ފުލުހުންގެ ބަންދު މަރުކަޒުތަކުގައި ސީސީޓީވީ ހަރުކުރަން އަންގައިފި

ފުލުހުންގެ މަރުކަޒުތަކުގައި ބަންދުކޮށްފައި ތިބޭ މީހުން މަރުވުން އިތުރުވެފައި ވާތީ ކަންބޮޑުވުން ފާޅުކޮށްކޮށް، ބަންދު މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކަރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަހު ކުރީކޮޅު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުނު ގައިދީއަކު ފަރުވާ ދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަރުވެފަ އެވެ. އެ ސްޓޭޝަންގައި 2022ވަނަ އަހަރު ވެސް ގައިދީއަކު އަމިއްލައަށް މަރުވެފައިވާއިރު، މި މަރާ ގުޅިގެން އެޗްއާރުސީއެމްއިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.
ތަފްސީލް - ބުރާސްފަތި ދުވަހު މަރުވީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަރުވި އިރު އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތާ ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ. އެ މަރަށް ހަތަރު ދުވަސްފަހުން އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ:
މި މަހު ހަތަރު ވަނަ ދުވަހު ފުލުހުން އެ ކޮމިޝަނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ބެލުމަށާއި އާއިލާގެ ބަހެއް ހޯދާލުމަށް އެ ކޮމިޝަންގެ ތަހުގީގު ޓީމެއް ކުޅުދުއްފުށީގައި ހަރަކާތްތެރިވި ކަމަށް
އެ މަރުގެ ތަހުގީގަށް ކުޅުދުއްފުށީގައި މިދިޔަ ދުވަސްތަކުގައި ހަރަކާތްތެރިވަމުންދަނިކޮށް، ހަމަ އެ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އެހެން ގައިދީއެއް ވެސް "އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް މަސައްކަތް ކުރި"
އެ ދެ މައްސަލަ ވެސް ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުން؛ އޭގެ އިތުރުން އެ ކަސްޓޯޑިއަލްގައި ހުއްޓާ 2022 ވަނަ އަހަރު އަމިއްލައަށް މަރުވި އަބޫބަކުރު ފައިސަލްގެ މަރުގެ މައްސަލަ ވެސް ތަހުގީގުކޮށްފައިވާނެ ކަމަށް ފާހަގަކޮށްފައިވޭ
"މި ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ގިނަ މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނުހުންނަކަން ފާހަގަކުރެވިފައި ވާތީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހާ މަރުކަޒުތަކެއްގެ އެތެރެ އާއި ބޭރު ފެންނަގޮތަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް،" ކޮމިޝަންގެ ފަރާތުން ފުލުހުގައި އެދިފައިވާނެ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި އިތުރަށް ބުނި ގޮތުގައި: 
އެ މަރުކަަޒުތަކުގައި ކެމެރާ ހަރުނުކޮށް ހުރީ ބަޖެޓުގެ ދަތިކަން ހުރުމުން ކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވޭ
ބަޖެޓުގެ ދަތިކަން ހުރި ނަމަވެސް، މަރުހަލާތަކަކަށް ބަހާލައިގެން ކެމެރާ ހަރުކުރުމަށް ފުލުހުގައި އެދިފައިވާނެ
އޭގެ އިތުރުން، ކެމެރޭ ހަރުކުރެވެންދެން މިފަދަ ގޮޅިތައް ގަވައިދުން އެ ދެމެދު ގިނަ ވަގުތު ހޭދަނުވާނެ ގޮތަށް ގާތުން މޮނީޓާ ކުރުމަށް ވެސް ލަފާ ދީފައިވާނެ
"ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބަންދު ކުރާ މަރުކަޒުތަކުގައި ފަހަކަށް އައިސް އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ ހާދިސާތައް އިތުރުވަމުންދާތީ ކަމާގުޅުންހުރި އިދާރާތަކާ އެކު ބައްދަލުކޮށް، މިކަމުގައި ހުރި ކަންބޮޑުވުންތައް ކޮމިޝަނުގެ ފަރާތުން ހިއްސާކޮށްފައިވާނެ،" ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ކުޅުދުއްފުށީގައި ހިނގައިދިޔަ ތިން ހާދިސާގެ އިތުރުން، މިފަހުން ދެ ގައިދީއަކު އަމިއްލައަށް ޖަލުގައި މަރުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ