މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން އަދި ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުން ބަލައިގަނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި ޕާޓީ ބަދަލުކުރުމާއި ޕާޓީން ވަކިކުރުން ހިމެނުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަަ އެ ކޯޓަށް ބަލައިގަނެފި އެވެ.
އަލީ ހުސައިން ހުށހެޅުއްވި މައްސަލާގައި ފާހަގަކުރެއްވި ގޮތުގައި ބުދަދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ މުހިއްމު ބައެއް މާއްދާތަކާ ހިލާފު އަދި ގާނޫނު އަސާސީގެ މައިގަނޑު އޮނިގަނޑުގެ މަބްދައު ނުވަތަ ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިންއާ ހިލާފު އިސްލާހެކެވެ.
ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅައިގެން ގެނައި އިސްލާހުގައި ހިމެނެނީ މައިގަނޑު ގޮތެއްގައި ތިން ކަމެކެވެ. ފުރަތަމަ ކަމަކީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށް ރާއްޖޭގެ ސަރަހައްދަކަށް ބަދަލުގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ކަނޑައެޅުމެވެ.ދެވަނަ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަަރަކު އޭނާ އިންތިހާބުކުރި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ އެ ޕާޓީން އޭނާ ވަކިކުރުމުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ޕާޓީއަކާ ގުޅުމުން މަޖިލީހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ގެނައި ބަދަލެވެ. އެންމެ ފަހު ބަދަލަކީ ރާއްޖޭގެ ސަރަހައްދުން ބައެއް އަސްކަރީ ބޭނުމަށް ބޭރު ގައުމަކަށް ދޫކުރެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި، ތަމްރީނުތައް ހެދުން ފިޔަވައި އިތުރު ބޭނުމަކަށް ބޭރުގެ ސިފައިންގެ ބަޔަކަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުން ރުހުން ދީގެންކަމަށް ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ. އަލީ ވިދާޅުވި ގޮތުގައި އޭނާ އެ މައްސަލަ ހުށަހެޅުއްވީ އެ އިސްލާހަކީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 8، 26، 75، އަދި 90 ވަނަ މާއްދާތަކާ ހިލާފު އިސްލާހަކަށްވެފައި އެ އިސްލާހަކީ ދުސްތޫރީ އޮނިގަނޑާ މުޅިން ހިލާފު އިސްލާހަކަށްވާތީ ކަމަށެވެ. ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކުރަނީ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމެވެ. އަށްވަނަ މާއްދާއަކީ ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތުގެ ބާރުތައް ހިންގުން ލާޒިމުކުރާ މާއްދާ އެވެ. ގާނޫނުއަސާސީގެ 26 ވަނަ މާއްދާއަކީ ވޯޓުލުމާއި ދައުލަތް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ބަޔާންކުރާ މާއްދާ އެވެ. 75 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުން މަސައްކަތްކުރަންވާނީ ގައުމުގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ކަމަށެވެ. އަދި 90 ވަނަ މާއްދާގައި މަޖިލީހުގެ އިމްތިޔާޒުތައް ބަޔާންކޮށްފައިވެ އެވެ.
މި މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ބަލައިގަނެފައިވާއިރު އެ މައްސަލައަށް އިދިކޮޅު ދެ ޕާޓީކަމަށްވާ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ތަދައްހުލުވާންވަނީ ނިންމާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ