ބުރާސްފަތި ދުވަހު ފުލެޓު ލިސްޓު އިއުލާނުކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ ބުރާސްފަތި ދުވަހު ފުލެޓު ލިސްޓު އިއުލާނުކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4،000 ފްލެޓުގެ ލިސްޓުގެ ސައްހަކަން ބެލުމުމަށްފަހު އަންނަ ބުރާސްފަތި ދުވަހު ސަރުކާރުން އިއުލާނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގެ ތެރެއިން އެ އަތޮޅު ހުޅުދެލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެ ލިސްޓު އާންމުކުރާނީ ފެބްރުއަރީ 28، ގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ފަހު ކަމަށެވެ.
"އަޅުގަނޑު ދެންނެވިން ރިޔާސީ ބަޔާނުގަ ރޯދައިގެ ކުރިން އެ 4000 ފުލެޓުގެ ލިސްޓު އިއުލާނުކުރާނަމޭ. ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން މިނިސްޓަރު ބާއްވަވާ ޕްރެސް ކޮންފަރެންސަކަށް ފަހު އެ ލިސްޓު އަޅުގަނޑުމެން އާންމުކުރާ ގޮތަށް އޮތީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ.
މި ލިސްޓު އިއުލާނުކުރުމުން ފުލެޓު ލިބޭ ފަރާތްތަކާއި ނުލިބޭނެ ފަރާތްތަށް ވަރަށް ސާފުކޮށް ދެފުށް ފެންނަހެން އެނގޭނެ ކަމަށާއި ލިސްޓާ ގުޅޭ އިތުރު ތަފުސީލާއި ޝަކުވާ ހުށަހެޅުމުގެ ކަންކަން މިނިސްޓަރު ތަފުސީލު މިނިސްޓަރު ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން މިދިޔަ އަހަރު ވެސް ފްލެޓް ލިސްޓު އިއުލާން ކުރާނެ ކަމަށް އެކި ތާރީހުތައް ދިނެވެ. މިގޮތުން ފެބްރުއަރީ މަހު ސަރުކާރުން ފްލެޓް ލިސްޓު އިއުލާން ކުރާނެކަން ހާމަކޮށްފައިވާއިރު، މިއީ މި އަހަރު ލިސްޓު އާންމު ކުރާނެ ކަމަށް ކަނޑައެޅި ފުރަތަމަ ތާރީހެވެ.
މިދިޔަ ޖެނުއަރީގައި ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅާފައިވާ އެންމެންގެ ފޯމުތައް ވެރިފައި ނުކުރަން ނިންމައި، ހަމައެކަނި 4،000 ފޯމް ވެރިފައި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފަ އެވެ.
އެ 4000 ފްލެޓުގެ މައްސަލަތަކެއް އަދި ސްކީމުގެ ސައްހަކަން ކަށަވަރުކުރާ ކަމަށް ބުނިތާ އަހަރެއް ފާއިތުވި ފަހުން، ފްލެޓު ލިިބުނު އެންމެންގެ ލިސްޓު އަލުންބަލުން ވެރިފައި ކުރަން ފަށާފައިވާ ކަމަށް ވެސް ސަރުކާރުން ހާމަކުރީ މިދިޔަ މަހު އެވެ.
މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފްލެޓު ދިނުމަށެވެ. އަދި ފުރަތަމަ ނިމޭ 4،000 ފްލެޓު ހަވާލުކުރަން ބުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ