ރައީސްގެ ބަސްފުޅާ ހިލާފެއްނުވޭ | ބިލުގައިވެސް ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ

ރިސޯޓުތަކުން ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތް އުސޫލު އައު ބިލުގައި ބަދަލުކޮށްފައިވާކަމަށް ވާހަކަ ފެތުރި ނަމަވެސް އެ އުސޫލަށް ބިލުގައި އެއްވެސް ބަދަލެއް ގެނެސްފައިނުވެ އެވެ.
އެމްއެމްއޭއިން މިހާރު އެކުލަވައިލާ އަމަލުކުރަން ފަށާފައިވާ ފޮރިން ކަރަންސީގެ ގަވާއިދަށް ގާނޫނެއްގެ ބާރު ދިނުމުގެ ގޮތުން އެ އިދާރާއިން އެކުލަވައިލި ބިލުގައި، ރިސޯޓުތަކުން މިހާރު މާރުކުރަންޖެހޭ 500 ޑޮލަރު މާރުކުރުމުގައި ލުއިތަކެއް ދީފިކަމަށް ބުނެ ފަތުރަނީ ދޮގެކެވެ. 
މި ބިލުގައި ބޭންކުތަކަށް ޑޮލަރު މާރުކުރުމުގައި މިހާރުގެ ގަވާއިދުގައި އަމަލުކުރަންޖެހޭ އުސޫލަށް ބަދަލެއް ގެނެސްފައިނުވެ އެވެ. އެގޮތުން ބިލުގެ އަށްވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޓޫރިޒަމް ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކަށް ޖަމާކުރަންޖެހޭނެ ކަމަށެވެ. މިހާރު ގަވާއިދުގައި އޮންނަނީވެސް އެގޮތަށެވެ. 
އަލަށް ބިލުގައި ހިމަނާފައިވަނީ ޓޫރިޒަމް ވިޔަފާރި ނޫން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު މަދުވެގެން 20 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތަކުންވެސް އެ ފަރާތްތަކށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކަކަށް ޖަމާކުރަންޖެހޭނެ ކަމުގައި ބަޔާންކޮށްފއި އޮތް މާއްދާ އެވެ. 
ގަވާއިދުގައި މިހާރު އޮންނަ ގޮތުން ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކުގެ އިތުރަށް 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސްތަކާއި ސިޓީ ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުފަހަރުން އެތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހެ އެވެ. 
އައު ބިލުގައި އެ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ 500 ޑޮލަރު މާރުކުރަންޖެހޭ އެސްޓަބްލިޝްމެންޓުތަކަކީ ޓޫރިސްޓު ރިސޯޓުތަކާއި، އިންޓަގްރޭޓެޑް ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑުތަކާއި، އެނޫންވެސް އެފަދަ ތަންތަން ކަމުގައި ކަނޑައަޅައި، 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސް އަދި ސިޓީ ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތައް 25 ޑޮލަރު މާރުކުރާ ކެޓަގަރީއަށް ބަދަލުކުރުމެވެ. 
އެގޮތުން ބިލުގެ 13 ވަނަ މާއްދާގއި ބުނެފައިވަނީ ކެޓަގަރީ އޭ ޓުރިޒަމް އެސްޓަބްލިޝްމެންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން އެ މަހެއްގައި އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަށް ޖެހޭ މިންވަރު އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީކޮށްފއިވާ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމުގަ އެވެ. މިއީ މިހާރުވެސް ގަވާއިދު އޮތް ގޮތެވެ. 
ގަވާއިދުގައި ނެތްކަމަކަށް މި ބިލުގައި އައު ކަމަކަށް މާރުކުރުމާ ގުޅޭ ގޮތުން ތައާރަފުކޮށްފައިވަޏީ ތިން އިސްތިސްނާ ހާލަތެކެވެ. އެއީ އެ ތިން ބާވަތެއްގެ ފަތުރުވެރިން ޑޮލަރު މާރުކުރާއިރު ހިމަނަންނުޖެހޭ ގޮތަށް ހިމަނާފައިވާ އިސްތިސްނާއެކެވެ. އެއީ: 
މި ގަވާއިދުގައިވެސް މާރުކުރަންޖެހޭ ރޭޓު މުރަޖައާކުރެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވެ އެވެ. އެއީ ބޭރު ފައިސާއިން އަދާކުރަންޖެހޭ ޓެކުހެއް އޮތުމާއި، މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަދާކުރަންޖެހޭ ދަރަންޏެއް އޮތުމާއި، ޝަރުއީ ކޯޓެއްގެ ހުކުމެއް ނުވަތަަ އާބިޓްރޭޝަން ފަދަ މައްސަލަ ބެލުމުގެ ނިޒާމަކުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ދައްކަންޖެހޭ އިލްތިމާޒެއް އޮތުމާއި، އެ އޮތޯރިޓީން ހުއްދަ ދޭ އެ ނޫންވެސް އިލްތިޒާމެއް އޮތުމެވެ. 
ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން ރިސޯޓުތަކުން ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތް އޮތުން ބަދަލުނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ސަރުކާރަށް އަހަރު ފުރުމުގެ މުނާސަބަތުގައި ވިދާޅުވެފަ އެވެ. 
ބައެއް މީޑިޔާއިން އަދި އިދިކޮޅު އެކްޓިވިސްޓުން އަންނަނީ ރައީސްގެ ބަސްފުޅާ އެމަނިކުފާނު ހިލާފުވެވަޑައިގެންފިކަމަށް ބުނެ ވާހަކަތައް ފަތުރަމުންނެވެ. ނަމަވެސް ބިލު އެކުލަވާލާފައި އޮތީ ރައީސް ވިދާޅުވި ގޮތަށް ރިސޯޓުތަކުން 500 ޑޮލަރު އެތަންތަނުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް މާރުކުރަންޖެހޭ ގޮތަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ