ލިވަޕޫލްގެ ރެކޯޑް ނިމުމަކަށް، މެންޗެސްޓާ ޑާބީ އެއްވަރު ލިވަޕޫލްގެ ރެކޯޑް ނިމުމަކަށް، މެންޗެސްޓާ ޑާބީ އެއްވަރު

ލަންޑަން (އޭޕްރީލް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 3-2 އިން ލިވަޕޫލް ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލް، 26 މެޗަށް ފަހު ބަލިވިއިރު، އެ ޓީމު މި ވަގުުތު އެއް ވަނައިގައި އޮތީ 31 މެޗުން 73 ޕޮއިންޓާ އެކު އެވެ. ލީގުގައި ބާކީ އޮތް ހަތް މެޗުން 11 ޕޮއިންޓް ހޯދައިގެން، ލިވަޕޫލަށް ޗެމްޕިއަންކަން ހޯދޭނެ އެވެ. މިއީ، މި ފަހަރު ލީގުގައި ލިވަޕޫލް ބަލިވި ދެ ވަނަ މެޗެވެ. އަދި، ރަށުންބޭރުގައި ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗު ވެސް މެ އެވެ.
ލީގުގެ ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 31 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ.
ފުލަމްގެ ދަނޑު ކްރޭވަން ކޮޓޭޖުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ލީޑުނެގި އެވެ. މިއީ، 14 ވަނަ މިނިޓްގައި އަލެކްސިސް މެކް އަލިސްޓާ އޭރިއާބޭރުން ޖެހި ޝޮޓަކުން ކާމިޔާބުކުރި ގޯލެކެވެ. އެކަމަކު، ފުލަމް އިން ވަނީ ލިވަޕޫލްގެ ޑިފެންޑަރުން ހެދި ގޯސްތަކެއްގެ ފައިދާނަގައި ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ.
އެ ގޮތުން، ލިވަޕޫލްގެ ކަނާތު ބެކަށް ކުޅުނު ކާޓިސް ޖޯންސް ހެދި ގޯހަކުން ލަނޑު ޖަހައި، ތަޔާން ސެސެންޔޯން ވަނީ ފުލަމް އަށް އެެއްވަރުކޮށްދީފަ އެވެ. ފުލަމް އިން ލީޑުނެގީ ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ހެދި ގޯހަކުން، އަލެކްސް އިވޯބީ ޖެހި ގޯލުންނެވެ. އަދި، ލީޑުފުޅާކުރީ، ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ހެދި ގޯހެއްގެ ފައިދާނަގައި، ރޮޑްރީގޯ މުނީޒް ޖެހި ގޯލުންނެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލުން ބަދަލަކަށް ކުޅެން އެރި ލުއިސް ޑިއާޒް އެ ޓީމުގެ ދެ ވަނަ ގޯލު ޖެހިއިރު، އިތުރު ގޯލު ޖަހަން، ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އާއި މުހައްމަދު ސަލާހަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުނެވެ. އަދި، ބަދަލަކަށް ކުޅެން އެރި ލިވަޕޫލްގެ ހާވީ އެލިއަޓް ޖެހި ޝޮޓެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭނުމެއްނުކުރެވުނެވެ. މިއީ، ސިޓީގެ ކެވިން ޑި ބްރޭނާ، މެންޗެސްޓާ ޑާބީގައި ކުޅުނު ފަހު ފަަހަރެވެ. އޭނާ ވަނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.
ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-1 އިން ބަލިވެ، ސައުތެމްޓަން ވަނީ ރެލިގޭޓްވެފަ އެވެ. އަދި، ޗެލްސީން ބްރެންޓްފޯޑާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ