ވިހެއުމަށްފަހު މަންމައާއި ދަރިފުޅު މަރުވި މައްސަލަ: އަދިވެސް ފިޔަވަޅެއް ނޭޅޭ
ގއ. ވިލިނގިލީގައި، ވިހެއިތާ ގިނައިރުތަކެއް ނުވެ މަންމައާއި ދަރިފުޅު ނިޔާވިމައްސަލަގައި އެއްވެސް މީހަކާ މެދު މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ. ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށްފަހުގައެވެ. މި މައްސަލަ މިނިސްޓްރީން ބަލަންފެށީ މި މަހުގެ ހަވަނަ ދުވަހުގައެވެ. https://sun.mv/202285 އެ މައްސަލއިގައި މިހާތަނަށް އެއްވެސް މީހަކާއިމެދު ފިޔަވަޅެއް އެޅެފައިވޭތޯ މިއަދު 'ސަން'އިން ސުވާލުކުރުމުން މިނިސްޓްރީއިން ބުނީ އެ މައްސަލަ އަދިވެސް ބަލަމުން ދާކަމަށެވެ. އަދި މައްސަލަ ބަލާ ނިމުމުން މައްސަލައިގައި އިހުމާލުވެފައިވާ ފަރާތެއް ވާނަމަ އެ ފަރާތަކާމެދު ފިޔަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. "ނޫން މައްސަލަ ބަލާ ނިމުނީމަ އިހުމާލުވެފައި ވާނަމަ ފިޔަވަޅު އަޅާނެ." ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި ހާދިސާގައި ކަން ހިނގާދިޔަ ގޮތް "ސަން"އާ ހިއްސާކުރަމުން ޝިއުނާގެ ފިރިމީހާ ޝިފާޒު ބުނީ، އެ ކަން ދިމާވާން މެދުވެރިވީ އެއާ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން އެ ދެ މީހުން ގޮވައިގެން އިތުރު ފަރުވާއަށް ނުފުރި ލަސްވުމުން ކަމަށެވެ. މޯލްޑިވިއަނުން ފްލައިޓުގައި ހުރިހާ ވަސީލަތެއް ހަމަޔަށް ހުރިކަމަށް ބުނި ނަމަވެސް ޝިފާޒުވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. https://sun.mv/202325 އޭނާ ވަނީ އެ ފަދަ ހާދިސާއެއް ނުހިނގާނެ އެންމެހާ ކަންކަން މުސްތަގުބަލުގައި ޔަގީންކުރަން ޖެހޭކަމަށް ބުނެފައެވެ. އަދި މި ކަމުގައި އިންސާފު ހޯދުމަށް މަސައްކަތްކުރާނެކަމަށް ވެސް ބުންޏެވެ. މި މައްސަލަ މިހާރު އަންނަނީ، ހެލްތު މިނިސްޓްރީންނާއި، ފުލުހުން ވެސް ބަލަމުންނެެވެ. މި ހާދިސާއާއެކު ގއ. ވިލިނގިލީ ރައްޔިތުން އަންނަނީ އަތޮޅު ހޮސްޕިޓަލުން ލިބޭ ޚިދުމަތުގެ ފެންވަރާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމަށް ގޮވައިލައި އެރަށުގައި ވަނީ މުޒާހަރާއެއް ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ