އެއްވެސް ހެއްކެއް ނެތުމުން ޑރ. އިސްމާއިލް ލަތީފަށް ދައުވާ ނުކުރަން ނިންމައިފި އެއްވެސް ހެއްކެއް ނެތުމުން ޑރ. އިސްމާއިލް ލަތީފަށް ދައުވާ ނުކުރަން ނިންމައިފި

ސްޕާއެއްގައި ހަށި ގަންނަން ގޮސް ހުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޑރ. އިސްމާއިލް ލަތީފުގެ މައްޗަށް ދައުވާ ކުރެވޭނެ އެއްވެސް ހެއްކެއް ނެތުމުން އެ މައްސަލައިގައި އޭނާއަށް ދައުވާ ނުކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
މި މައްސަލައިގައި އިސްމާއިލް ލަތީފު ހައްޔަރުކުރި ކަމަށް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެކަމަކު އޭނާގެ މައްސަލަ މީޑިއާގައި ދައުރުވާން ފެށީ, ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކުރި ފަހުންނެވެ.
މީޑިއާތަކާއި ސޯޝަލް މީޑިއާގައި މި ވާހަކަ ދައުރުކުރަން ފެށީ, އޭނާ ދޫކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ. އަޒްމިރަލްދާއަކީ އިސްމާއިލް ލަތީފުގެ އަނބިކަނބަލުންނެވެ.
ފުލުހުން މި މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީ އޮފީހާއެކީ ކުރި މަޝްވަރާއަށް ފަހު އެ އޮފީހުން ނިންމީ ޖިނާއީ ދައުވާއެއް ކުރެވޭ ވަރުގެ ހެއްކެއް ގަރީނާއެއް ނެތް ކަމަށެވެ. އެހެންކަމުން މި މައްސަލަ ފައިލްކުރަން ނިންމައި, ފުލުސް އޮފީހުން ވަނީ އެކަން އިސްމާއިލް ލަތީފަށް އަންގާފަ އެވެ.
މި މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ދެކެވެމުންދާ ވާހަކަތައް އިސްމާއިލް ލަތީފު ވަނީ ދޮގުކުރައްވާފަ އެވެ. ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޕާއިން ހައްޔަރުކުރި ނަމަވެސް އޭނާ ދޫކޮށްލީ ހެކި ނެތް ކަމަށް ފުލުހުން ކޯޓުގައި އިއުތިރާފުވުމާ ގުޅިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ