ޕީއެންސީ މެޖޯރިޓީން އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލައިފި

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ, ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ މެންބަރުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ. މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. އެގޮތުން، އެ މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން ވެއްދި ކަމަށެވެ. މިއަދުގެ ޖަލްސާގައި އޮތީ އެ މައްސަލަ އެޖެންޑާކޮށްފައެވެ. މިނިސްޓަރު އިހުސާން ވަނީ ޖަލްސާއަށް ވަޑައިގެން އެ މައްސަލާގައި ޖަވާބުދާރީވެވަޑައިގެންފައެވެ. އިހުސާންގެ އިތުބާރު ނެތްތޯ ބެލުމަށް ނެގި ވޯޓުގައި އެ މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލުމަށް ޕީއެންސީގެ 64 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ. އިހުސާންގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ. އިހުސާނާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އިތުރު ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެމްޑީޕީން ވަނީ، އިހުސާން ފުލުހުންގެ މަސްއޫލުވެރި ވަޒީރުގެ ހައިސިއްޔަތުން އެ ޚިދުމަތުގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަން ހުރަސް އަޅާ ކަމަށް ތުހުމަތުކޮށްފައެވެ. ވަކިން ޚާއްސަކޮށް ގާނުނުތަކުގައި ފުލުހުންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް މިނިސްޓަރު ހުރަސްއަޅާ ކަމަށް އެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން ބިދޭސީން އެތެރެކޮށް ބެލެހެއްޓުމަށް ޕާމިޓް ދޫކުރުމަށް ގެންގުޅޭ ސިސްޓަމްގެ މައްސަލަ ފާހަގަކުރިއެވެ. އެގޮތުން އެ ސިސްޓަމްގެ ކަންތައް ބްލެކްލިސްޓް ކުރެވިފައިވާ ބޭރުގެ ކުންފުންޏަކަށް ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. މިނިސްޓަރު އިހުސާން ވަނީ އެ ތުހުމަތުތަކަށް ރައްދު ދެއްވައިފައެވެ. https://www.sun.mv/203022 އެގޮތުން ފުލުހުންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާ ކަމަށާއި، ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ ކުރީ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި ކަމަށް އިހުސާން ވިދާޅުވިއެވެ. ހަމައެއާއެކު ދިވެހި ރައްޔިތުންގެ ޒާމީ މައުލޫމާތު ރައްކާކުރާ ޑީއެންއާރުގެ އޮފީސް ތެރޭގައި ފުރީ ސައްހަ ފޯމުތަކެއް ކަމަށާއި އެ ތަނުގައި 'ވަގު ފޯމު'ތަކެއް ފުރި ނަމަ އެއަށް ވުރެ މާ ގިނަ ފޯމުތައް ފުރީސް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމްގެ މައްސަލައިގައި އިހުމާލުވި ކުރީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅުއްވާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އަދި ޑީއެންއާރް ތެރޭގައި ދެން ސިޔާސީ މަސައްކަތް ނުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ