މިއީ ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ. ނަމަވެސް މިވާހަކަ ދައްކަން މިޖެހެނީ އެމީހަކު އުޅެން ބޭނުންވާހައި ގޮތަކަށް އުޅެފައި އަދި ކުރަން ބޭނުންވާހައި ކަމެއް ކޮށްފައި އެކަންކަން އިސްލާމް ދީނުގެ ބޮލުގައި އަޅުވައި ތިމާ ޢަމަލު މިކުރަނީ އިސްލާމް ދީނަށް ކަމަށް ބުނާ ބައަކު އުޅޭތީއެވެ. މަސައްކަތްމިކުރަނީ ޙަޤީޤަތް ބުނެދިނުމަށެވެ.
މިހާރަކަށް އައިސް އިސްލާމްދީނުގެ ކަންކަން އެއްބައަކު މާނަކުރަނީ އެކަމެއް އޮންނަން އެމީހާ ބޭނުންވާގޮތް އެއީ ރަނގަޅު ގޮތްކަމަށް ހަދައިގެންނެވެ. މީސްތަކުންނޭވެ! އިސްލާމް ދީނަށް ފުރައްސާރަކުރަން ނުހަދާށެވެ! އެކަންކުރަން އުޅުނީމާ ވާނީ ހަނދަށް ކުޅުޖަހަން އުޅޭމީހުންނަށް ވާނެގޮތެވެ.
"ޢުމަރުގެފާނުގެ ބަސްފުޅެއްގައިވަނީ މީހެއްގެ ޙަޤީޤަތް އެނގޭނީ "އެމީހަކާއިއެކު ވިޔަފާރިކުރުމުން، ދަތުރުކުރުމުން، އެކުގައި އުޅުން" ފަދަ ކަންކަން އެމީހަކާއިއެކުގައި ކުރުމުން ކަމަށެވެ.
ޢުމަރުގެފާނުގެ މިބަސްފުޅު އަމާޒުކުރައްވަވާފައި އެވަނީ ކައިވެނިކުރުމުގެ ކުރިން ދެމީހުން އެކުގައި އުޅުމަކަށް ނޫނެވެ. އެއީ އެއްވެސް ޙާލެއްގައި އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫނެވެ. އިސްލާމް ދީނުގައި ދެމީހުން އެކުގައި އުޅެންފަށަންޖެހޭނީ ކައިވެނިކުރުމަށްފަހުގައެވެ.
ކައިވެނީގެ ކުރިން ދެމީހުން އެކަހެރިވެގެން ތިބެ ވާހަކަދެއްކުންވެސް ހުއްދައެއް ނޫނެވެ. މީސްތަކުން އެކަންކުރަނީ އަމިއްލައަށް ހުއްދަކޮށްގެންނެވެ. އިސްލާމް ދީނުގައި އޮތީ މަޙްރަމަކާއިއެކު ނޫނީ ވާހަކަދައްކަންވެސް ބައްދަލުނުކުރުމެވެ. ވީއިރު އެކުގައި ދިރިއުޅުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟
ވީމާ ކައިވެނިކުރަން އުޅޭ މީހާގެ ޙަޤީޤަތް ހޯދުމުގެ ގޮތުން ނަމަވެސް ދެމީހުން އެކުގައި ދަތުރުކޮށް އެކުގައި އުޅުން އިސްލާމް ދީން ހުއްދައެއް ނުކުރެއެވެ. އިސްލާމް ދީނުގައި ތަޤްވާވެރިކަމާއި އަޚްލާޤަށް ބަލައިގެން ކައިވެނިކުރުމަށާއި ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރުމަށެވެ.
ޢުމަރުގެފާނުގެ ބަސްފުޅުގެ މާނަ އޮޅުވާލައިގެން ބައެއް މީހުން އެބަ ކަންކަން ކުރެއެވެ. އެމީހުން އެކުރާ ކަންކަމުގެ ގެއްލުން ލިބޭނީ ހަމައެކަންކުރި މީހަކަށެވެ. އެބައަކަށެވެ. އިސްލާމް ދީން އޮންނާނީ އެންމެ ފުރިހަމަ ދީނުގެ ގޮތުގައެވެ. އިސްލާމް ދީނަށް ލިބޭނެ އުނިކަމެއް ނެތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކައިވެނިކުރުމުގެ ކުރިން ދެމީހުން އެކުގަ އުޅެފަ ޢުމަރުގެފާނުގެ ބަސްފުޅާ ގުޅުވަން އުޅުނަސް އެކަމެއް ނުކުރެވޭނެ! ޢުމަރުގެފާނުގެ ބަސްފުޅުގެ މާނަ ދަސްކުރޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ