އޮރެންޖު ހިޔާގެ މަސައްކަތުގައި އުޅުނު ސިފައިންނާ ރައީސް ބައްދަލުކުރައްވައިފި
މޯލްޑިވްސް ބްލަޑް ސަރވިސަސް، "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު ދިވެހި ސިފައިންނަށް ޝުކުރު އަދާކުރައްވާފައި މިވަނީ، އެކަމަށް ޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސިފައިންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ސިފައިންނަކީ، ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަމާއި، ސިފައިންނާ ހަވާލުކުރައްވާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބިކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރަން ނިންމި ކަމެއް ނަމަވެސް އެކަން އެކި ސަބަބުތަކާ ހެދި، ނުކުރެވި އޮއްވައި، ސިފައިންނާ އެ މަސައްކަތް ހަވާލުކުރެއްވީ ތެލެސީމިއާ ކުދިން އުޅޭ ސީރިއަސް ހާލަތު އެނގިވަޑައިގެން، އެފަރާތްތަކަށް ވީހާ ވެސް އަވަހަކަށް، ފުރިހަމަކަމާ އެކު އޮރެންޖު ހިޔާގައި މޯލްޑިވްސް ބްލަޑް ސާވިސަސް ގާއިމްކުރެއްވުމުގެ ބޭނުމުގައި ކަމުގައެވެ. އަދި ސިފައިންނާ ހަވާލުކުރެއްވި މަސައްކަތުގައި ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން ފެނިގެން ދިޔަކަމާއި، އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ބްލަޑް ސަވިސަސް "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ދިވެހި ސިފައިންނަށް އަރުވާފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު އޮރެންޖު ހިޔާގެ މަސައްކަތުގައި އުޅުނު ސިފައިންގެ އަގުވަޒަންކުރެއްވުމަށް ފިލާއެއް ދެއްވަނީ -- ފޮޓޯ: އެމްއެންޑީއެފް އެމްއެންޑީއެފްގެ ފަރާތުން މި ފިލައާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި، މި މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަގުވަޒަންކުރުމުގެ ލިޔުން ވަކިވަކިން ދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވެލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ