ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް އިތުރު 20 ދުވަސް މިއަދު ޖަހައިފިއެވެ. އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ. އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ތުހުމަތުކޮށް، ޔުމްނުއަށް އިންސާފު ހޯދައި ދޭން އެދި ޒުވާނުން ވަނީ މުޒާހަރާ ކުރަން ފަށައިފައެވެ. އެ މުޒާހަރާތައް ފެށި ފަހުން، ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ 18:20ގައެވެ. އެފަހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ މައްޗަށް ޖެހީ، ފަސް ދުވަހެވެ. އޭގެފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން ފަސް ދުވަސް ޖަހެމަށްފަހު، މިއަދު ވަނީ 20 ދުވަސް އިތުރުކޮށްފައެވެ. ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފައެވެ. އެހެންވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައި ނުވެއެވެ. ފުލުހުންވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެކަމަކު، އޭނާއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދާއި ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައެވެ. https://sun.mv/205781 އެ ވާހަކަތަކާ ގުޅިގެން ފުލުހުން ވަނީ، މި މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައެވެ. އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް ނުވެ އޮތީ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ފުލުހުން ބުނީ، ހާދިސާ ހިނގި ފެންޓެނޯއީ ގެއަކީ ރައުދާއި ޔުމްނުއާ އެއްވެސް ގުޅުމެއް ނެތް ގެއެއް ކަމަށެވެ. ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ. ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެއެވެ. https://sun.mv/205946 ޔުމްނުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ފާހަގަނުވާ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން މިފަހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ