ރައްޔިތުންގެ ބާރު ނިގުޅައިގަތަ ނުދޭނަން, ބާރުތައް އަލުން ހޯދައިދޭނަން: ޝާހިދު ރައްޔިތުންގެ ބާރު ނިގުޅައިގަތަ ނުދޭނަން, ބާރުތައް އަލުން ހޯދައިދޭނަން: ޝާހިދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރުން މަސައްކަތް ކުރަނީ ހުދުމުހުތާރު ވާން ކަމަށް ސިފަކުރައްވައި, ރައްޔިތުންގެ ބާރުތައް ނިގުޅައިގަންނަން ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަދަދަށް ބަދަލު ގެނެސްގެން, ބާރުތައް މުށުތެރެއަށް ލާން މި ކުރާ މަސައްކަތަކީ މާޒީގައި ވެސް ހިންގާފައި ހުރި ކަންކަން ކަމަށެވެ. އެކަމަކު އޭރު ވެސް އެކަން ބޭނުންވި ގޮތަށް ނުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ އަދަދަށް ބަދަލު ގެންނަވައިގެން ސުޕްރީމް ކޯޓަށް އެ ބޭފުޅުން ބޭނުންފުޅުވާ ބަޔަކު ގެންނަވައިގެން، ސުޕްރީމް ކޯޓު ކޮންޓްރޯލް ކޮށްގެން, ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި ބޭނުންކުރައްވައިގެން ގާނޫނު އަސާސީއަށް ބޭނުން ބަދަލެއް ގެންނަވައިގެން ވެރިކަން ހުދުމުހުތާރު ވެރިކަމަކަށް ފުރޮޅާލެވިދާނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމަލުތަކުން މިއަދު ވެސް މި ފެންނަނީ މި މަންޒަރެވެ. އެކަމަކު ސަރުކާރުން ކިތަންމެ ބޭނުންވިޔަސް, ރައްޔިތުންގެ ބާރުތައް ނިގުޅައި ނުގަނެވޭނެ ކަމަށާއި އެމްޑީޕީން ނިކުމެ ރައްޔިތުންނަށް އެ ބާރުތައް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ އަތުގަައި އޮތް ބާރު ސަރުކާރަށް ނިގުޅައެއް ނުގަނެވޭނެ. ނިގުޅައިގަތަ އަޅުގަނޑުމެން ނުދޭނަމޭ. އިރާދަކުރެއްވިއްޔާ އެމްޑީޕީން ނިކުމެ ރައްޔިތުންގެ ބާރުއަލުން ރައްޔިތުންނަށް ހޯދައިދޭނަން،" ޝާހިދު ވިދާޅުވި އެވެ.
ސަރުކާރު ހުދުމުހުތާރު ވަމުންދާ މަންޒަރު ފެންނަ ކަމަށް އެމްޑީޕީން ބުނަމުންދާއިރު, ކޯޓުތަކުގެ ގާނޫނު ބަދަލުކުރާ ބިލު މަޖިލީހަށް ބަލައިގަތުމުގެ ވޯޓުގައި ބައިވެރިނުވީ ދެ މެންބަރަކަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.
ޕީއެންސީން މި މެންބަރުންނާ ދެކޮޅަށް އަޅާ ފިޔަވަޅަކުން, މެންބަރުންގެ ގޮނޑި ގެއްލުވާލަން ގާނޫނު އަސާސީއަށް ގެނައި ބަދަލުން އެ ޕާޓީއަށް ބާރު ލިބެ އެވެ. މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ މިއީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށް ބުނެ އެ ބަދަލަށް އަމަލުކުރުން ހުއްޓުވަން ހުށަހަޅާފައިވާ މައްސަލައެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު މަދުކުރަން ސަރުކާރުން މަސައްކަތް ފެށީ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. މިކަމާ ދެކޮޅު ސިޔާސީ މީހުންނާއި އާންމުން ބުނަމުން ދަނީ މިއީ އެ މައްސަލައިގައި ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ