ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ޕީއެންސީ މެންބަރުންގެ ތާއީދަށް ރައީސް އެދިވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ތާއީދުކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެންބަރުންގެ ކިބައިން އިއްޔެ އެދިވަޑައިގެންފި އެވެ. އެކަން ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށްޓަކައި ނަގަން ޖެހޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފަރެންޑަމް މި އަހަރު ތެރޭ ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މެންބަރުންގެ އަރިހުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ވީ ކިހިނެއް ؟ - ރައީސް މުއިއްޒު މެންބަރުންގެ ކިބައިން އެގޮތަށް އެދިވަޑައިގެންނެވީ އިއްޔެ މެންދުރު މުލިއާގޭގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު(ޕީޖ)އާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ތަފްސީލު - މެންދުރުގެ ފަރިކޮޅެއްގެ ތެރެއިން ބޭއްވި އެ ބަދަލުވުމުގައި ރައީސް ވަނީ މައިގަނޑު ހަތަރު ވާހަކައެއް މެންބަރުންނާ ހިއްސާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންެވި ބައެއް ބޭފުޅުން ވަނީ މިއަދު އެކަމުގެ މައުލޫމާތު 'ދައުރު'އާ ހިއްސާކުރައްވައިފަ އެވެ.
"އެއް ކަމަކަށް ރައީސް ވިދާޅުވީ މިއަހަރު ތެރޭ ރިފަރެންޑަމްއަށް ދާނެ ކަމަށް. އެކަން މެންބަރުންނާ ހިއްސާކޮށް މެންބަަރުންގެ ތާއީދަށް އެދިވަޑައިގެންނެވި،" ބައްދަލުވުމުގައި އިންނެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް މެންބަރުންނާ ހިއްސާ ކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ:
މީގެ ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް ކައުންސިލަރުންގެ އަދަދު މަދު ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް؛ އެއީ، 500 އިން ދަށުގެ އާބާދީތަކަށް ތިން ކައުންސިލަރުން އަދި 500 އިން މަތީގެ އާބާދީތަކަށް ފަސް ކައުންސިލަރުން ހެދުމަށް
އޭގެ އިތުރުން އަތޮޅު ކައުންސިލު އުވާލުން ވެސް ހިމެނޭ؛ އަދި އެ ނޫން ވެސް ބައެއް އިސްލާހުތައް ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ވާހަކަ ދެއްކެވި
"އެއްބުރުން ރިޔާސީ އިންތިހާބު ނިމޭ ގޮތަށް ހެދުމަށާއި ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ނަގާ ރިފަރެންޑަމްގައި އެކަންކަމަށް ތާއީދުކޮށްދެއްވުމަށް މެންބަރުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި ރަސްމީ އެކި ޖަލްސާތަކުގައި ވެސް ރައީސް ވަނީ ބައެއް ކަންކަމުގައި ރައްޔިތުންގެ ރިފަރެންޑަމްއަކަށް ދާން ބޭނުންވާ ކަން ހާމަ ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތިން ވޯޓު ނުލިބޭ ނަމަ، މިހާރު އޮންނަ ގޮތުން ދެވަނަ ބުރަކަށް ދާން ޖެހޭ؛ ރައީސްގެ ވިސްނުންފުޅަކީ ފުރަތަމަ ބުރުން އެންމެ މަތިން ވޯޓު ލިބޭ މީހަކަށް އިންތިހާބު ކާމިޔާބުވާ ގޮތަށް ހެދުމަށް
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް
ރައީސް ކަމުގެ ހުވާ ކުރައްވާ ދުވަކީ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ނޮވެމްބަރު 11އަށް އަލުން ބަދަލު ކުރުމަށް؛ 2013ގެ އިންތިހާބު ލަސްވުމާ އެކު މިހާރު ހުވާ ކުރަމުން އަންނަނީ ނޮވެމްބަރު 17ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ