ބުރާސްފަތި ދުވަހު 4000 ފްލެޓުގެ ލިސްޓު އާންމުކުރަނީ

އަންނަ ބުރާސްފަތި ދުވަހު 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ދ. ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރަމަޟާން މަހުގެ ކުރިން ފްލެޓް ލިސްޓު އާންމުކުރައްވާނެ ކަމަށް އެކި ފަހަރު މަތިން ވިދާޅުވެފައިވާއިރު، ބައެއް ފަރާތްތަކުން އެކަމާމެދު ސުވާލު އުފައްދަމުންދާ ކަމަށެވެ. ނަމަވެސް ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވާ ފަދައިން، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
"ބާކީ މި ހަފްތާގައި މިއޮތީ 2 ދުވަސް. އަޅުގަނޑު ދެންނެވިން ރިޔާސީ ބަޔާނުގައި ރޯދައިގެ ކުރިން މި 4000 ފްލެޓުގެ ލިސްޓު އާންމުކުރާނަމޭ. ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓަރ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ ލިސްޓު އާންމުކުރާގޮތަށް އޮތީ ހަމަޖެހިފައި," ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ފްލެޓް ލިސްޓު އާންމުކުރާއިރު ހުރިހާ ތަފްސީލެއްވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެއެވެ. މީގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކާއި، ނުލިބޭ ފަރާތްތަކަށް ނުލިބުނީ ކީއްވެގެންކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
މި ލިސްޓާ ގުޅޭ އިތުރު ތަފްސީލުތައް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ