ފަތުރަނީ ދޮގު ޚަބަރެއް! ކުރީގެ ރައީސުންގެ ދުވަސްތަކަށްވުރެ މުލީއާގޭ ޚަރަދުތައް މިހާރު ބޮޑުތަނުން ކުޑަވާނެ!: އިޤްބާލް އާދަމް

ކުރީގެ ރައީސުންގެ ދުވަސްތަކަށްވުރެ މުލީއާގޭ ޚަރަދުތައް މިހާރު ބޮޑުތަނުން ކުޑަވާނެ ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.
އިޤްބާލް އާދަމް މިހެން ވިދާޅުވެފައިވަނީ ޗެނަލް-13 އިން މިމަހުގެ 11 ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށްބުނެ ފަތުރާފައިވާ ހަބަރަކާގުޅިގެންނެވެ. ނަމަވެސް އިޤްބާލް އާދަމް ވިދާޅުވީ މިއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
"ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން ފަރީއްކޮޅާއި އެޒާތުގެ ކަންކަމަށް ކުރައްވާ ޚަރަދުތަކާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ޚަރަދުތައް އެތައް ގުނައެއް ކުޑަވާނެ," ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އިޤްބާލް އާދަމް ވިދާޅުވިއެވެ.
އިޤްބާލް އާދަމް އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒު އަބަދުވެސް ލަފާފުޅުދެއްވަނީ ހުރިހާ ޚަރަދެއްވެސް ކުޑަކުރުމަށް ކަމަށާއި، މުލީއާގޭ ޚަރަދުތައް ބަލަހައްޓަމުންދަނީވެސް އެ އުޞޫލުން ކަމަށެވެ.
"ކިރިޔާވެސް ކުރަންޖެހޭ ޚަރަދެއްނޫނިއްޔާ އަޅުގަނޑުމެން ނުކުރާނެ. އަމްދުން މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާ ހިސާބުގައި އޮތް ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނިކޮށް މިކަހަލަ ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ރައްޔިތުންނަށް އެކަންކަމުގެ ހަޤީޤަތް ވަރަށް ބޮޑަށް އޮޅި ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަންކަން," އިޤްބާލް އާދަމް ވިދާޅުވިއެވެ.
މިކަމުން އެނގެނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، ސަރުކާރުން ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމެވެ. އަދި މުލީއާގޭ ޚަރަދުތައްވެސް ކުރީގެ ރައީސުންގެ ދުވަސްވަރަށްވުރެ ބޮޑުތަނުން ކުޑަކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ