ބަންޑާރަނައިބު ނުވަތަ އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކެއް އެހެން ބަދަލުތަކެއް އަންނާނެހެން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން، ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައިވެރިއެއް ނުވެ އެވެ.
މަޖިލީހަށް ހުށަހެޅި ބިލަށް ކޮމިޓީ މަރުހަލާގައި ދެ ބަދަލެއް ގެނެސްފައިވެ އެވެ. އެ ގޮތުން އެ އޮފީހުގެ މުވައްޒަފުންނަށް ޝަރަފުވެރިކަމާއެކު ރިޓަޔާކުރެވޭ އުމުރު ކުރުކޮށް ސޮލިސިޓާ ޖެނެރަލްގެ މަގާމު އުވާލަން ކޮމިޓީން ނިންމި އެވެ.
މީގެ ކުރިން އޮތް ގޮތުން، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެވެނީ އޭޖީ އޮފީހުގައި 25 އަހަރު ހިދުމަތް ކޮށްދޭ މުވައްޒަފުންނަށެވެ. ނަމަވެސް، މިއަދު ފާސްކުރި ބިލު ތަސްދީގުކުރުމާއެކު އެ އުމުރު 20 އަހަރަށް ކުރުވާނެ އެވެ.
މީގެ އިތުރުން، އޭޖީ އޮފީހުގައި 10 އަހަރު ހޭދަކޮށްފައިވުމާއެކު ދައުލަތުގެ އެހެން އިދާރާއެއްގައި 20 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ވެސް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެވޭނެހެން ވެސް ކޮމިޓީން ބިލު ބަދަލުކުރި އެވެ.
ސޮލިސިޓާ ޖެނެރަލްގެ މަގާމު އުވާލުމަށްފަހު ކޮމިޓީން ނިންމީ ޑެޕިއުޓީ އެޓާނީ ޖެނެރަލެއް ހުންނަ ގޮތަށް ހެދުމަށާއި އެ މަގާމަކީ ރައީސުލްޖުމްހުރިއްޔާ އައްޔަންކުރާ މަގާމަކަށް ހެދުމަށެވެ.
މީގެކުރިން އޭޖީ އޮފީސް ހިނގަމުން ދިޔައީ ސިވިލް ސާވިސްގެ ދަށުންނެވެ. މިކަމުގެ ސަބަބުން އެހެން މުއައްސަސާތަކާ އަޅާބަލާއިރު މުސާރައާއި އެހެނިހެން ގޮތް ގޮތުން ވެސް ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. މި ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އޮތީ މި ދަތިތައް ނައްތާލުމެވެ.
އޭޖީ އޮފީސް ސިވިލް ސާވިސް ކޮމިޝަނުން ވަކިކުރާ ބިލު މަޖިލީހުން ފާސްކޮށްފި އޭޖީ އޮފީސް ސިވިލް ސާވިސް ކޮމިޝަނުން ވަކިކުރާ ބިލު މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ