ދުންފަތަށް 'ޖެނެރޭޝަން ބޭން' ގެންނަން ކެބިނެޓަށް ހުށަހަޅާ ކަރުދާސް އެކުލަވާލައިފި

ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވަން، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް 'ޖެނެރޭޝަނަލް ބޭން'ގެ ފިޔަވަޅުތައް އަޅަން ކެބިނެޓަށް ހުށަހަޅާ ކަރުދާސް އެކުލަވާލައި ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޖެނެރޭޝަން ބޭން ގެނައުމަށް އާންމުންގެ ހިޔާލު ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ފޭސްބުކާއި އެކްސްގައި ޕޯލެއް ހުޅުވައިފަ އެވެ. އެ ޕޯލްގައި ރައީސް ހިޔާލު ހޯއްދަވަން ހުށަހަޅުއްވާފައި ވަނީ:
1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން 
1 ޖެނުއަރީ 2004 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން 
1 ޖެނުއަރީ 2000 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން 
ފޭސްބުކާއި އެކްސްގެ ޕޯލުން ވެސް ގިނަ ބަޔަކު ވޯޓު ދިނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރީ އެ ގޮތަށް ޖެނެރޭޝަން ބޭން ގެނައުމަށް ސަރުކާރުން ނިންމާނެތޯ އާއި ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފަށާނެ އިރަކާ ގުޅޭ ގޮތުންނެވެ.
ބުނީ ކީކޭ؟ - މިނިސްޓަރު ނާޒިމް ވިދާޅުވީ ހެލްތު މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ ދިރާސާތައް ހެދުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި އެކިއެކި ފަންނީ މީހުންގެ މަޝްވަރާތައް ހޯދުމަށް ފަހު އެކުލަވާލަން ޖެހޭ ކަރުދާސް އެކުލަވާލައި ނިމިފައިވާ ކަމަށެވެ.
"އެއީ ކެބިނެޓްގައި މަޝްވަރާކޮށްގެން، ކެބިނެޓް ލެވެލްގައި ނިންމަން ޖެހޭ ކަމެއް. ހުރިހާ ވަޒީރުންގެ މަޝްވަރާއާއި ލަފާ ހޯދައިގެން. ކެބިނެޓަށް ހުށަހަޅަން ޖެހޭ ކަރުދާސް މިނިސްޓްރީން އެ ވަނީ އެކުލަވާލާފައި. ކެބިނެޓުން ނިންމުމެއް ނިންމީމައި އެ ކަމެއް އާންމު ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގުޅުންހުރި - 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގެ ނަމުގައި ރައީސް މުއިއްޒު މިފަހުން ގެނެސްދެއްވަން ފެއްޓެވި ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޓުގައި ރައީސް މުއިއްޒު ވަނީ 18-25 އަހަރުގެ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ވިސްނުމެއް ގެންގުޅުއްވާކަން ހާމަކުރައްވައިފަ އެވެ. 
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މި ފަހުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ރާއްޖޭގައި ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ