"މަންމާ، މިއީ އަހަރެން ބޭނުންވި ގޮތް، މީހުންނަށް އެހީތެރިވުން"

ގާޒާގެ ރައްޔިތުންނަށް އެހީތެރިވާން، ފަތިހުގެ އެ ވަގުތު އެމްބިއުލޭންސްތައް ދިޔައީ ސިގްނަލް ދެމުންނެވެ. އެކަމަކު އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި ރެޑް ކްރެސެންޓްގެ އެހީތެރިންގެ 15 މީހުން މަރުވި އެވެ. އޭގެ ތެރެއިން އެކަކު ވަނީ ބައެއް މަންޒަރު ވީޑިއޯކޮށްފަ އެވެ. އެ ވީޑިއޯއިން އޭނާގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ވެސް ދުނިޔެއަށް ހާމަކޮށްދިނެވެ.
ގާޒާގެ ރަފާގައި އިޒުރޭލުން މި ގަތުލުއާންމު ހިންގީ 23 މާޗުގަ އެވެ. ވީޑިއޯއިން ފެންނަނީ އެމްބިއުލޭންސްތަކާއި ފަޔާލޮރީއެއް ދާ ތަނެވެ. އެމަޖެންސީ ލައިޓްތައް ހުރީ ދިއްލައިފަ އެވެ. ރެޑް ކްރެސެންޓްގެ ނިޝާން ވެސް ހުއްޓެވެ. ނަަމަވެސް ދެން އިވެނީ ބަޑިޖަހާ އަޑެވެ.
ހަމަލާ ފެށުމާ އެކު ވީޑިއޯ ހުއްޓެ އެވެ. ނަމަވެސް އިތުރު ފަސް ވަރަކަށް މިނިޓް ވަންދެން އަޑު ރެކޯޑްވި އެވެ. ވީޑިއޯކުރި ރެޑް ކްރެސެންޓްގެ ޕެރަމެޑިކް ޝަހާދަތް ކިޔަމުން ގެންދިޔަ އެވެ. އޭނާ ބުނާ އަޑު އިވެ އެވެ:
"މަންމާ، އަހަންނަށް މައާފުކުރާތި. މިއީ އަހަރެން ބޭނުންވި ގޮތް، އެހެން މީހުންނަށް އެހީތެރިވުން، ﷲ އަކުބަރު،" އޭނާ ބުނެ އެވެ.
މަރުވި 15 މީހުންގެ ހަށިގަނޑު ފެނުނީ ވަޅުލާފައި އޮއްވަ އެވެ. އެމީހުންނާ އެކު ފަސް އެމްބިއުލަންސް އާއި ފަޔާ ލޮރީ ވެސް އޮތީ، ފުނޑުކޮށްލާފައި، ވަޅުލައިފަ އެވެ. މީހުންގެ ހަށިގަނޑުތައް ފެނުނީ އ.ދ އާއި ރެޑް ކްރެސެންޓުން އިޒްރޭލްއާ އެކު އެތައް ވާހަކައެއް ދެއްކުމަށް ފަހު ކުރި މަސައްކަތުންނެވެ. ކޮނެގެން ނެގި އިރު އެ މީހުން ތިބީ ޔުނިފޯމް ވެސް ލައިގެން، އަންގި ވެސް ލައްވައިގެންނެވެ. އެހެންކަމުން އެއީ މަސައްކަތުގައި އުޅެނިކޮށް މަރާލި ބައެއް ކަމާ މެދު އެއްވެސް ސުވާލެއް ނެތެވެ.
އދ. ގެ ސަލާމަތީ މަޖިލިހަށް އެ ވީޑިއޯ އާއި ހުރިހާ ހެކިތަކެއް މިހާރު ވަނީ ހުށައަޅައިފަ އެވެ. އިޒްރޭލުން އަބަދުވެސް ދޮގުހަދާ ގޮތަށް މިފަހަރު ވެސް ފުރަތަމަ ހެދީ ދޮގެވެ. ބުނީ ހަމަލާ ދިނީ އެމަޖެންސީ ސިގްނަލް ވެސް ނާޅާ ދުއްވަމުން ދަނިކޮށް ކަމަށެވެ. އެކަމަކު ފަހުން ބުނީ އެއީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށެވެ.
ރެޑް ކްރެސެންޓުން ބުނާ ގޮތުގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅޭ އެއްވެސް ބަޔަކު ހަތިޔާރެއް ނުގެންގުޅޭނެ އެވެ.
ގާޒާގައި އިޒްރޭލުން ހިންގާ އަނިޔާވެރިކަމުގައި ހަމައެއް ލަމައެއް ނުގެންގުޅެ އެވެ. މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ސުލްހައިގެ އެއްބަސްވުން އުވާލައި އަލުން ހަމަލާތައް ދޭން ފެށި ފަހުން ވެސް ދުވާލަކު އެތައް ބަޔަކު މަރުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ