އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިންގަވާފައިވާ އަދި ހިންގަވަމުން ގެންދަވާ އަމަލުތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު އިއްޔެ އެމެރިކާގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފި އެވެ.
މިއީ އެމެރިކާގެ 50 ސްޓޭޓްގައި ކޮށްފައިވާ މުޒާހަރާތަކެކެވެ. އެ މުޒާހަރާތަކަކީ އެމެރިކާގެ އިންގިލާބީ ހަނގުރާމަ ފެށިތާ 250 އަހަރު ފުރުމާ ދިމާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކެކެވެ.
ވައިޓް ހައުސް އާއި ޓެސްލާގެ ޑީލާޝިޕްތަކުގެ ބޭރުންނާއި ގިނަ ސިޓީތަކުގެ މަރުކަޒުތަކުން މުޒާހަރާގެ ބައިވެރިން ވަނީ ތަފާތު ޝަކުވާތަކުގެ މައްޗަށް އަޑުއުފުލައި މުޒާހަރާކޮށްފަ އެވެ. ގިނަ ބަޔަކު ވަނީ އޮޅުވާލައިގެން އެލް ސަލްވަޑޯއަށް ޑިޕޯޓްކުރި ކިލްމާރް އަބްރެގޯ ގާސިއާ އެނބުރި ގައުމަށް ގެނައުމަށް ގޮވާލައިފަ އެވެ.
އެމެރިކާގައި ސިޔާސީ މުޒާހަރާތައް އާންމުވަމުން ދަނީ، އޭޕްރީލް މަހުގެ ކުރީކޮޅު ބޭއްވި މުޒާހަރާތަކަކަށް ފަހު އެވެ. އެ ގައުމުގެ އެކި ސިޓީތަކުގައި އެތައް ހާސް ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ޓްރަމްޕްގެ ދައުރުގެ ފުރަތަމަ ކުއާޓަރުގައި ޓްރަމްޕްގެ މަސައްކަތަށް %45 މީހުން ވަނީ ތާއީދުކޮށްފަ އެވެ. މިއީ ޓްރަމްޕްގެ ފުރަތަމަ ސަރުކާރުގައި އެ މުއްދަތުގައި ރުހުން ދިން %41އަށް ވުރެ އިތުރު އަދަދެކެވެ.
ނަމަވެސް މިއީ 1952 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު އިންތިހާބުވި ހުރިހާ ރައީސުންގެ ފުރަތަމަ ކުއާޓަރުގެ ރޭޓިންއަށް ވުރެ ދަށް އަދަދެކެވެ. އެ މުއްދަތުގައި އެވުރެޖުކޮށް ރައީސުން %60އަށް ވުރެ މަތިން ތާއީދު ހޯދަ އެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ޓްރަމްޕްގެ ގިނަ ކަންކަމަށް ވަނީ ފާޑުކިޔާފަ އެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު ވަޒީފާ އިން ވަކި ކުރުން ހިމެނެ އެވެ. ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތުގެ ހަލުއިކަން ދަށްވުމާއި އެލް ސަލްވަޑޯގެ އެބްރެގޯ ގާސިއާ އެނބުރި ގައުމަށް ގެނައުމަށް ސަރުކާރުން ނުރުހުން ފާޅުކުރި މައްސަލަ ވެސް ހިމެނެ އެވެ.
އެ މުޒާހަރާގައި ބައިވެރިވި މީހަކު ސީއެންއެންއަށް ބުނީ އޭނާ ވައިޓް ހައުސް ކައިރީގައި ކުރި މުޒާހަރާގައި ބައިވެރިވީ އެބްރެގޯ ގާސިއާ ޑީޕޯޓް ކުރުމާ ގުޅިގެން އެ ކަމަށް ފާޑުކިޔުމުގެ ގޮތުން ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، ޓްރަމްޕަށް އޭނާ އަނބުރާ ގެނައުމަށް އެލް ސަލްވަޑޯއަށް ފަސޭހައިން ޕްރެޝަރު ކުރެވިދާނެ އެވެ.
އިނގިރޭސީންގެ ވެރިކަމާ ދެކޮޅަށް އެ ގައުމުން އިންގިލާބެއް ފެށި އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ "ރަސްކަމަކަށް ނޫނެކޭ" ބުނެފަ އެވެ.
މިއީ މިނިވަންކަމަށް އެމެރިކާގައި ވަރަށް ނުރައްކާތެރި ދަނޑިވަޅެއް ކަމަށާއި އެމެރިކާ މިނިވަންވި ގޮތް ޒުވާނުންނަށް އެނގެން ޖެހޭ ކަމަށް މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
ހާއްސަކޮށް، އިގްތިސާދަށް ބަލާއިރު ޓްރަމްޕްގެ މަގުބޫލުކަން ދަށަށް ދާ ތަން ފެނެ އެވެ. ޓްރަމްޕް ހުވާ ކުރެއްވި އިރު އޭނާގެ މަގުބޫލުކަން ހުރީ %47ގަ އެވެ. މި ފަހުން އޭނާގެ މަގުބޫލުކަން ވަނީ %43އަށް ވެއްޓިފަ އެވެ.
ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާތައް އެމެރިކާގެ 50 ސްޓޭޓެއްގެ 1،200 ތަނެއްގައި ވަނީ ކޮށްފަ އެވެ.
ޓްރަމްޕާ ދެކޮޅު މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ