ބިދޭސީންގެ ޑޭޓާ އެއްކުރުމުގެ ޚާއްސަ މަސައްކަތްތަކެއް މިއަދު ރެހެނދި ސްކޫލުގައި

މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އަދާހަމަކުރުމަށް ހޯމް މިނިސްޓްރީން މިއަދު ޚާއްސަ ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.
އެގޮތުން، މާލެ، ހުޅުމާލެ، ހުޅުމާލެ ދެވަނަ ފިޔަވަހި، ތިލަފުށި އަދި ގުޅީފަޅުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ އަދާހަމަ ކުރުމުގެ މަސައްކަތް ވަޒީފާ ދޭ ފަރާތުން މިނިސްޓްރީ އާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެދި އެ މިނިސްޓްރީން ވަނީ މި ހަފްތާ އިއުލާނެއް ކޮށްފައެވެ.
އެ މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ ޕްރޮގްރާމް، ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި މިއަދު ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00 އަށް ކުރިއަށ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ބަޔޯމެޓްރިކްސް ނެގުމުގެ އެންމެހާ އިންތިޒާމްތައް އެ ވަގުތު ތަކުގައި ރެހެނދި ސްކޫލު ހޯލުގައި ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަޒީފާ ދޭ ފަރާތްތަކުން ބިދޭސީންގެ މައުލޫމާތު އަދާހަމަ ކުރުމަށް ވަނީ އަންގާފައެވެ. އެ މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް ޑޭޓާ އަދާހަމަ ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑުކޮށް ޚިދުމަތް މެދުކަނޑައިލާނެއެވެ.
މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް މިނިސްޓްރީން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ