ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގެ 12 ގޮނޑީގެ ތެރެއިން 8 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކޮށްފިއެވެ.
މި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިހާބުގައި ޕީއެންސީއަށް 8 ގޮނޑި ލިބިފައިވާ އިރު، އިދިކޮޅު އެމްޑީޕީއަށް 2 ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް 2 ގޮނޑި ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އެގޮތުން ނ. ލަންދޫ ކައުންސިލް މެންބަރުގެ ގޮނޑި އާއި، ލ. ގަމު، ގއ. ކަނޑުހުޅުދޫ، ހދ. ހިރިމަރަދޫ، ތ. ބުރުނީ، ބ. ގޮއިދޫ، ރ. އިންނަމާދޫ އަދި ނ. ފެހެންދޫ އަންހެނުންގެ ތަރައްީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ ގޮނޑިތައް ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ. އދ. ހަންޏާމީދު އާއި ނ.މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ. އަދި ހދ. މަކުނުދޫ ކައުންސިލްގެ ގޮނޑި އާއި ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ވަނީ އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކުން ކާމިޔާބު ކޮށްފައެވެ.
މިފަހަރު ބައި-އިލެކްޝަން ބޭއްވުމަށް ޖުމްލަ 33 ގޮނޑިއަކަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް މީގެތެރެއިން 21 ގޮނޑިއަށް އެންމެ ކެންޑިޑޭޓަކު ވާދަކުރުމާ ގުޅިގެން އެ ކެންޑިޑޭޓުން ވަނީ އިންތިހާބަކާ ނުލައި ގޮނޑި ކާމިޔާބު ކޮށްފައެވެ.
މިއީ 2 ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބެކެވެ.
މިއަދުގެ ބައި-އިލެކްޝަން: 12 ގޮނޑީގެ ތެރެއިން 8 ގޮނޑި ޕީއެންސީ ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ