އަރަބި ސަމިޓާއި އޯއައިސީ ބައްދަލުވުމުގައި ފަލަސްތީނު ރައްޔިތުން ގާޒާއިން ބޭރުކުރުމަށް ޓްރަމްޕް ހުށަހަޅާ ޕްލޭން ބަލައިނުގަތުމަށް ހަމާސްއިން ގޮވާލައިފި

ފަލަސްތީނުން ގާޒާއިން ބޭރުކުރުމަށް ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ޕްލޭން ބަލައިނުގަތުމަށް މިމަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢަރަބި ސަމިޓުގައި ބައިވެރިވާ ލީޑަރުންނަށް ހަމާސްއިން ގޮވާލައިފި އެވެ.
"ފަލަސްތީނު މީހުން މަޖުބޫރުން ގާޒާއިން ބޭރުކުރުމުގެ ހުށަހެޅުމާ ދެކޮޅަށް މިސުރު، ޖޯޑަން، ސައޫދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުން އަޅާ ފިޔަވަޅުތަކުގެ އަގުވަޒަންކުރަން،" ޙަމާސްގެ ސްޕޯކްސްމަން ހާޒިމް ގާސިމް ބަޔާނެއްގައި ބުނެފައިވެއެވެ.
އަރަބި ސަމިޓާއި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މިނިސްޓީރިއަލް ބައްދަލުވުމުގައި "ޓްރަމްޕްގެ ޕްލޭނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، އެ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށް އެކުގައި އަރަބި-އިސްލާމީ ސްޓްރެޓެޖީއެއް އެކުލަވާލުމަށް" އޭނާ ގޮވާލި އެވެ.
"ފަލަސްތީނު މީހުން ގާޒާއިން ބޭރުކުރުމާ ގުޅޭގޮތުން ޓްރަމްޕް ދައްކާ ވާހަކަތަކުން ދައްކުވައިދެނީ އޭނާގެ ވިސްނުން އިސްރާއީލު ސަރުކާރުގެ ހައްދުފަހަނައަޅާފައިވާ ފަރާތްތަކާ އެއްގޮތްވާކަން،" ގާސިމް ބުންޏެވެ.
ފެބްރުއަރީ 27 ގައި ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ލީގުގެ ކުއްލި ސަމިޓަށްފަހު އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް މިސުރުން ވަނީ އިއުލާންކޮށްފަ އެވެ.
މިސުރުގެ ޚާރިޖީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފަލަސްތީނު މައްސަލައިގެ ކަންތައްތަކާ ގުޅޭގޮތުން އޯއައިސީގެ މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު މަޝްވަރާތައް ކުރަމުންދެ އެވެ.
ޢަރަބި ސަމިޓަށްފަހު އޯއައިސީގެ މިނިސްޓީރިއަލް ފެންވަރުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމާމެދު ފުޅާ ދާއިރާއެއްގައި އެއްބަސްވުން ވަނީ ހާސިލުވެފައިކަން ފާހަގަކޮށްފައިވެ އެވެ.
ޓްރަމްޕްގެ ގާޒާ ޕްލޭނާދެކޮޅަށް އުރްދުއާން ފާޑުވިދާޅުވެއްޖެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ގޮންޖެހުންތައް"، ޚާއްސަކޮށް ފަލަސްތީނު މީހުން ގާޒާއިން ބޭރުކުރުމުގެ ހުށަހެޅުންތަކަކީ ދުނިޔޭގެ ސުލްހައަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށް ތުރުކީގެ ރައީސް ރަޖަޕް ތައްޔިބް އުރްދުއާން އިންޑޮނީޝިއާގެ ޓީވީ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.
"ތެދުތެދަށް ދަންނަވާނަމަ، ފާއިތުވި ދުވަސްތަކުގައި މިސްޓަރު ޓްރަމްޕް އަމަލުކުރައްވާފައިވާ ގޮތާއި މިހާރު ދުނިޔޭގެ ގިނަ ގައުމުތަކަށް ދެއްވާ ގޮންޖެހުންތަކާއި ދައްކަވާ ވާހަކަފުޅުތަކަކީ ރަނގަޅު ކަންތައްތަކެއް ކަމަކަށް އަޅުގަނޑު ނުދެކެން. އަދި މިއީ ހެޔޮ ކުރިއެރުމެއްގެ ގޮތުގައި ވެސް ނުދެކެން،" އުރްދުއާން ވިދާޅުވި އެވެ.
ޓްރަމްޕްގެ ގާޒާ ޕްލޭނާ ދެކޮޅަށް ޔަހޫދީ ލީޑަރުން އިހުތިޖާޖުކޮށްފި
 ގާޒާ ސަރަހައްދުން ފަލަސްތީނު މީހުން މަޖުބޫރުން ބޭރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ހުށަހެޅުމާ ދެކޮޅަށް ނިއުޔޯކް ޓައިމްސްގައި ޝާއިއުކުރި އެއް ސަފްހާގެ އިޝްތިހާރެއްގައި 350 އަށްވުރެ ގިނަ ރެބައިންނާއި އެތައް ޔަހޫދީ ފަންނާނުންނަކާއި އެކްޓިވިސްޓުންނެއް ވަނީ ސޮއިކޮށްފަ އެވެ.
މި އިޝްތިހާރުގައި ސޮއިކުރި ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ޕްލޭރައިޓް ޓޯނީ ކުޝްނާ، ކޮމީޑިއަން އަދި އެކްޓަރު އިލާނާ ގްލޭޒާ އަދި އޮސްކާ އެވޯޑް ލިބިފައިވާ ޖޮއަކިން ފީނިކްސް ހިމެނެ އެވެ.
"ޓްރަމްޕް މިހާރު ގޮވާލައްވާފައި އެވަނީ ހުރިހާ ފަލަސްތީނު މީހުން ގާޒާއިން ބޭރުކުރުމަށް. ނަސްލީ ސާފުކުރުމާ ދެކޮޅަށް ޔަހޫދީން ބުނަނީ ނޫނެކޭ!" އިޝްތިހާރުގައި ބުނެފައިވެ އެވެ.
"އަޅުގަނޑުމެންގެ މެސެޖަކީ ފަލަސްތީނު މީހުންނަށް އެކަނި ނޫންކަމާއި، އަޅުގަނޑުމެންގެ ސަމާލުކަން އެއްވެސް ވަރަކަށް ކުޑަވެފައި ނުވާކަމާއި، ގާޒާގައި ނަސްލީ ސާފުކުރުމެއް ހިންގުން ހުއްޓުވުމަށް އަޅުގަނޑުމެންގެ ހުރިހާ ބާރަކުން މަސައްކަތްކުރުމަށް ވަރަށް ބޮޑަށް ގަސްތުކޮށްގެން ތިބިކަން،" އިން އަވަ ނޭމް ކެމްޕޭންގެ ޑިރެކްޓާ ކޯޑީ އެޖަލީ ބުނެފައިވެ އެވެ.
ގާޒާއަށް ގެންދިއުމަށް މިސުރުގައި އިމާރާތްކުރާ ތަކެތި ތައްޔާރަށް
ގާޒާއަށް ގެންދިއުމަށްޓަކައި އެތައް ބުލްޑޯޒަރަކާއި، އިމާރާތްކުރާ ވެހިކަލްތަކާއި، މޮބައިލް ހޯމް އުފުލާ ޓްރަކުތަކެއް ރަފާހު ބޯޑަރު ކްރޮސިންގައި ބަހައްޓާފައިވާ ކަމަށް މިސުރުގެ ސަރުކާރާ ގުޅުންހުރި މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އަލް ގާހިރާ ނިއުސްއިން ބުނެފައިވާ ގޮތުގައި މި އިކުއިޕްމަންޓްތައް ބަހައްޓާފައިވަނީ ގާޒާއަށް ވެއްދުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ބޯޑަރު ކްރޮސިންގްގެ ރަސްމީ ފަރާތަކުން މިސުރުގެ ސަރުކާރުގެ ނޫސް އޭޖެންސީ މީނާއަށް ބުނެފައިވާ ގޮތުގައި 15 މަސްދުވަހުގެ ހަނގުރާމައިގައި އިސްރާއީލުގެ ހަމަލާތަކުން ހަލާކުވެފައިވާ މަގުތައް މަރާމާތުކޮށް، ވެއްޔާއި ކުނޑިތައް ސާފުކުރުމަށް "އަންނަ ދުވަސްތަކުގައި" މި އިކުއިޕްމަންޓްތައް ގާޒާއަށް ވައްދާނެ ކަމަށް ލަފާކުރެވެ އެވެ.
ނަމަވެސް، އިސްރާއީލުގެ ސަރުކާރުގެ ސްޕޯކްސްމަނެއް ބުނެފައިވާ ގޮތުގައި މިސުރުގެ ރަފާހު ކްރޮސިން މެދުވެރިކޮށް ގާޒާއަށް ބޮޑެތި މެޝިނަރީ ވެއްދުމުގެ ހުއްދައެއް ނުދޭނެ އެވެ.
"ގާޒާ ސްޓްރިޕްއަށް ކެރަވަން [މޮބައިލް ހޯމް] ތަކާއި ބޮޑެތި އިކުއިޕްމަންޓް ވެއްދުމަށް ހުއްދައެއް ނުދެވޭނެ، އަދި މިކަމަށް އެއްވެސް ކޯޑިނޭޝަނެއް ނެތް،" ނަތަންޔާހޫގެ ތަރުޖަމާނު  އެކްސްގައި ލިޔެފައިވެ އެވެ.
މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދަށުން، ރަފާހު ވަނީ ޒަޚަމްވެފައިވާ މީހުންނާއި ބަލިމީހުން ފަރުވާއަށް ބޭރަށް ގެންދިއުމަށް ހުޅުވާފަ އެވެ. އެހެނިހެން އެހީ ކަރަމް އަބޫ ސާލިމް (ކެރަމް ޝަލޯމް) ކްރޮސިން މެދުވެރިކޮށް އެ ސަރަހައްދަށް ވެއްދުމުގެ ހުއްދަވެސް ދީފައިވެ އެވެ.
ގާޒާއިން ބޭރަށް ފޮނުވާ ބަލިމީހުންގެ އަދަދު އަދިވެސް މަދު
ރަފާހު ކްރޮސިން ބަލިމީހުން ބޭރަށް ފޮނުވުމަށް އަލުން ހުޅުވުނު ފަހުން 12 ދުވަހުގެ ތެރޭގައި 452 ބަލިމީހުންނާއި އެމީހުންނާއެކު 620 މީހުން ގާޒާއިން ބޭރަށް ފޮނުވާފައިވާ ކަމަށް ގާޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ވެރިޔާ ސަލާމާ މައުރޫފް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މައުރޫފް ބުނެފައިވާ ގޮތުގައި ދުވާލަކު އެވްރެޖްކޮށް 90 މީހުން ފޮނުވަމުންދާއިރު، މިއީ އިސްރާއީލާއި ހަމާސްއާ ދެމެދު ސޮއިކުރި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ދުވާލަކު 150 ބަލިމީހުންނާއި އެމީހުންގެ ފަރާތުން އެހީތެރިވާ މީހުން ފޮނުވުމަށްވުރެ މާ މަދު އަދަދެކެވެ.
ގާޒާއިން އަދިވެސް 15،000 އާ ގާތްކުރާ އަދަދެއްގެ ބަލިމީހުން ބޭރަށް ފޮނުވަން ޖެހިފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ގާޒާގެ ހޮސްޕިޓަލްތަކުގެ ޑިރެކްޓާ ޖެނެރަލް ޑރ. މުހައްމަދު ޒަގޫތު ކުރިން އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ ބަލިމީހުން ގާޒާއިން ބޭރަށް ދިއުން އިސްރާއީލުން ހުއްޓުވަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ