ޕާކިސްތާނުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ގާތުން އެބަ ބަލަން، މަސްރަހު އިތުރަށް ގޯސްވާނަމަ އެހީވާނަން: މިނިސްޓްރީ

ޕާކިސްތާނުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެ ގައުމުގެ މަސްރަހު މިހާރަށް ވުރެ ގޯސްވާނަމަ އެ ގައުމުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިވާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފިއެވެ. އަވައްޓެރި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބިރުވެރިކަމެއްގެ ތެރޭގައި ތިބި ގިނަ ދިވެހި ދަރިވަރުން ޕާކިސްތާނުން އެނބުރި ރާއްޖެ އައުމަށް ވަނީ އެދެން ފަށައިފައެވެ. އެ ދެ ގައުމުގެ ދެމެދުގައި ގުޅުން ގޯސްވީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދަށް މިދިޔަ މަހު ދިން ޓެރަރިސްޓު ހަމަލާގައި 26 މީހުން މަރުވި ހާދިސާއާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ދިވެހި ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. "ސަން" އިން ސުވާލުކުރުމުން ފޮރިން މިނިސްޓްރީން ބުނީ ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު އެ މިނިސްޓްރީއާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން، ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ އަރުވައިފައެވެ. ފޮރިން މިނިސްޓްރީން ބުނީ ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ޕާކިސްތާނާއި އިންޑިއާގެ ހަމަނުޖެހުންތަކުގެ ތެރެއިން ޕާކިސްތާނުގެ މަގެއް މަތީގައި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ/ ނިއުޔޯކް ޓައިމްސް މިނިސްޓްރީން ވަނީ ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް ކަމެއް ދިމާވެއްޖެނަމަ ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު +923008504143 އަދި މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ޕާކިސްތާނާއި އިންޑިއާއާ ދެ ގައުމުގެ ގުޅުން ގޯސްވެ، ރޭ މެންދަމު އިންޑިއާއިން ވަނީ ޕާކިސްތާނަށް މިސައިލް ހަމަލާތަކެއް ދީފައެވެ. ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިއާއަށް ހަމަލާދީފައެވެ. އެންމެ ފަހުން ވެސް އިންޑިއާ ބުނެފައިވަނީ ހަމަލާދިން ކަމަށް ބެލެވޭ މީހުން ހޯދައި ހައްޔަރުކުރުމުގެ އޮޕަރޭޝަން ކުރިއަށްގެންދާ ކަމުގައެވެ. މިކަމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އެޅުވުމަށް ފަހު އިންޑިއާވަނީ ޕާކިސްތާނާ ދެކޮޅަށް ގިނަ ފިޔަޅުތަކެއް އަޅާފައެވެ. ރައްދުގައި ޕާކިސްތާން ވެސް ވަނީ އިންޑިއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ