ޑިޖިޓަލައިޒް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ކޮރަޕްޝަންގެ ވަބާ ނައްތާލުން: ރައީީސް

ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ މި ގައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ”ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް“ އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެން އެއްޖޯޝެއްގައި ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ގައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭކަމަށެވެ.
އަދި އެކަން ހާސިލްކުރުމަށް ގައުމުގައި އޮތް ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހާސިލްކޮށްފައިވާ އެއް ގައުމަކީ އެސްޓޯނިއާކަމުގައި ފާހަގަކުރައްވައި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރައްވާ މަސައްކަތުގައި އެސްޓޯނިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާތީ އެކަމަށްޓަކައި އެމަނިކުފާނު އެސްޓޯނިއާ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.
ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެގޮތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ޤާއިމުކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އަދި ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައިޑީކާޑަކީ، ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ހިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހިމެނޭކާޑަކަށް ހެދުމަށް މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ސައިބަރ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، ހިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓޯނިއާއަކީ ޕްރެސް ފްރީޑަމްގައި 2 ވަނައަށް އޮތް ގައުމުކަމުގައި ފާހަގަކުރައްވައި މިކަން ހާސިލްކުރުމުގައިވެސް ޑިޖިޓަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖެވެސް އެހަރުފަތާ ހިސާބަށް ގެންދިއުމަށް، މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަދި މަޢުލޫމާތު ލިބިދިނުމުގައި ޒިންމާ ދާރުކޮށް އަވަސް މިނުގައި ހިދުމަތްދޭ ތަނަކަށް ހެދުމަށް ޑިޖިޓަލައިޒޭޝަންގެ ފުރިހަމަ ބޭނުންކުރުމަށް މަސައްކަތް ކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަށާޖެހޭ، މާނަހުރި، ދެމެހެއްޓިނިވި ތަރައްޤީ، ހާސިލުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.
އަދި އުމްރާނީ ތަރައްގީގެ އިތުރުން މުޖުތަމަޢުގެ ކަންކަން ރަނގަޅުކޮށް ”ގްޑް ގަވަރނަންސް“ގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްތައްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވަރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، 2028 ވަނަ އަހަރާހަމައަށްދާއިރު ބަދަލުކުރުމަށް އުއްމީދުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެން ގުޅިގެން ކޮރަޕްޝަން ނައްތާލައި، މި ޤައުމަކީ އެންމެން ބަލައިގަންނަ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރާމަސައްކަތުގައި އެއްބާރުލުމްދެއްވުމަށް ގޮވާލައްވާފައެވެ.
އަދި އެންމެން މި ބަދަލު ބަލައިގަތުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުންވެސް ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަކުރުމަށް ގާނޫނީގޮތުން ކުރަންޖެހޭ ހާއްސަ ކަންކަން ކުރައްވަމުންގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މުޅި ”ދިވެހިރާއްޖެ 2.0“ މަޝްރޫއު ފުރިހަމަ ކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާ ބޭނުންކޮށް ރާއްޖެއަށް އެންމެ ފެތޭނެގޮތަކަށް ކަންކަން ބައްޓަން ކުރައްވާނެކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހުކުރި ޕްރޮގްރާމެކެވެ.
އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫއުއެކެވެ.
މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫއެކެވެ.
މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެސްޓޯނިއާ ސަރުކާރުގެ މާހިރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ