އިދިކޮޅު މެންބަރުން ވިދާޅުވަނީ އޮޅުވާލައިގެން ފައިސާ ޗާޕުކުރަން އުޅޭ ކަމަށް؛ ސަރުކާރުގެ މެންބަރުންނަށް އެއީ ދޮގެއް

އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕު ކުރީ އެކަން ކުރުމަށް ހާލަތެއް މެދުވެރިވެގެން ކަމަށާއި މިއަދު ސަރުކާރުން އެކަން ކުރަން އުޅެނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރައްވާ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ފައިސާ ޗާޕު ކުރާ ކަމަށް މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށް، ވެރިކަން ކުރާ ބާރުގެ ފަރާތުން ކުރާ ކަންތައް ހިނގާ ނުހިގާ ގޮތް ބަލައި ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ވާޖިބު އަދާ ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ބެލުމަށް ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފަ އެވެ.
ތަފްސީލް - މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރަށް ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ ފައިސާ ޗާޕުކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ ކުރާނީ ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް އެނގޭނެހެން ކަމަށް ވިދާޅުވެފަ އެވެ.
ގަރާރަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ އެމްއެމްއޭ އިން ފައިސާ ޗާޕު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު އޭގެ މައުލޫމާތު ސާފުކުރެއްވުމަށް މާލިއްޔަތު ކޮމެޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ޕީއެންސީ މެންބަރުންގެ ރުހުން ނުލިބުމުން އޭގެ ހަގީގަތް ސާފު ނުވި ކަމަށެވެ.
އޭގެ ފަހުން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައިގެން ވެސް އެ މައުލޫމާތު ސާފު ކުރުމަށް ފުރުސަތު ނުލިބުމުން އެކަމާ ގުޅޭ ގަރާރެއް ހުށަހެޅުއްވީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
"މިކަން ކުރާ ކަމަށް އަޅުގަނޑުމެންނަށް އެބަ އެނގޭ [ކުރީގެ] ޑެޕިއުޓީ ގަވަރުނަރު ވަކިކުރަން އުޅެނިކޮށް އިސްތިއުފާ ދެއްވާ [ފޮނުއްވި] ސިޓީގައި އެބައޮވޭ ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް އަދި [އެމްއެމްއޭ] ބޯޑުގައި އެ މަޝްވަރާ ކުރި ކަމަށް،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ، މިއީ ސާފުކޮށް ހިނގާ ކަމެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ."
މެންބަރު ވިދާޅުވީ، ކުރަން އުޅޭ ކަމަކީ ދައުލަތުގެ ބިމެއް އަގުކޮށްފައި އެމްއެމްއޭއަށް ވިއްކުން ކަމަށާއި އެ ބިން އެމްއެމްއޭއަށް ގަތުމުން އެ ބިމަށް ދައްކާނެ ފައިސާ އެމްއެެމްއޭގެ ބެލެންސް ޝީޓުގައި ނެތް ކަމަށެވެ.
"އެމްއެމްއޭ ބެލެންސް ޝީޓުގައި ނެތް 3 ބިލިއަން ރުފިޔާ ވެސް. އެހެން ވެއްޖެއްޔާ ކިހިނެއްތޯ މި 15 ބިލިއަން ރުފިޔާ ދައްކާނީ އެޗްޑީސީއަށް؟ ދައްކަންޏާ ކުރަންޖެހޭ ކަމަކީ އިތުރަށް ބޭނުންވާ ފައިސާ ޗާޕު ކުރުން،" ޝަމްހީދު ވިދާޅުވި އެވެ.
"ފައިސާ ޕްރިންޓު ކުރުމޭ ބުނީމާ މި ހިތަށް އަރަނީ ފިޒިކަލް ފައިސާ ޕްރިންޓު ކުރުމޭ. އެހެންނެއް ނޫން. މިއީ އެމްއެމްއޭގެ ބެލެންސް ޝީޓަށް އެންޓާ ކުރާ އެންޓްރީއެއް. އެސެޓުގެ ގޮތުގައި މި އެޑު ކުރަނީ 15 ބިލިއަން. އެހެން ވެއްޖެއްޔާ އެމްއެމްއޭގެ ތެރެއިން އެޗްޑީސީއަށް ޓްރާންސްފާ ކޮށްގެން މަނިޓަރީ ތެރެއަށް މި ސަޕްލައި ކުރަނީ. އެއީ މިކަން ކުރަން އުޅޭ ގޮތަކީ."
ޝަމްހީދު ވިދާޅުވީ ދައުލަތުން އެމްއެމްއޭއަށް 15 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް މާލީ ހިސާބުތަކުން ފެންނަން އެބައޮތް ކަމަށާއި އެމްއެމްއޭގެ މައްޗަށް ބިން ބަދަލު ކުރުމުން އެ ދަރަނި ހަލާސްވީ ކަމަށް ވެސް ބެލެވިދާނެ އެވެ.
"ފައިސާ ޕްރިންޓު ކުރުމާއި ދަރަނި ހަލާސްކުރުން މިއީ މުދާ ބެނުން ކޮށްގެން ކުރަން އުޅޭ ކަންތައް،" އޭނާ ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ ސަރުކާރުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް ފައިސާ ބޭނުންވާ ނަމަ އެކަން ކުރަން ޖެހޭނީ މަޖިލީހުން ކަމަށާއި އެހެން ގޮތަކުން އެކަން ކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އިބްރާހިމް ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރާ ނަމަ އެކަން ކުރާނީ މަޖިލީހަށް ގެނެސްގެން މަޖިލީހުގެ ރުހުން ހޯދައިގެން ކަމަށެވެ.
ނަމަވެސް ފައިސާ ޗާޕު ކުރުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަމަށް މުސްތޮފާ ވިދާޅުވި އެވެ.
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވެސް ވަނީ ސަރުކާރުން ފައިސާ ޗާޕު ކުރަން ނޫޅޭ ކަމަށް ވިދާޅުވެފަ އެވެ. ފިނޭންސް މިނިސްޓްރީން ވެސް އެމްއެމްއޭގައި އެފަދަ ކަމަކަށް ނޭދޭ ކަމަށާއި އެ މިނިސްޓްރީން އެ ކަމަށް ނޭދެނީސް އެމްއެމްއޭ އިން ފައިސާ ޗާޕު ކުރަން ނުޖެހޭނެ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
އެމްޑީޕީއަށް ނިސްވަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވަނީ މަނިޓަރީ އަދި ފިސްކަލް ޕޮލިސީއާ ގުޅުން ހުރި މުހިއްމު ނިންމުންތައް ނިންމަން ޖެހޭ އިދާރާތަކުގެ ކޮންޓްރޯލު ސަރުކާރުން ނަގައި އެ ތަންތަން ސިޔާސީ ކުރަމުންދާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ފައިސާ ޗާޕު ނުކުރާނެ ކަމަށް ރައީސް [މުހައްމަދު] މުއިއްޒު އެކި ފަހަރު މަތިން ވިދާޅުވެފައި ވާތީވެ، އޮޅުވާލައިގެން ބިން ގަންނަނީ. އެމްއެމްއޭ އަކީ ވިޔަފާރި ކުންފުންޏަކަށް، އިއްޒަތްތެރި ރައީސް، މިއަދު މި ހަދަނީ. މާދަމާ އެމްއެމްއޭ އިން ނުކުމެ ކަންމަތީ ފިހާރަ ހިންގަން ހެދީމާ މިއީ ބޮޑު ޖޯކަކަށް ވެގެން ދާނީ،" މައުރޫފް ވިދާޅުވި އެވެ.
"އެމްއެމްއޭއަށް ބޭނުން ނުވާ ބޮޑު ބިމެއް ގަންނަނީ ފައިސާ ޗާޕުކުރުމުގެ ބޭނުމުގައި. އަޅުގަނޑުމެން މި ދައްކަނީ 15 ބިލިއަން ރުފިޔާ މި ސަރުކާރުގެ ބޭނުމަށް ޗާޕު ކުރަން މަސައްކަތް ކުރާ ވާހަކަ."
ފެންނަނީ ކުލިން އާމްދަނީ ހޯދާ ތަނަކަށް އެމްއެމްއޭ ބަދަލުވާ ތަން ކަމަށާއި މިއީ ޖޯކެއް ކަމަށް ވެސް މައުރޫފު ސިފަކުރެއްވި އެވެ.
"ދުނިޔޭގެ ކޮން ގައުމެއްގެ ސެންޓްރަލް ބޭންކަކުންތޯ މިފަދަ ކަންތައް ކުރަނީ؟ އެހެންވެ މި ދަންނަވަނީ ފައިސާ ޗާޕު ކުރަން އިތުރު ގޮތެއް ނެތިގެން ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ކުރަން އުޅޭ ކަމެކޭ،" އޭނާ ވިދާޅުވި އެވެ.
މައުރޫފު ވަނީ އެފަދަ ކަމެއް ކުރަން އުޅޭ ނަމަ އެކަން މަޖިލީހުން ހުއްޓުވަން ގޮވާލައްވައިފަ އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ވެސް ވަނީ ފައިސާ ޗާޕުކޮށްގެން އެމްއެމްއޭއަށް މުދާ ގަތުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
"ފައިސާ ޗާޕު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ބަހެއް ނެތި، ގާނޫނާ ހިލާފަށް. މިހިސާބަށް އަޅުގަނޑުމެންގެ ހާލަތު ގޮސްފައި މިއޮތީ، ދައުލަތުގެ ބަޖެޓަށް ފައިސާ ނުހޯދިގެން އަދި ސަރުކާރުގެ ހަރަދު ކުޑަ ނުކުރެވިގެން. މިކަންކަން މިހެން ހުރުމުން އެމްއެމްއޭ މި ބަދަލު ވަނީ ކުލިން އާމްދަނީ ހޯދާ ރިއަލް އެސްޓޭޓު ވިޔަފާރިއަކަށް،" އެ މެންބަރު ވިދާޅުވި އެވެ.
"އެމްއެމްއޭ އަކީ މާލީ އިދާރާއެއް. މާލީ އިދާރާތަކުން އާމްދަނީ އާއި ފައިދާ ހޯދަނީ މާލީ މުދަލާއި މުއާމަލާތްތަކުން. ފައިސާ ޗާޕުކޮށްގެން އެމްއެމްއޭއަށް މުދާ ގަތުމަކީ ގާނޫނާ ހިލާފު ކަމެއް. މިހާލަތަށް މިކަން މި ދިޔައީ ސަރުކާރުގެ ފައިނޭންޝަލް ޕްލޭނު ފެއިލް ވެގެން."
މުހައްމަދު ވިދާޅުވީ މި މުއާމަލާތުގެ އިގްތިސޯދީ ނަތީޖާއަކަށް ވާނީ ތަކެތީގެ އަގު އުފުލި، ދިވެހި ފައިސާގެ އަގު ވެއްޓުން ކަމަށެވެ. މީގެ ސަބަބުން އިގްތިސޯދީ ހަމަޖެހުން ގެއްލި އިގްތިސޯދު ފުނޑުފުނޑުވާނެ ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕު ކުރީ ހާއްސަ ހާލަތެއް މެދުވެރިވެގެން ކަމަށާއި ރާއްޖޭގެ އިގްތިސޯދު ދެމި އޮތީ އެ ދުވަހު ފައިސާ ޗާޕުކޮށްގެން ކަމަށެވެ.
"އެ ދުވަހު ފައިސާ ޗާޕު ކުރީތީ އަޅުގަނޑުމެންނަށް މިއަދު ރާއްޖޭގެ އިގުތިސޯދު މިހާ ހިސާބަށް ވެސް މި ގެނެވުނީ،" އޭނާ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން ޝަކުވާ މި ކުރަނީ، އަޅުގަނޑުމެން ކަންބޮޑު މިވަނީ، ހީލަތްތެރިކަމުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އިންވޯލްވްމެންޓެއް ނެތި، އެމްއެމްއޭ އަކީ ސަރުކާރުގެ ބަޖެޓު ފައިނޭންސް ކުރާނެ ޓޫލަކަށް ހެއްދެވީމާ."
ފައިސާ ޗާޕުކުރަން ޖެހޭ ހިސާބަށް މިއަދު އައިސްފައި ވަނީ ސަރުކާރުގެ އެއްވެސް ގާބިލު ކަމެއް ނެތުމުން ކަމަށާއި ބަޖެޓަށް ފައިސާ ހޯދޭނެ އެއްވެސް ސިޔާސަތެއް ވެސް ސަރުކާރުގެ ނެތް ކަމަށް މީކާއިލް ވިދާޅުވި އެވެ.
"އެމްއެމްއޭ އިން ފައިސާ ޗާޕު ކުރީމާ، އެ ފައިސާ ޖަމާވަނީ ރާއްޖޭގެ ލޯކަލް ބޭންކުތަކަށް. އެ ފައިސާ ވަންނަނީ ރާއްޖޭގެ އިގްތިސޯދަށް. ސާކިއުލޭޓުވަނީ ރާއްޖޭގެ އިގްތިސޯދުގައި. [އޭގެ ސަބަބުން] ޑޮލަރުގެ އަގު ބޮޑުވެގެންދާނެ. ރުފިޔާގެ އަގު ވެއްޓިގެން ދާނެ. ލޯންގު ޓާމްގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން އަނެއްކާވެސް ވެއްޓިގެން ދާނެ،" މީކާއިލް ވިދާޅުވި އެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ޝަމްހީދުގެ ގަރާރަކީ ކުށް ހީއެއްގެ މައްޗަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އެ ގަރާރުގައި ބަޔާންކޮށްފައިވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެމްއެމްއޭ އިން ކުރާ ކަންތަކާ ރައީސް މުއިއްޒު ބެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"ސަރުކާރަކުންނެއް ނޫޅޭ ފައިސާ ޗާޕު ކުރާކަށް. ފައިސާ ޗާޕު ކުރާ ނަމަ މިއަދު އަޅުގަނޑުމެން ފިނޭންސް މިނިސްޓަރު މިތަނަށް ގެނެސްގެން މިނިސްޓަރާ ސުވާލު ކުރާނީ،" އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރަން ބޭނުން ނަމަ އެކަން މަޖިލީހަށް ހުށަހަޅައިގެން ގާނޫނުގެ ތެރެއިން އެކަން ކުރަން ވަރަށް ފަސޭހަވާނެ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ މަނިކުފާނު އަމަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވީ ސަރުކާރުން މިހާތަނަށް ފައިސާ ޗާޕު ނުކުރާ ކަމަށާއި ފައިސާ ޗާޕު ނުކުރަން ގެންގުޅޭ ސިޔާސަތު ދަމަހައްޓަން ބޭރުގެ މާލީ އިދާރާތަކުން ވެސް މަރުހަބާ ކިޔައި އެގޮތަށް އެކަން ދެމެހެއްޓުމަށް ލަފާދީފައިވާ ކަމަށެވެ.
"މިހާރުގެ ސަރުކާރުން ފައިސާ ޗާޕު ނުކޮށް މިއޮތް ޕޮލިސީ އެގޮތަށް ދަމަހައްޓާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" އަޒާން ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ހުޅުމާލޭން ބިމެއް ގަތުމަށް އެމްއެމްއޭން އެޗްޑީސީއަށް 14 ބިލިއަން ރުފިޔާ ދައްކަން އެމްއެމްއޭގެ ބޯޑުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ