ކުށްވެރިޔާ 59

"އުފާވެރި ފުރާނައެއް ވިއްޔާ އެހެން މީހުންގެ އުފަލާއި ނަސީބާއިމެދު ހަސަދަވެރިއެއްނުވާނެއެވެ." *** " އަހަރެންގެ ހެދުންތައް ނަގާލާ....ކަލޭގެ ބާވެ ވީދިފަިއ ހުރި ހެދުންތައް ހިފައިގެން ރަށާށް ދާން ތައްޔާރުވޭ.....މިތާ ކޮންމެހެން ހުންނާނެ ކަމެއް ނެތް.....އެކީގަ ހުއްޓަސް މަ ލަދުން ބޯ ހަލާކު....ބަލާބަލަ ޒަހްރާ މެން ލައި އުޅޭ ރީތި ހެދުންތައް....." އޭނަ އަދީނާއަށް ބަލައިލީ ނިކަމެތިކޮށްލާ ފަދަ ނަޒަރަކުންނެވެ. އަދީނާ ހިތާމައާއެކު ބޯޖަހާލިއެވެ. އޭނާއަށް އިހުސާސްވީ އަހަދުގެ ދިރިއުޅުމަށް އިތުރު ދަތިތަކެއް ކުރިމަތިވާނެކަމެވެ. އެހެންނަމަވެސް މިވަގުތު އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަން އެނގެއެވެ. ނައީމު އޭނާގެ އިސްތަޑިގަނޑުގައި އަތުން ފުނާ އަޅާލަމުން ނިކުތެވެ. *** ވިލްދާންއާއި އަންހެނުން ސެހެރް ބަގީޗާގެތެރޭގައި ސައިބޯންވެގެން ނުކުތްއިރު ފިނި ވައިރޯޅިތަކުގައި ހިފާފައިވީ ޖެސްމިން މަލުގެ މީރުވަހެވެ. ސައިމަލާއި ބޯގަންވިލާ އަދި ޖޭސްމިންފަދަ ގަސްތަކުގެ ފެހިކަމުގެ މެދުގައި ބަހައްޓާފައި ހުރި ވަކަރުމޭޒުމަތީގައި ސެހެރް ނާސްތާ ގެނެސް ބެހެއްޓިއެވެ. ސައިސެޓަކީ ނިކަން ނާޒުކް އަގުބޮޑު ވައްތަރެކެވެ. ޖަގު ގެ މަތިގަނޑުު ނެގުމާއެކު ދުންތައް ކަންނެތްގޮތަކަށް ފިނި ވަޔާއި ލާމެހެންފެށިއެވެ. ސެހެރް ސައިތަށި ތުނބުގައި ޖައްސައިލިއިރު ވިލްދާން އާދައިގެ މަތިން އޭނަގެ ސައިޖޯޑަށް ބަލަހައްޓައިގެން އިނީ ދިރާސާކުރާފަދަ ނަޒަރަކުންނެވެ. އަދި މަޑުމަޑުން ސައި ގިރަމުން ދިޔައީ ވިސްނުމެއްގައި އިނދެއެވެ. "އަބަދުވެސް ކުރާކަމެއް.."ސެހެރް ސަމާސާރާގަކަށް ބުނެލިއިރު ލޮލުގެ ވިދުން ގަދަވިއެވެ."ވިލްދާންގެެ ފިއުޗާ ތީގައި ހުރި ސައިފަތްތައް ކިޔައިދޭނެކަމަށް އުއްމީދުކުރަނީ؟" އޭނަ ހިނި އައެވެ. އަދި ސައިތަށި މޭޒުމަތީގައި ބަހައްޓަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ." އެކަމަކުވެސް އަދިވެސް އަހަރެން އެނގެން ބޭނުންވާ އެއްވެސް ކަމެއް ބުނާކަށް ނޫޅޭ. އަނެއްކާ މި ގިރަނީ ރަގަޅަށް ނޫންތަ؟" ސެހެރް ހިނިގަނޑެއް ޖަހައިލިއެވެ." ފަހަރެއްގައި ކިތައް ކުކީޒްކަމެއް ސެހެރް އަތުން ސްޓީލްކުރާނީ އެހެން ނުބުނާންކަން ނޭގޭ..." "ސްޓީލްކުރުން؟ ތިއީ ނުބައި ލަފުޒެއް....އަހަރެން އެކަމަށް ބުނާނީ ހަމަ އެއްވަރަކަށް ބަހައިލަނީއޭ...." އޭނަް މައުސޫމްކަމަށް ހެދެން މަސައްކަތްކުރިއެވެ. ސެހެރް ހެމުން މަޑުމަޑުން އަތްތިލަ ގެންގޮސް ވިލްދާންގެ އަތްމަތީގައި ބޭއްވިއެވެ. އެ އަތުގެ ހޫނުކަމާއި ބަސްނުމޮށެވޭ ގުޅުް އެ ކުޑަ ކުޑަ ހަރަކާތުންވެސް ދައްކުވައިދިނެެވެ. އެކަކު އަނެކަކުގެ ހާޟިރުގައި ދެމީހުންވެސް އިރުކޮޅަކަށް އެވަގުތުކޮޅަށް ގެއްލިފައި ތިއްބެވެ. އެ ބަގީޗާއަކީ އެހެންނޫނަސް ދެމީހުންގެ ހުނުމާއި ރޭގަނޑު ތަންކޮޅެއް ފަހުން ވާހަކަދައްކަން ތިބުމާއި ހިމޭންކަމާއެކު ތަރިތައްދެކެން ތިބުންފަދަ އެތައް ރެއެއް ހެކިވާ ފަރާތެކެވެ. އެ ވަގުތުކޮޅުގެ ރީތިކަން ގުޅިފައިވީ ހަމައެކަނި ސައިތަށި ނޫނީ އިރުގެ އަލިކަމަކާއި ނޫނެވެ. އެކަމަކު އެދެމީހުންގެ އެތައް އަަރެއްވީ ހިމޭން ގުޅުމާއިމެދުގައެވެ. ހަޔާތުގެ ބައިވެރިންގެ ގޮތުގައި އެތައް އަހަރެއް ވޭތުވެގެން ދިޔައީއެވެ. "އެނގޭތަ؟ މިކަހަލަ ހިތްގައިމު ހެނދުނުން އަހަންނަށް އިހްސާސްކޮށްދެނީ އަހަންނަށް ސެކެރް ލިބުނުކަމީ ކޮންފަދަ ނަސީބެއްކަން..."ވިލްދާންގެ ޖުމްލައިން އެތަނަށް ވެރިވި ދިގު ހިމޭން ނިދުކޮޅު ނިމުމަކަށް ގެނުވިއެވެ. އެ އަޑުވެސް އޯގާތެރިކަމާއި ލޯބިން ފުރިފައިވިއެވެ. "އެހާވަރަށް ޚުޝާމަދުކުރީމަ ދެން އިތުރު ސައިތަށްޓެއް ލިބިދާނެ. އަދި އެންމެ މަކަރޯންއެއް..."ސެހެރްގެ ހިތް ފުރިގެން ބަންޑުންވުމާއެކު ތުންފަތަށްވެރިވީ އުފާވެރިކަމުގެ ހިނިތުންވުމަކެވެ. އެދެމީހުން އެކީގައި ސައިބޮމުން ދިޔައިރު ބަގީޗާއައި ދުނިޔޭގެ އެހެން ހުރިހާ އެއްޗެއް ފޭދިގެންގޮސް ހަމައެކަނި އެ ހިމޭންކަމާއި ލޯބީގެ ވަގުތުކޮޅުގައި ވީ އެދެމީހުން އެކަނި ކަމުގައި ހީކުރެވުނެވެ. ޒަމާންވުމުން ހިމޭންކަމާއެކު އުފެދިގެންދާ ފުން ލޯތްބެވެ. އެދެމީހުންގެ އެކަނިވެރި ދުނިޔެއިން ހޭއްލައްވައިލީ މީހަކު މާބާރަށް ކަރުކެހިލުމުންނެވެ.ދައުވަތު ދިނުމަކާއި ނުލައި އެހެން މީހުން އައުމަކީ ވިލްދާން ކުރާކަމަކަށް ނުވުމުން ސެހެރްއަށްވެސް ކުއްލި ހައިރާންކަމެއް ލިބުނެވެ. "ނައީމް ހާދަ ހެދުނަކާއި...."ސެހެރް އެއްޗެކޭ އަހައިލަން އުޅުމުން ވިލްދާންގެ މޫނުމައްޗަށް ކަންބޮޑުވުމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ. "ޢަނހަ.ނައީމް...ސައިތަށްޓެއް ބޯލަން ޖައްސާލަ...ސެހެރް..އަހަރެމެންނަށް ވަގުތުކޮޅެއް ދީފާނަން."ވިލްދާންގެ ޖުމްލައިން އިތުރަށް ހައިރާންވެފައި އޭނަ ދުރަށް ދިޔައިއިރު ނައީމް އެގޮތަށް އައުމުގެ މަގުސަދާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. ވިލްދާން ހާސްވެފައިވާ މިންވަރުން އެހެން މައްސަލައެއް އުޅޭކަން އެ ތޫނު ސިކުނޑި ދެނެގެންފިއެވެ. ސެެހެްރ ދުރަށް ދިޔުމާއެކު އޭނަ ދައްކަންފެށީ އޭނަގެ އަނދިރި ފޫހި މާޒީގެ ވާހަކައެވެ.މަސްވެރިކަންފަދަ އެކި ކަންތައްތަކުގައި އުޅެމުންގޮސް އޭނައަށް އެހެން މީހުންފަދައިން ރަގަޅު މުސްތަގުބަލެއްނުލިބުނު ވާހަކައެވެ. ރަގަޅު ވަޒީފާގެ ފުރުސަތެއް ނެތްކަމާއި ދަރަނިތައް މަތިމައްޗަށް ފުނިޖެހެމުންދާ ވާހަކައެވެ. "އެ ވާހަކައެއްނޫނޭ. ކިހިނެއް ވިލްދާން ތިހަދަނީ ؟ އަހެދްއާއި މައިރާ އަށް ރަގަޅު އާއިލާއިން ފިރިން ހޯދަދިނީ. އަދި އަހަންނަށް ހަމަ ގަބޫލުނުކުރެވެނީ ދެދަރިން އެއްބަނޑު އެއްބަފާ މީހުންނާއި ދެވައިގެން ކަހާތަން ހިރުވާނުލާ ހުރީމަ. އަދިވެސް މީހަކަށް ހަމަ ކުޑަ ހިލަމެއްވެސް ނުވޭ ދޯ...."ނައީމް އިތުރު ދައުވަތަކާއި ނުލާ ތަށި ފުރެންދެން އެކި ބާވަތްތައް އަޅައިގެން ނިކަން ދަހިކޮށް ކާންފެށިއެވެ. "ތިއީ ކޮންވާހަކައެއް މިހާރު؟"ވިލްދާންގެ ނިތްކުރިން ދާ ހިއްލާލައިފިއެވެ. "އަބަދު ދުނިޔެއަށް ސިއްރުނުކޮށް އަހެދްއަކީ ދަރިއެއްކަން ބުނެފިއްޔާ ހިތަށް ބޮލަށްވެސް ތުރާނުވެ ލުޔެއްލިބިދާނެ ވިލްދާން. ދޮގުތަކެއް ހަދަން ވެއްޖެއްޔާ މަތިމައްޗަށް އެ ހަދަންޖެހޭނީ...ވިލްދަންއަށް ނުކެރެންޏާ މަ އެކަމާ އުޅެންތަ؟" "ކޮންކަމެއް ނައީމް ބޭނުމީ؟"ވިލްދާން ގެ ކެތްތެރިކަން ކޮޅުން ލައިގެންދާންފެށިއެވެ. "ދިރިއުޅުމަކީ ކިހާބޮޑު އިމްތިހާނެއް...ފަހަރަކު ކަމެއް ދިމާވޭ.އެކަމަކު ބަލާލަބަލަ ވިލްދާންގެ ނަސީބު.ރީތި އަންބަކާއި ބޮޑުގެއަކާއި ރީތި ދަރިން. އުފާވެރި ކާމިޔާބު ފާގަތި ދިރިއުޅުމެއް.." "އަހަރެންވެސް ވަރަށް މަސައްކަތުން މިހިސާބަށް އައީ...އަހަރެންނާއި ބެހޭގޮތުން ނޫން. ކީއްވެހެއްޔޭ ތިއައީ؟" "ތިހެން އެހުމަކީވެސް ޖޯކެއް."އޭނަ ވިލްދާންގެ އަތުގައި އޮތް ޑިޒައިނާ ގަޑީގައި އަތް ޖައްސައިިއެވެ."އެނގޭތަ؟އަހަރެންވެސް ބޭނުމީ ތިފެންވަރުގެ މީހަކަށް ވާން. އިއްޒަތާއި މަތީ މަގާމު.އަހަރެންވެސް މާލީގޮތުން ދަތިތަކެއް ކުރިމަތިވެގެން ފައިސާކޮޅެއް ބޭނުންވެގެން މިއައީ...މާބޮޑު އެއްޗެއް ނޫން. ބައިލައްކަ ވަރު ނަމަވެސް....ކުޑަކުޑަކަމެއްނު..ތިހާ ބޮޑު މަހުޖަނަކަށް އެވަރު ނުވާނެ ދޯ އެއްވެސް އެއްޗަކަށް...." ވިލްދާންއަށް ޗުސް ކަނޑައިލެވުނެވެ. ނައީމް އެއްވެސް ވަރަކަށް ބަދަލެއްނައެވެ. އުމުރުން މިހިސާބަށް އައިއިރުވެސް ދުނިޔޭގެ ދަހިވެތިކަމުގައެވެ. "މަށަށް މަލާމާތް ކުރާނެކަމެއްނެތެއްނު. ވިޔަފާވެރިއެއްގެ ދަރިއަކުު ނިކަމެތި ހާލުގައި މިހުރިހާ ދުވަހު އުޅެބޮޑުވީ އެކަމަކު މާތްރަސްކަލާނގެ އެ ދަރި ތިމާގެ ލޮލުގެ ކުރިމައްޗަށް ގެންނެވީ"އޭނަ ހިނިގަނޑެއް ޖަހައިލަމުން ހަނދާންކޮށްދިނެވެ. "އަހަރެން ވިސްނާލާފައި ޖަވާބެއްދޭނަން.." "މަށަކަށް މާގިނަ ވަގުތެއް ނެތް...މުއްސަދިން އެހާވަރަށް ކަންތައްތަކާއި ވިސްނާ ފިކުރުކުރަން ޖެހޭކަމެއް މަ ނުދެނެހުރިން..ކަލޭމެން އަތުގައި ނެތީ ކޯނޗެއް؟ މިހިރަ ޖޯޑުސެޓްވެސް ވިލާތުން ގެނެއްސަ ދޯ...މިއީ ރަސްކަލުންގެ ފެންވަރު...މާތްކަލާކޯ....ވިލްދާން.. މަ ބުނިވަރަށް ނުދީފިއްޔާ މުޅި ދުނިޔެއަށް........." ވިލްދާންއަށް އިސްތަށިގަނޑުގައި އަތް ހިންގައިލެވުނެވެ. *** ކާރު ހޮސްޕިޓަލާއި ކައިރިވިތަނާހެން ކުއްލިއަކަށް އަހެދް ހޭވެރިކަންވެ ތެދުވެ އިށީނެވެ. ކައިލްއަށް އޮޅިގެން ސުވާލުކޮށްލެވުނީ އަހެދް ޕީނަޓްހުރި އެއްޗެއް ކައިގެން ނުގުޅޭގޮތްވީހެއްޔޭ ކިޔާފައެވެ. މުރުތަސިމްވެސް ކުޑަކޮށް ހައިރާންވީ އެހާ ސާފުބަހުން އަހެދް އެލާޖިކްވާއެއްޗެއް ކަައިލްއަށް އެނގުނުގޮތެއް ނޭގިފައެވެ. "އެއްވެސް އެއްޗެއް ކައިގެނެއްނޫން. މާބޮޑަށް ވަރުބަލިވެ އަނބުރައިގަތީ..."އަހެދް ވަގުތުން ކޮނޑު އަރުވައިލިއެވެ. މުރުތަސިމްއަށް ވިސްނުނެވެ. އަހެދް ގަސްތުގައި އަނބުރައިގަންނަކަމަށް ހެދުނީއެވެ. އެލީޒީއާއި ހަސަދަވެރިވީކަން ނޭގެއެވެ. ކައިލް އިނުމުން އެވާހަކަ ފަށަން ބޭނުން ނުވެ އޭނަ ހިމޭންކަން ޚިޔާރުކުރިއެވެ. *** ކޮޓަރީިތެރޭގައި ރަސްކަން ކުރަނީ އިރުގެ ހިތްގައިމު ހުދު އަލިކަމެވެ. އެއްފަރާތުގައި ފޮތް ހަރުގަނޑެއްހުރިއިރު އެ ހަރުގަނޑު ފުރެންދެން އެކިބާވަތްބާވަތުގެ ފޮތްތަކެވެ. މިހާރަކަށް އައިސް މައިރާ ދީނަށް ލޯބިކުރާވަރުން އެކިކަހަލަ ދީނީ ފޮތްތައް ގަނެގެން ގެނެސް އެ ހަރުގަނޑުގައި ފޮތްތައް ތަންކޮޅެއް ގިނައެވެ. އެއްފަރާތުގައި ހުރި ސޯފާގޮނޑީގައި މައިރާ އިށީދެލައިގެން އިންއިރު އުނގުމަތީގައި މަޑު ކުޝަންއެއް އޮތެވެ. ހުޅުވާލެވިފައިވާ މުސްހަފެއް އޭގެ މަތީގައެވެ. މައިރާ މަޑުމަޑުން ލަސްލަހުން ކިޔަވަމުން ދިޔައީ ތަރުޖަމާވެސް ކިޔަމުންނެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި ޒަވިއާރު ވަދެގެން އައިކަމެއްވެސް ނޭގުނެވެ. "އަހަރެމެންނަށް ވާހަކަދައްކައިލެވިދާނެ؟" ޒަވިއާރު ހަށަން ބަދެލިއެވެ. "އޮފްކޯޒް.....ކިހިނެއްވީ؟"މައިރާ އިސްއުފުލާ ބަލައިލިއެވެ. "ކޮންއިރެއް ނުފެނިގެން ހޯދާތާ. ގުޅުނު އަދަދެއްވެސް ނޭގޭ. ފޯނުވެސް މުހިއްމެއްނުވޭ ދޯ...ކީއްވެ މައިރާ؟މިހާއަވަހަށް ދެމީހުން ދުރުވާންވެއްޖެއްޔާ މައްސަލައެއް...." މައިރާއަށް މައްސަލައިގެ ސީރިއަސްކަން ވިސްނި އަވަހަށް މުސްހަފް ލައްޕާލައިފިއެވެ."ޒަވިއާ އަބަދު ތިބުނާ އެއްޗަކީ އަހަރެން ދީނީކަންތައްތަކަށް އިސްކަންދޭ ވާހަކަ...." "އެކަހަލަގޮތެއް..މިބުނަނީ ތި ދީނީ ކަންތައްތަކާއިހެދި އަހަރެމެން ދެމީހުންގެ ގުޅުމަށް އަސަރުކުރަމުންދާކަން ފާހަގައެބަވޭ މައި...މައިއަށް އަހަންނަށް ވަގުތެއް ނުދެވޭ. ނުފެނިގެން ހޯދާއިރު ނަމާދުގޭގައި ނޫނީ ދީނީ ފޮތެއް ހިފައިގެން..މި ބިލީފްއަކާއި ހެދި އަހަރެމެން ދެމީހުންގެ ދިރިއުޅުމަށް ހިޔަނި އެބައެޅޭ. ސީރިޔަސްލީ..."ޒަވިއާރު ބުމަ ކުޑަކޮށް ކައިރިކޮށްލިއެވެ. "ޒަވިއާ ގޭގައި ނެތީމަ މިތަނަށް މިވަދެލީ..ހެދުނުއްސުރެ މިހާއިރުވާންދެން ޚަބަރެއްނުވީމަ ހަމަ ދެން ހިތަށް އެރީ ގުރުއާން ކިޔަވައިލަން... ހިނގާ ސައިބޯން. ޕިއްޒާއެއްވެސް ހެދިން..............." "އަހަރެން ސުވާލެއްކޮށްލަންތަ؟ ކީއްވެ ރަގަޅުމީހުންނަށް ދެރަގޮތްތައްވަނީ؟" "ބަޓް ދެޓްސް ދަ ބިއުޓީ އޮފް ފެއިތް ޒަވިއާ.....ދުނިޔެއަކީ އިމްތިހާންގެ........"މައިރާ ވާހަކަދައްކަން ފެށުމުން ޒަވިއާރު އަނގަމަތީގައި އަތް އެޅިއެވެ. "ޕްލީޒް ހުއްޓާލާ...އުސްތާޒާ މައިރާ. މިވަގުތަކުނޫން. އަހަރެންގެ މޫޑު އިތުރަށް ގޯސްނުކުރޭ.........ކަޅުކޮފީއެއް ބޭނުމީ.."ޒަވިއާރު މައިރާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތުމުން އޭނައަށް ބޯ ހޫރައިލެވުނެވެ. އޭނަ ހާދަ ވަރަކަށް ދުޢާކުރެއެވެ. ޒަވިއާރުއަށް ހިދާޔަތް ދެއްވުމަށެވެ. ތަގުވާވެރި ޒުވާނަކަށްވުމަށެވެ. ދުނިޔެއަކީ މަދުދުވަސްކޮޅެއްގެ އުފަލެކެވެ ވަގުތީ ފާލަމެކެވެ. ދުނިޔެއިން ތިމާ ދާންޖެހެނީ ކޮންވަގުތަކުކަމެއް އެއްވެސް އިންސާނަކަށް ނޭގޭނެއެވެ. ކިޔޫގައި ތިމާގެ ނަމްބަރު އޮތް ހިސާބު އެނގޭނަމަ އެންމެންވެސް ބިރުގަންނާނެއެވެ. އާޚިރަތަށް މަސައްކަތްކުރާނެއެވެ. އެމީހުންނަށްވެސް ދުނިޔެއިން އެތައް ބައިވަރު ނިއުމަތް ދެއްވާފައި ދުނިޔެއިން މަދުވާ އެއްޗެއްނެތެވެ. އެއާއެކު އާޚިރަތަށް މަސައްކަތްކުރުމުން ދެދުނިޔޭގެ ނަސީބުވެސް ލިބިގެން ދާނެކަމަށް އޭނަ ޔަގީނުންވެސް ގަބޫލުކުރެއެވެ. ކުރީކޮޅު މައިރާއަށްވެސް ދީނާއިބެހޭގޮތުން މާބޮޑު އެއްޗެއް ނޭގެއެވެ. ޝައުގެއްވެސް ނެތެވެ. ނަމަވެސް ދީނީ ދަރުސްތައް ބަލާ ފޮތްތައް ކިޔުމުގެ އިތުރުން ގުރުއާންގެ ތަރުޖަމާއާއި ތަފްސީރު ކިޔަންފެށުމުން އޭނައަށް ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުވާކަން ވިސްނުނެވެ. އެކަމުން އިތުރު ހިތްވަރާއި އުފާވެރިކަން ލިބި ނަމާދުތައް ގިނަކުރެވުނެވެ.ގަވާއިދުން ޒިކުރުކޮށް ސުންނަތްނަމާދުތަކާއިއެކު ގުރުއާން ކިޔަވަން ފެށުމުން ރޫހާނީ ފިނިކަމެއް ހިތަށް ލިބުނެވެ. ކިތައް މީހުން ގުރުއާނުގެ ދެލިގަނޑު ކިޔަވާހެއްޔެވެ؟ އެއްވެސް އަަސަރެއް ނުކުރަންޏާ އީމާންކަމުގެ ފޮނިކަން ނުލިބެނީއެވެ. އޭނަ ބޭނުންވަނީ ރޫހާނީ ފޮނިކަމެވެ. އެއާއިއެކު އޭނަގެ ދަތުރުގެ ބައިވެރިއަކަށް ޒަވިއާރުވެސް ވުމެވެ. މި ރޫހާނީ ދަތުރުގައި އޭނަގެ އަތުގައި ހިފުމަށެވެ. *** ޒަވިއާރު ލެޕްހިފައިގެން ސޯފާގައި މަސައްކަތެއްގައި އިންދާ ޒަހްރާ ދޮރުމައްޗަށް އެރިއެވެ. އަތުގައި އޮތީ ލޮލަށް އަޅާ ބޭސްފުޅިއެވެ."ދަރިފުޅު މަންމައަތަށް މިފުޅި ދިނަސް އަޅާނީ ކިހިނެއް؟ މަންމައަކަށް ނޭގޭ މީތި ކަނޑަން..." "އޯ....އެހެންތަ؟ މިއަންނަނީ މަންމާ..ފައިވް މިނިޓްސް.." ބަރާބަރު ފަސްމިނިޓްފަހުން އަނެއްކާ ދޮރުގައިޓަކި ދީފައި މަންމަ ވަނުމުން ޒަވިއާރުއަށް ބަލައިލެވުނެވެ."މަންމާ ކީކޭ؟" "ކޮބާ ދަރިފުޅު ނުނިމޭތަ؟" "ހޫމް......" "މިހިރީ ސައިތަށްޓެއް. މަސާލާ ސައި...ޒަވިއާއަށް މީރު އެއްޗެއްނު...." "ބަހައްޓާ މަންމާ ފަހުން ބޯލާނަން.."އޭނަ އަނެއްކާވެސް ލެޕަށް ސަމާލުކަން ދިނެވެ. ޒަހްރާ ކޮޓަރިތެރޭގައި އުޅޭކަން އެނގުނަސް އޭނައަށް މަންމައަށް ވަގުތެއް ނުދެވުނެވެ. އެންމެފަހުން އޭނަގެ މަންމަ ސޯފާގައި އިށީނުމުން ބަލައިލެވުނެވެ. "ސައިތަށި ފިނިވެއްޖެއެއްނު..." "ދެންމެ ކޮފީ ބޮއިގެންނޭ އައީ. މަންމަ ސައިތަށި ބޯލަންވީނު.." "ދަރިފުޅު މަންމަ ވާހަކައެއް ދައްކައިލަން ބޭނުން..." "މަންމާ މިވަގުތު ބިޒީ...ފަހުން ވާހަކަދައްކައިލާނީ.." ޒަހްރާގެ ލޯ ތެމޭގޮތްވިނަމަވެސް ހިތްވަރުކޮށްލިއެވެ. ދަރިފުޅާއި ވާހަކަދައްކާ ކުރިންހެން އުޅޭނެ ފުރުސަތަކަށް ބެލިނަމަވެސް ދަރިން ބޮޑެތިވުމުން ކޮންމެވެސް ވަރަކަށް އެކުދިން ދުރަށް ދާކަމުގެ އިހުސާސްވަނީ ކީއްވެހެއްޔެވެ؟ނޫނީ އޭނައަށް ޝައްކެއްވަނީހެއްޔެވެ؟ "މަންމައަށް އެނގޭ. އެކަމަކު މުހިއްމު ވާހަކައެއް ވެއްޖެއްޔާ........." "އެނގޭ މަންމާ. އެކަމަކު ބައިވަރު މަސައްކަތް ނިންމަން އެބަޖެހޭ..މަންމަ އަބަދުވެސް ގޭގައި...އެކަމަކު އައި ހޭވް މައި ހޯލް ލައިފް ޓު ޑީލް ވިތް.."އެއާއެކު ފުން ނުތަނަވަސް ހިމޭންކަމެއް ދެމިގެން ދިޔަގޮތުން ޒަވިއާރުއަށްވެސް އުދަގޫވިއެވެ. މަންމައާއި ވާހަކަދައްކާއިރު ތަންކޮޅެއް ހަރުކަށިކޮށް ވާހަކަދެއްކެނީ އޭނައާއި މައިރާގެ ދޭތެރޭގައި އޮތް ނުތަނަވަސްކަމާއިހެދިހެއްޔެވެ؟އެބަސްތައް ބުނެވުނުކަމުގެ މޮޔަހީވިއެވެ. އޭނަ ބުނިގޮތުން މަންމަގެ ހިތުގައި ޖެހިދާނެހެއްޔެވެ؟ މަންމައަށް ރީތި ހަދިޔާއެއް ގެނެސްދޭނީއެވެ. ޒަވިއާރުގެ ލެޕްގެ ސްކްރީނުން އެކޮޓަރިތެރެ ދިއްލިފައިވާއިރު އެދެމީހުންގެ ދޭތެރޭގައި ނުފެނުނަސް ކޮންމެވެސް ކަހަލަ ފާރެއް ލެވިއްޖެއެވެ. ޒަހްރާ ކޮފީ މޭޒުމަތީގައި ހުރި ސައިތަށި ނަގައިގެން ދާން ހިނގައިގަތެވެ. އޭނައަށް ނުފެނުނީ އެ މަންމަގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެވެ. "މަންމާ....ކޮން ވާހަކައެއް ބުނަން މަންމަ އުޅުނީ؟" "މަންމާ...މަންމާ....މަންމަ މިސްވެގެން........"އަލްބާން ހުއްދަ ހޯދުމެއްނެތި ކޮޓަރިއަށް ވަންއިރު ތަނުގެ އަލި ފަނޑުކަމުން ތަނެއް ދޮރެއް ވަތްކެއްނުވެއެވެ. "އަޖައިބެއްނު. ނޮކް ކުރަން ނޭގެނީތަ؟" "މަންމަ މި ރޫމަށް ވަންތަން ފެނިގެން އައީމް ނޮކްކުރަން ނުޖެހޭނެކަމަށް ހީކުރީ....މަންމާ ޒަވިއާރު މަންމަ ގެނެސްދިން ސައި ނުބުއީތަ؟ގެނޭ އަޅުގަނޑު ބޭނުން..."އަލްބާން އެސައިތަށި ތަބަކުން ނެގިއެވެ."އޯ...މަންމަ ކްރައިން؟ ކިހިނެއްވީ؟" "މަންމަގެ ލޮލުން ފެން އަންނަ ވާހަކަ ޒަވިއާ ކައިރީ ދެންމެވެސް މިބުނީ....ދެން މަންމަ ރޯންވީ ކޮންކަމަކާއިތަ؟"ޒަހްރާ ހިނިގަނޑެއް ޖަހައިލިއެވެ. އަލްބާން އޭނަގެ މަންމަގެ ކޮނޑުގައި އަތް ބާއްވައިލަމުން ގަޔަށް ލައްކޮށްލައިގެން ހުރެ ހިނގައިގަތީ ސައިތަށިވެސް ބޮމުންނެވެ. ޒަވިއާރު ލެޕަށް ނަޒަރު ހުއްޓައިލިނަމަވެސް އޭނައަށް މަސައްކަތެއް ނުކުރެވުނެވެ. "ޑޭމް.......ކިހިނެއް މިވަނީ؟"އޭނަ އެނދުމައްޗަށް ލެޕް ޖަހައިލަމުން ބެލްކަނީގެ ދޮރުގައި ގޮށްމުށްކަވާފައި ޖެހިއެވެ. *** ކޮޓަރިތައް ހަލަބޮލިވެފައިވަނީ އެންމެން އުމްރާއަށް ފުރަންވެގެން ފޮށިތައް ޕެކްކުރުމުގެ ކަންތައްތަކާއި އުޅޭތީއެވެ. އަލްބާން އޭނަގެ މަންމަ ޒަހްރާ ގާތުގައި އެދެމުން ދިޔައީ ބާބިލްވެސް އެދަތުރުގައި ބައިވެރިވުމަށެވެ. "ފިރިއަކު ހުއްޓާ ބާބިލްއަށް އޭނަ ދޫކޮށްފައި ދެވޭނީ ކިހިނެއް؟ "ހޫމް...އަލްބާން ބާބްގެ ފިރިއަކަށްވާން ބޭނުންވަނީތަ؟" ޖޫރީ ސަމާސާ ހިނިގަނޑެއް ޖަހައިލިއެވެ. "އާނ..."އަލްބާންވެސް ސަމާސާގައި ބައިވެރިވިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ