ޖަވާބުދާރީވާން ފުރުސަތު ނުދީ އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ކޮމިޓީ އިން ނިންމައިފި ޖަވާބުދާރީވާން ފުރުސަތު ނުދީ އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ކޮމިޓީ އިން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުއަށް ޖުޑީޝަރީ ކޮމިޓީގައި ވެސް ޖަވާބުދާރީވާން ފުރުސަތު ނުދީ މަގާމުން ވަކިކުރަން މިއަދު ނިންމައިފި އެވެ.
ސިއްރުން ކުރިއަށް ގެންދިޔަ ޖުޑީޝަރީ ކޮމިޓީގައި އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ފާސްކުރީ ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ. މާ ބޮޑެތި ބަހުސް ކުރުމެއް ނެތި ކޮމިޓީއިން ނިންމީ ފަނޑިޔާރުންނާ ދެކޮޅަށް ޖޭއެސްސީއިން ތަހުގީގު ހިންގީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.
މިއަދު ލައިވްކޮށް ކުރިއަށް ގެންދިޔަ އެ ކޮމިޓީ ސިއްރު ކުރަން ފަހުން ނިންމުމާ އެކު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް އަދި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫޒް ޒާކިރު ކޮމިޓީގައި ފަހުން ބައިވެރިވެފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި އަޒްމިރާލްދާ ވަނީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިފަ އެވެ. ނަމަވެސް ކޮމިޓީން އިއްޔެ އެ ފުރުސަތު އޭނާއަށް ނުދޭން ނިންމި އެވެ.
އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމިއިރު ވެސް އެ ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު އެ ކޮމިޝަނުން ވެސް ދީފައެއް ނުވެ އެވެ.
މި މައްސަލަ ބެލި ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
އަޒްމިރާލްދާ އާއި މަހާޒްގެ މައްޗަށް ތުހުމަތު ކުރީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވި ކަމަށެވެ. ނަމަވެސް މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައުލޫމާތު ދީފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ހުސްނުއްސުއޫދު ވެސް ފެބްރުއަރީ 26، ގައި ސަސްޕެންޑުކުރި އެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ސިޔާސީ ޕާޓީއެއްގެ ކޮމިޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އޭރު އޮތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
އޭގެ އިތުރުން، އެ މައްސަލަ ބަލަމުން ދަނިކޮށް އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވައިލެވޭނެ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި އޮތް މައްސަލައިގެ އަޑުއެހުން އޮތީ ފެބްރުއަރީ 26، ގެ ހެނދުނު 11:00 އަށް ތާވަލުކޮށްފަ އެވެ.
ޖޭއެސްސީން އަޒްމިރާލްދާ ހިމެނޭހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ އަޑުއެހުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ. ދުސްތޫރީ މައްސަލަތައް ބަލަން ޖެހެނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކަމަށްވާއިރު އެ ސަސްޕެންޝަންތަކާއެކު އެ މައްސަލަ އޮތީ ހުއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ