އިންސާނުންނަށް ބާރެއް ލިބިއްޖެއްޔާ އޭގެ ޒާތުގައި އަމިއްލަ ނަފުސު އިސް ކުރެވޭ: ރައީސް މުއިއްޒު އިންސާނުންނަށް ބާރެއް ލިބިއްޖެއްޔާ އޭގެ ޒާތުގައި އަމިއްލަ ނަފުސު އިސް ކުރެވޭ: ރައީސް މުއިއްޒު

އިންސާނުންނަށް ބާރެއް ލިބިއްޖެއްޔާ އޭގެ ޒާތުގައި އަމިއްލަ ނަފުސު އިސް ކުރެވޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރަން ފެށި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ރޭ ވިދާޅުވީ ކޮރަޕްޝަން އިތުރު ވަނީ މުވައްޒަފުން އަމިއްލައަށް ގޮތް ކަނޑައެޅުމުގެ ބާރު ލިބުމުން ކަމަށެވެ.
"އިންސާނުން އޭގެ ޒާތުގައި، ކަންކަން ކުރާ އިރުގައި އަތުގައި ބާރެއް އޮވެއްޖެއްޔާ ނޫނީވިއްޔާ ކަންކަމަށް އެކްސެސް ވެވެންޏާ ކަންކަމުގެ ތެރޭގައި ހަމަ ވަރަށް ގިނަ މީހުންނަށް ކުރެވޭ ކަމަކީ އަމިއްލަ ނަފުސު އިސް ކުރެވެނީ. ކޮރަޕްޝަން، އޭގެ ސަބަބުން އިތުރުވޭ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރަން ފެށި ޕްރޮގްރާމް "މޯލްޑިވްސް 2.0" އިފުތިތާހު ކުރަން ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މުވައްޒަފުން އަމިއްލައަށް ކުރާ މަސައްކަތް މަދު ކުރެވުނު މިންވަރަކަށް ކޮރަޕްޝަން ވެސް މަދު ކުރެވޭނެ ކަމަށެވެ.
"އެހެންވީމާ، އަމިއްލައަށް ކުރާ ކަންކަން ކުރުމުގެ ފުރުސަތު މަދުވާ މިންވަރެއް މި ޑިޓަމައިން ކުރަނީ ހިދުމަތް ދިނުމުގެ ނިޒާމުގެ ތެރެއަށް ކޮރަޕްޝަން ނެތިގެންދާ މިންވަރު،" އެމަނިކުފާނު ވިދާޅުވި އެވެ. "ޑިޖިޓަލައިޒް ކުރެވި ހިއުމަން އިންޓަވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަންގެ ވަބާއިން [ގައުމު] ސަލާމަތް ކުރެވޭނީ."
އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް ހުރިހާ އެންމެންގެ އެއްބާރުލުމަށް ވެސް ރޭ ރައީސް އެދިވަޑައިގެންނެވި އެވެ.
"އެންމެން އެކައްޗެއް ކިޔައި، މި ގައުމުން ކޮރަޕްޝަން ނައްތާލައި، މުޅި ދުނިޔެ ބަލައިގަންނަ ފެންވަރުގައި ހިދުމަތް ދޭ، ހިންގުމުގެ ހަރުދަނާ ނިޒާމެއް އޮތް ގައުމަކަށް ރާއްޖެ ހަދަން، ހުރިހާ މަސައްކަތްތެރީންނަށާއި ދިވެހި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރެވިގެންދާއިރު، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ގެއިން މަސައްކަތް ކުރުމަކީ ވެސް ތަސައްވުރެއް ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ. އަދި މަޝްރޫއު ނިމޭއިރު ރައްޔިތުންނަށް ފޯރުކޮށްދޭ ކާޑަކުން ސަރުކާރުގެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގައުމު ޑިޖިޓަލައިޒް ކުރެވުނު ވަރަކަށް ދައުލަތުގެ ހާމަކަން ވެސް އިތުރުވެގެންދާނެ ކަމަށް ރައީސް ރޭގައި ފާހަގަ ކުރެއްވި އެވެ. އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ރާއްޖެގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އެތައް ގުނައަކުން އުފުލަން ކަމަށް ވެސް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ