މި ސަރުކާރުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރާނެ ކަމަށް ބުނެފައި ވާއިރު، ވެރިކަމަށް އެއް އަހަރާއި ދެ މަސް ވެގެން ދިޔައިރު ވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނު ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް އަދިވެސް އާންމެއް ނުކުރި އެވެ.
ސަރުކާރުން ކުރިން ބުނެފައި ވަނީ ރައީސް މުއިއްޒުގެ ވިސްނުމަކީ ވެސް މާލީ ބަޔާންތައް އާންމު ކުރުން ކަމަށެވެ. އެހެން ވިދާޅުވީ ރައީސް މަގާމާ ހަވާލުވެވަޑައިގަތްތާ ދެ ދުވަސް ތެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެވެ.
ނަމަވެސް, އޭގެ ފަހުން މިއަދާ ހަމައަށް 445 ދުވަސް ފާއިތުވިއިރު ވެސް މާލީ ބަޔާންތައް ރައީސް އޮފީހުގެ ވެބްސައިޓަކަށް ނުލަ އެވެ.
ވެރިންގެ މާލީ ބަޔާން ހާމަކުރާނެ ދުވަހެއް ހޯދުމަށް "އަދަދު" އިން މިހާތަނަށް ކޮށްފައިވާ މަސައްކަތް ކާމިޔާބުވެފައި ނުވެ އެވެ. މާލީ ބަޔާންތައް ހާމަ ކުރަން ކުރަމުންދާ މަސައްކަތެއް ސަރުކާރަކަށް ނުބުނެދެވުނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނާއި, ނައިބު ރައީސް ފައިސަލް ނަސީމާއި, ވަޒީރުންނާއި, ރައީސް އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރީ ވެރިކަމަށް 55 ވަނައަށް ވީ ދުވަހު ޖެނުއަރީ 10, 2019 ގަ އެވެ. އެ އޮފީހުގެ ރެކޯޑުތަކުން މި ބަޔާންތައް އެ ދުވަހު ހާމަކޮށްފައި ހުރިކަން އެނގެ އެވެ.
އޭގެ މަސްތަކަކަށް ފަހު, އެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންގެ މާލީ ބަޔާންތައް ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރި އެވެ. އަދި, އަހަރަކު އެއްފަހަރު މާލީ ބަޔާންތައް އާންމުކުރި އެވެ.
މާލީ ބަޔާންތައް އާންމުނުކުރާއިރު ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ ގިނަ ތުހުމަތުތަކެއް މި ސަރުކާރުގެ އެކި ފަންތީގައި ތިބި ވެރިންގެ މައްޗަށް ވަނީ އަމާޒުވެފަ އެވެ.
ވެރިކަމަށް 445 ދުވަސް، ވެރިންގެ މާލީ ބަޔާންތައް އަދިވެސް ބޮޑު ސިއްރެއްގެ ގޮތުގައި! ވެރިކަމަށް 445 ދުވަސް، ވެރިންގެ މާލީ ބަޔާންތައް އަދިވެސް ބޮޑު ސިއްރެއްގެ ގޮތުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ