ބުރާސްފަތި ދުވަހު ފްލެޓް ލިސްޓް އާންމުކުރަނީ

ކުރީގެ ސަރުކާރުން ހިންގި 'ގެދޮރުވެެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން އިއުލާންކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރޯދަ މަހުގެ ކުރިން ފްލެޓް ލިސްޓް އާންމުކުރާނެ ކަމުގެ ޔަގީންކަން ރައީސް ކުރިން ވެސް ދެއްވި އެވެ.
ރިޔާސީ ބަޔާނުގައި އެ ޔަގީންކަން ދެއްވުމަށް ފަހު، ދ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެސް، ރޯދައިގެ ކުރިން ލިސްޓް އިއުލާންކުރާނެ ކަމަށް ވިދާޅުވި އެވެ.
ތަފްސީލް - މިއަދު ދ. ހުޅުދެލީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ލިސްޓު އާންމުކުރަން ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. 
"ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން މިނިސްޓަރު [ޑރ. އަބްދުﷲ މުއްތަލިބު] ބާއްވަވާ ޕްރެސް ކޮންފަރެންސަކަށް ފަހު އެ ލިސްޓު އަޅުގަނޑުމެން އާންމުކުރާ ގޮތަށް އޮތީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ.
ފަސްމަންޒަރު - ކުރީގެ ސަރުކާރުން 4،000 ފްލެޓް ދީފައިވާ މީހުންގެ %60 އަކީ ޝަރުތުހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވެ އެވެ. އެކަމާ ގުޅޭގޮތުން އޭރު ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ބުނެފައިވާ ގޮތުގައި:
އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ %20.7
ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތް %19.7 އަށް އަރާ
އެނގުން މުހިންމު - ގެދޮރުވެރިޔާ ހައުސިން ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފްލެޓަށް އެދި ޖުމްލަ 20،697 ފޯމު ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭ ހިމެނެނީ:
ދެ ކޮޓަރީގެ އެޕާޓުމެންޓަށް 6،208 ފޯމު
ތިން ކޮޓަރީގެ އެޕާޓުމެންޓަށް 14،489 ފޯމު
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އަޅާފައިވަނީ:
ދެ ކޮޓަރީގެ 1250 ޔުނިޓު
ތިން ކޮޓަރީގެ 2،750 ޔުނިޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ