ބިދޭސީންގެ ވެހިކަލް ލައިސަންސަށް ދެން ހުއްދަދޭނީ ޑްރައިވިން ޓެސްޓު ހެދުމުން
ބިދޭސީންގެ އަތުގައި އޮންނަ ބޭރު ގައުމެއްގެ ލައިސަންސަށް ދެން ހުއްދަ ދޭނީ، ޑްރައިވިން ޓެސްޓު ހެދުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މި ބަދަލު އިއުލާނުކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން، އަމީންވަނީ ބިދޭސީންގެ އަތުގައި އޮންނަ ބޭރު ގައުމެއްގެ ލައިސަންސަށް ދިވެހި ލައިސަންސް ދޫކުރަމުން އައި ގޮތާއި އެކަމަށް ގެނައި ބަދަލުތައް ކިޔައިދެއްވާފައެވެ. ފުލުހެއް ޓެކްސީއެއް ކައިރީ: ކުރިއާ ޚިލާފަށް ބިދޭސީންގެ ވެހިކަލް ލައިސަންސަށް ހުއްދަދޭނީ ޑްރައިވިން ޓެސްޓު ހެދުމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އޭނާ ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، ބިދޭސީން އަތުގައި އޮންނަ ލައިސަންސަށް ހުއްދަ ދޫކުރަމުން ދިޔައީ އެއްވެސް އުސޫލެއް ނެތި ކަމަށާއި ބޭރު ލައިސަންސްގެ މުއްދަތަށް ވުރެ ދިގުކޮށް ދިވެހި ލައިސަންސަށް ހުއްދަ ދޫކުރާ ކަމަށެވެ. އަމީން ވަނީ އެކަމުގެ މިސާލެއް ވެސް ވިދާޅުވެދެއްވައިފައެވެ. މިގޮތުން، ދެ މަހަށް ދީފައި އޮންނަ، ބޭރު ގައުމެއްގެ ލައިސަންސަށް ދިހަ އަހަރުގެ ދިވެހި ލައިސަންސް ވަގުތުން ދޫކުރަމުން އައި ކަން އޭނާ ފާހަގަކުރެއްވިއެވެ. އެއް ލައިސަންސެއްގައި ހުރިހާ ލިމިޓޭޝަންސްއަކީ ރަނގަޅު އެއްޗެއް ކަމަށް ކޮންފާމްކޮށްފައި އެ ލިމިޓޭޝަންތަކާ އަޅައިބަލައިފައި ލައިސަންސެއް އިޝޫކޮށްދޭ ކަމަށްވަންޏާމުން އޭގައި އިންނަ ވެލިޑިޓީވެސް އަންނަން ޖެހޭނެ. މުއްދަތު ވެސް އަންނަން ޖެހޭނެ. ނޫނިއްޔާ އެހެން ލިމިޓޭޝަނެއް އޮތިއްޔާ އެ ލިމިޓޭޝަނެއް ވެސް އެންފޯސްކުރަން ޖެހޭނެ. އެއީ، އެލައިސަންސަށް ބަލާފައި އެ ވެރިފައިކޮށްފައި ކޮށްދޭތީ އެ އުސޫލަށް އޮތުމުން ޑްރައިވިން ލައިސަންސް ނެގުމަށް ދިވެހީންނަށް ވުރެ ބިދޭސީންނަށް ފަސޭހަކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މާލޭގެ މަގުމަތި: ކުރިއާ ޚިލާފަށް ބިދޭސީންގެ ވެހިކަލް ލައިސަންސަށް ދެން ހުއްދަދޭނީ ޑްރައިވިން ޓެސްޓު ހެދުމުން -- ސަން ފޮޓޯ/ ނާއިލް ހުސްއިން އެނގިވަޑައިގަންނަވާނެ މާލޭގެ މަގުތަކުގައި އޮތް ދަތިކަން. މާލޭގައި ދުއްވަން ހުންނަ ކުދިކުދި ގޯޅިތައް. އެހެންވީމަ ބޭރު ގައުމެއްގައި ދުއްވާފައި ލައިސަންސް ހޯދައިގެން އަންނަ މީހަކަށް ބޭނުންކުރަން ޖެހޭ އުސޫލުތަކެއް ނޫން މާލޭގައި ކުރަން ޖެހޭނީ. މިއީ ހަގީގަތް މިނިސްޓަރު އަމީން ވިދާޅުވީ، ބޭރުގެ ލައިސަންސަކަށް ބަލާފައި ދޫކޮށްލުމުން މާލޭގެ މަގުތަކުގެ ރައްކާތެރިކަން ގެއްލޭ ކަމަށާއި ބައިވަރު އެކްސިޑެންޓުތައް ދިމާވާ ކަމަށެވެ. އެކަމުގައި ބޭރު ގައުމެއްގެ ލައިސަންސަށް ބަލާފައި، ދިވެހި ލައިސަންސް ދޫކުރާއިރު ބޭނުން ކަންތައްތަކެއް ކުރަން މިނިސްޓްރީއަށް އިޚްތިޔާރު ލިބޭ ކަމަށް އަމީން ވިދާޅުވިއެވެ. އެހެންވެ، އެކަމުގައި އުސޫލަށް އިސްލާހު ގެނެސް، ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެއީ: ދެން ދިވެހި ލައިސަންސްގެ މުއްދަތަކަށް ވާނީ، ބިދޭސީގެ އަތުގައި އޮތް ބޭރުގެ ލައިސަންސްގައި އޮންނަ މުއްދަތެއް އެ އުސޫލުން ވެސް ލައިސަންސް ދޫކުރާނީ ލައިސަންސް ހޯދަން އޮންނަ ޑްރައިވިން އެސެސްމަންޓު ހެދުމުން އިތުރަށް އަމީން ވިދާޅުވީ، ބޭރު ގައުމެއްގެ ލައިސަންސަށް ދިވެހި ލައިސަންސް ދޭއިރު ޓެސްޓު ހަދަން ޖެހޭ ގޮތަށް ބަދަލުކުރީ މަގުތައް ބޭނުންކުރާ މީހުންގެ ރައްކާތެރިކަމާއި ލައިސަންސް ނަގާ މީހުން މާލޭގެ މަގުތަކަށް ފަރިތަކޮށްފައި ނޫނީ ދޫކޮށްނުލުމުގެ ބޭނުމުގައި ކަމަށެވެ. މިދިޔަ ސަރުކާރުގައި ވަނީ ރާއްޖޭގައި ގަބޫލުކުރާ ބޭރު ގައުމުތަކުގެ ލައިސަންސްގެ ލިސްޓެއް އެކުލަވާލާފައެވެ. އެ ލިސްޓުގައި 26 ގައުމެއް ހިމަނާފައިވާއިރު، އޭގެތެރޭގައި ރާއްޖޭގެ ބިދޭސީ މަސައްކަތްތެރިން އެންމެ ގިނަ ގައުމުތައް ވަނީ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ