ދީފަައިވާ މުއްދަތު ކުޑަކަމަށް ވިދާޅުވެ، ފަނޑިޔާރުން ވަކިކުރާ ބިލަށް އަނާރާ ވޯޓެއް ނުދެއްވި
ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލަށް، ޖުޑީޝިއަރީ ކޮމިޓީގައި ވޯޓަށް އެހުމުން ވަކިކޮޅަކަށް ވޯޓު ދެއްވަން އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް މިއަދު ދެކޮޅު ހައްދަވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން ހުށަހެޅި ބިލު މަޖިލީހުން މިއަދު ބަލައިގަނެ، ކޮމިޓީއަށް ފޮނުވީ ޕީއެންސީގެ 64 މެންބަރުންގެ ވޯޓުންވެެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންނެވެ. އެ ވޯޓުގައި ޕީއެންސީއަށް ނިސްބަތްވާ 10 މެންބަރުން ބައިވެރިވަޑައިނުގަންނަވާއިރު، އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވަނީ، ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް ގަސްތުގައި ވިޕްލައިނާ ހިލާފުވާ ބޭފުޅުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. ފަހުން ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އޭގެ ތެރެއިން ނުވަ މެންބަރުން އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި ކަމަށާއި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަނީ ދެ މެންބަރުން ކަމަށް ވިދާޅުވެފައެވެ. ޖުޑީޝަރި ކޮމިޓީގެ ކުރީގެ ބައްދަލުވުން: ކޮމިޓީން ވަނީ، ފަނޑީޔާރުން ވަކިކުރުމުގެ ބިލު ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް އޭގެ ފަހުން މިއަދު ހަވީރު ޖުޑީޝިއަރީ ކޮމިޓީގައި ވަނީ ބިލު ދިރާސާކޮށްފައެވެ. އެ ކޮމިޓީގައި ބިލާ ދެކޮޅަށް ވާހަކަދައްކަވައި އިސްލާހުތައް ހުށަހެޅުއްވީ ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހިތަދޫ ދެކުނު ދާއިރާގެ އިބްރާހީމް ނާޒިލާއި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރެވެ. އެހެންނަމަވެސް އެ ބިލުގެ ވަކިވަކި ބައިތަކަށް ވޯޓަށް އެހިއިރު، އަނާރާ ވަނީ ބިލުގައި ބަޔާންކޮށްފައިވާ ފަސް ވަނަ މާއްދާގެ (ނ)ގައިވާ އިސްލާހަށް ޚިޔާލެއް ހުށަހަޅުއްވައިފައެވެ. އެ އިސްލާހުގައިވަނީ، އެ ބިލުގެ ދަށުން ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ. އެ މާއްދާއާ ގުޅޭ ގޮތުން އަނާރާ ވިދާޅުވީ، ފަސް ދުވަހުގެ މުއްދަތަކީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އެއަށްވުރެ އިތުރަށް ވަގުތު ދޭން ފެންނަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭނާ އެކަން އިސްލާހެއްގެ ގޮތުގައި ހުށަނާޅުއްވާތީ އެ މާއްދާ އޮތް ގޮތަށް ވޯޓަށް އަހައި، ފާސްކުރީއެވެ. އެ މާއްދާގައި އަނާރާ ހުންނެވީ ވަކިކޮޅަކަށް ނުޖެހިއެވެ. ބާކީ މާއްދާތަކަށް ވަކިވަކިން ވޯޓަށް އެހުމަށްފަހު، މުޅި ބިލް އޮތް ގޮތަށް ފާސްކުރުމަށް ވޯޓަށް އެހުމުން ވެސް އަނާރާ ވަކިކޮޅަކަށް ވޯޓު ނުދެއްވައެވެ. އެ ބިލް ފާސްކުރީ ޕީއެންސީގެ ހަތް މެންބަރުން ތާއިދާއެކުގައެވެ. ބިލާ ދެކޮޅަށް އެމްޑީޕީގެ ދެ މެންބަރުން ވޯޓު ދެއްވިއެވެ. އެ ވޯޓާ ގުޅޭ ގޮތުން "ސަން"އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެގޮތަށް ވޯޓު ދެއްވީ، ބިލުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަމަށް ދީފައިވާ މުއްދަތާއި ވަގުތު ކުޑަ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިފައިވާ އަނާރާ އެ ބިލު ފާސްކުރުމުގައި ވަކި ކޮޅަކަށް ޖެހިވަޑައިގަންނަވަން ދެކޮޅުހެއްދެވިއިރު، މިއަދު އެ ބިލް ކޮމިޓީއަށް ފޮނުވަން ނެގި ވޯޓުގައި ބައިވެރިނުވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ. https://www.sun.mv/203031 ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ވޯޓުގައި ބައިވެރިނުވުމަކީ އެއްވެސް ފަހަރަކު އެއްވެސް މެންބަރަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައެވެ. ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ. https://www.sun.mv/203031 ފާހަގަކޮށްލެވޭ ގޮތުގައި، ވެރިކަން ކުރާ ޕާޓީން ގާނޫނު އަސާސީ އިސްލާހު ކޮށްފައިވަނީ އެއް ދުވަހުގެ މަސައްކަތުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20ގައި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން ފާސްކޮށް، ތަޅުމުން ވޭސް ފާސްކުރިއެވެ. ހަމަ އެ ދުވަހު ރައީސް އެ ބިލް ތަސްދީގު ކުރައްވައި، ގާނޫނު އަސާސީ އިސްލާހު ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ