މުހިއްމު ރެޑް ޒޯނުގައި ހިމެނޭ ޑީ-ޗޯކް ސަރަހައްދަށް ވާސިލުވި އެވެ. އެ ސަރަހައްދަކީ ސަރުކާރުގެ މުހިއްމު އޮފީސްތަކެއް ހުންނަ ސަރަހައްދެކެވެ. ރައީސް އޮފީހާއި، ބޮޑުވަޒީރުގެ އޮފީހާއި ގާނޫނު ހަދާ މަޖިލީހުގެ އިދާރާއާއި ސުޕްރީމް ކޯޓުގެ އިތުރަށް ޑިޕްލޮމެޓިކް މިޝަންތައްވެސް އެ ސަރަހައްދުގައި ހުރެ އެވެ. 
މުޒާހަރާ ރޫޅައިލުމަށް އެތަނަށް ރޭންޖާސް ޕެރަމިލިޓަރީ ޔުނިޓު މޯބަލައިޒްކޮށް މުޒާހަރާވެރިން ތެރެއަށް ބަޑިޖަހއި ކަރުނަ ގޭސް ބޭނުންކޮށްފައިވެ އެވެ. އަދި އެ ހަމަނުޖެހުންތަކުގައި ޕީޓީއައިގެ ދެ ސަޕޯޓަރެއް މަރުވިކަމަށް އެ ޕާޓީން ބުނެ އެވެ. 
މިހާތަނަށް ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނެވި ބިބީވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދެއްވައި ކުރު ތަގުރީރުތަކެއް ދެއްވާފަ އެވެ. އެގޮތުން ޕީޓީއައިގެ ލީޑަރު އިމްރާނު ޖަލުން މިނިވަންވެވަޑައިގެން އަނބުރާ ވަޑައިގެން ޕާޓީގެ ކަންކަން ގެންދަންވީ ގޮތުގެ އިރުޝާދު ދެއްވަން ފެއްޓެވުމާ ހަމައަށް ހުއްޓުމެއް ނެތި އިހުތިޖާޖުކުރަން އޭނާވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދެއްވާފަ އެވެ. 
އުޅަނދަކުން ޖައްސައި ތިން ރޭންޖާސް މަރައިލި މައްސަލައެއްގައި ޕާކިސްތާނު ސަރުކާރުން އަންނަނީ ޕީޓީއައިއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރަމުންނެވެ. އެ ޕާޓީން އަންނަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ. އަދި ސަރުކާރުން ބުނި ގޮތުގައި ހޯމަދުވަހު ހިނގި ހަމަނުޖެހުންތަކުގައި ފުލުހެއްވެސް މަރުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ