ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް މެންބަރުން ވެއްދި ކަމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް ފޯމުތަކުގައި ހެކިންގެ ބައި ފަހުން ފުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެއްބަސްވެވަޑައިގަންނަވާއިރު އެއީ ޖިނާއީ ކުށެއް ކަމަށް ގާނޫނީ ވަކީލު މަހްފޫޒު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަހްފޫޒު ވިދާޅުވީ ޕާޓީއަށް ވަންނަ ފޯމުގައި ހެކިން ސޮއިކުރަނީ ފޯމު ހުށަހަޅާ މީހާގެ ހާޒިރުގައި ކަމަށެވެ.
"ހެކިންގެ ބައި ފުރީ ފަހުން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވާ އިރު ހެކިން ސޮއިކުރަނީ ފޯމުގައި މެންބަރު ސޮއި ކޮށްފައި އެމީހުންގެ ހާޒިރުގައި ކަމަށް. ދޮގު ހެކި ދިނުމުގެ މި އަމަލަކީ ޖިނާއީ ކުށެއް ކަމަށް އިހުސާންއަށް ފެނިވަޑައެއް ނުގެންނެވި،" މަހްފޫޒް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައައިގައި ޖަވާބުދާރީވަމުން އޭނާ ވަނީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ލައްވައި ފޯމު ހުށަހަޅާ މީހާގެ ގައިރު ހާޒިރުގައި އެ ފޯމުތަކުގެ ހެކިންގެ ބައި ފުރިހަމަ ކުރި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
"މި ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ފޯމުތައް ފުރައިގެން އަންނައިރުގައި އޭގެ ވިޓްނެސްގެ ބައި މި އިންނަނީ ފިލް ނުކޮށް. އެބޭފުޅެއްގެ ފޯމުގެ ވިޓްނެސްގެ ބައި އެބޭފުޅެއްގެ ފިންގާ ޕްރިންޓް ޖެހުމާއި ސޮއިކުރުމާއި އެ އެއްޗެހިތަކުގެ ތަފްސީލު ލިޔުމާއި މިކަންތައްތައް އެތަނުގެ ތެރޭގައި ހިނގަމުންދިޔަ ކަމަށް އަޅުގަނޑަށް ފަހުން މައުލޫމާތު ލިބިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުން ވަންނަ ފޯމުގައި އޮންނަނީ ހެކިންގެ ހާޒިރުގައި ފޯމު ފުރި ކަމަށެވެ. އަދި އޭނާ ދީފައި ވަނީ ތެދު މައުލޫމާތު ކަމަށް ހެކިވާ ކަމަށް ވެސް ފޯމުގައި ލިޔެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އިހުސާން ވިދާޅުވީ ހެކިންގެ ބައި މިނިސްޓްރީ ތެރޭގައި ފުރިހަމަ ކުރި ނަމަވެސް، އެއީ ޖިނާއީ ކުށެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަކު ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އެފަދަ ކަމެއް ކުރުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާތީ އެފަދަ ކަމެއް މިނިސްޓްރީގައި ނުކުރަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން އެއްބަސްވެވަޑައިގަތީ ޖިނާއީ ކުށަކަށް: މަހުފޫޒު އިހުސާން އެއްބަސްވެވަޑައިގަތީ ޖިނާއީ ކުށަކަށް: މަހުފޫޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ