ދައުލަތަށް ގެއްލުންވާ ގޮތަށް ކުރީގެ ސަރުކާރުގެ ވެރިން ޢަމަލުކޮށްފައިވާތީ ޖިނާޢީ ދައުވާއެއް ކުރުމަށް ހުށަހަޅާނަން: ވަޒީރު އިޙްސާން

އެކްސްޕެޓް ސިސްޓަމާ ގުޅޭ މައްސަލައިގައި ކުރީގެ ސަރުކާރުގެ ވެރިން ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާތީ، އެ ފަރާތްތަކުގެ މައްޗަށް ޖިނާޢީ ދަޢުވާއެއް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ދާޚިލީ ސަލަމާތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާންގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، 2016 ވަނަ އަހަރު މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެކްސްޕެޓް ސިސްޓަމެއް ތައްޔާރުކުރުމަށް ވެފައިވާ އެއްބަސްވުން ދައްކަވައި، އެ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން 13.4 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭކަން ހާމަކުރެއްވިއެވެ.
2019 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން މި މައްސަލައާ ގުޅިގެން ސަރުކާރުގެ އިދާރާތަކާ މުޢާމަލާތްކުރަމުން ދިޔަ ނަމަވެސް، އެކަށީގެންވާ ޖަވާބެއް ނުދީ ގިނަ ދުވަސްތަކެއް ވަންދެން ލަސްކުރުމަށްފަހު 2022 ވަނަ އަހަރު އެއްބަސްވުން އުވާލާފައިވާކަން ވަޒީރު ލިޔެކިޔުންތަކާއެކު ސާބިތުކޮށްދެއްވިއެވެ.
"މިދިޔަ 5 އަހަރު ތެރޭގައި މިމައްސަލައަށް އިހުމާލުވެ އެއްވެސް ހައްލެއް ނުހޯދާ ދައުލަތަށް ފައިދާ ވާން އޮތް މައްސަލައެއްގައި ގެއްލުންދީފައި ވާތީއޭ ކުރީގެ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ކުރުމަށް އޭސީސީއަށް ހުށަހަޅާނަން،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މި މައްސަލައިގައި ދައުލަތަށް ލިބެން އޮތް ފައިދާއެއް ގެއްލިގެން ގޮސްފައިވާތީ، ކުރީގެ ސަރުކާރުގެ ވެރިންގެ އިހުމާލު ބަލައި، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތްކުރައްވާނެ ކަމަށް ވަޒީރު އިޙްސާން ވަނީ އިތުރަށް ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ