މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި އެއްބަސްވުމުގެ މައުލޫމާތު އެނގި ތިބެ އެ އެއްބަސްވުން ކުރިއަށް ނުގެންދިޔުމުން ދައުލަތަށް ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވެ އެކަމާ ގުޅިގެން މިދިޔަ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީ ވަމުން އިހުސާން ވަނީ މިދިޔަ ސަރުކާރުން ބެސްޓިނެޓާ އެކު ވީ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލާ އެ ކުންފުންޏާއެކު މުއާމަލާތް ކުރީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އެ އެއްބަސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން އޭގެ ބަދަލުގައި އާ އެކްސްޕެޓް ސިސްޓަމެއް ގާއިމު ކުރުމުގެ އެއްބަސްވުމަކަށް މި ސަރުކާރުން ވަނީ ގޮސްފަ އެވެ. އެއީ ދައުލަތަށް އެތައް ބިލިއަން ރުފިޔާއިން ގެއްލުން ލިބޭ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް އިހުސާން އިތުބާރު ނެތްކަމުގެ މައްސަލާގައި ވަނީ ބުނެފަ އެވެ.
"އަޅުގަނޑު މިއަދު މި ޖަލްސާ ނިންމާފައި ގޮސް މި ދެންނެވި ހުރިހާ ސިޓީތަކަށް އިހުމާލުވެ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ މައްސަލައަށް އެއްވެސް ހަލެއް ނުހޯދައި ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުން ދީފައިވާތީވެ 517 ވަނަ މާއްދާގައި އިއްޒަތްތެރި މެންބަރުން ވިދާޅުވިހެން އޭގެ ދަށުން މިކަން އެނގި ތިބި ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން،" މި ސަރުކާރުގެ ސުޕަ މިނިސްޓަރަކަށް ހުންނެވި އިހުސާން ވިދާޅުވި އެވެ.
ދައުލަތަށް ރަނގަޅަށް ކަމަށް ވާން އޮއްވައި އެ ކަމުގައި ގޮތެއް ނުނިންމައި މިދިޔަ ސަރުކާރުން ދައުލަތަށް ގެއްލުން ދީފައިވާ ކަމަށް އިހުސާން މިއަދު ތުހުމަތު ކުރެއްވި އެވެ. އޭނާގެ ތުހުމަތުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދުނ ސޯލިހާއި އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށެވެ.
މި މައްސަލައާ ގުޅިގެން، ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް އަންޑާ ސެކެޓަރީ އަހްމަދު މައުރޫފް ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު މި ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅައިފައި ނުވާ ކަމަށެވެ.
"ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެއްވެސް ގޮތަކުން ހުށަހަޅާފައެއް ނުވޭ. ދައުވާއެއް ކޮށްފައެއް ނުވޭ. ސަރުކާރުގެ އެއްވެސް ތަނަކަށް ޝަކުވާއެއް ވެސް ހުށަހަޅާފައި ނުވޭ. ދެން މިހާރު ކުއްލިއަކަށް މިސަރުކާރުން މިގޮތަށް ނިންމުމުން ސުވާލު އުފެދޭ،" މީ ނޫހުން މި މައްސަލާގައި ގެނައި ރިޕޯޓަށް މައުރޫފް ވިދާޅުވި އެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ނަމުގައި، ކުރީގެ ވެރިކަމުގައި، ނޮވެމްބަރު 28, 2022 ގައި ގެޒެޓުގައި އުސޫލެއް ޝާއިއުކުރި އެވެ. އަދި، މައްސަލަ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދީފައި ވެ އެވެ. އެ މުއްދަތުގައި ބެސްޓިނެޓުން ބަދަލު ހޯދަން ހުށަހަޅާފައި ނުވެ އެވެ.
ބެސްޓިނެޓަކީ ކޮރަޕްޝަނާއި އޮޅުވާލުމާއި މަކަރު ހެދުމުގެ ސީރިއަސް ތުހުމަތުތަކެއް އޮތް ކުންފުންޏެކެވެ. މެލޭޝިއާގެ އިތުރުން ބަންގްލަދޭޝާއި ނޭޕާލުގައި ވެސް އެ ކުންފުންޏަށް ތުހުމަތުތަކެއް ކުރެވި ބައެއް ކަންކަން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
މިނިވަން ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި ބެސްޓިނެޓަކީ އެ ގައުމުގެ ޝާހީ އާއިލާއާއި ބާރުގަދަ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާ ގުޅުން އޮތް ކުންފުންޏެކެވެ. މިފަދަ ފަތިފުށެއް އޮތްއިރު އެކަމަށް މި ސަރުކާރުން ރިޔާއަތް ނުކުރެ އެވެ.
ބެސްޓިނެޓު މައްސަލައިން އިހުސާން ރެކިއްޖެ، ކުރީ ސަރުކާރުން އިހުމާލުވި ކަމަށް ތުހުމަތުކޮށް ޖިނާއި ތަހުގީގެއް ހިންގަނީ ބެސްޓިނެޓު މައްސަލައިން އިހުސާން ރެކިއްޖެ، ކުރީ ސަރުކާރުން އިހުމާލުވި ކަމަށް ތުހުމަތުކޮށް ޖިނާއި ތަހުގީގެއް ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ