މުޒަހާރާ ކުރި އޮޑިވެރީންނަށް ހައްލެއް؛ އިތުރު ފީއެއް ނުދައްކައި ދޯނިފަހަރު އެޅޭނެ ގޮތެއް ހަމަޖައްސައިދީފި
ހުޅުމާލޭ މުދާ ޖެޓީގައި ދޯނިފަހަރުއެޅުން މަނާކުރުމުން އެ ސަރަހައްދުގައި މުޒާހަރާކުރި އޮޑިވެރީންނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހައްލު ހޯދައިދީފިއެވެ. އެޗްޑީސީން މުދާ ޖެޓީ ތަރައްގީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެދި މިދިޔަމަހުގެ ނުވަވަނަ ދުވަހު އިއުލާންކުރިއެވެ. އެހެންނަމަވެސް، އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް ދިން މުހުލަތު ފަހަނައެޅުމުން، މިއަދު އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެ އަލުން ކޯޕަރޭޝަނުން އެންގިއެވެ. އެ އެންގުމާއެކު، ބައެއް އޮޑިވެރިން އެ ސަރަހައްދަށް އެއްވެ ކަންބޮޑުވުން ފާޅުކުރިއެވެ. އެ އޮޑިވެރިންގެ ކަންބޮޑުވުމަކަށްވީ، މުދާ ޖެޓީން ނެގުމަށްފަހު ދޯނިފަހަރު އަޅަން އެޗްޑީސީން ދިން ސަރަހައްދުގައި ފީއެއް ދައްކަން ޖެހުމެވެ. ފެރީ ޓާމިނަލާއި ޕެޓްރޯލް ޝެޑާއި ދެމެދު އޮންނަ މުދާ ޖެޓީގައި އޮޑިވެރީންގެ ދޯނިތައް އަޅަން އެއްވެސް ފީއެއް ދައްކާކަށެއް ނުޖެހެއެވެ. މުޒާހަރާކުރި އޮޑިވެރީންނާ އެޗްޑީސީން ބައްދަލުކުރުން: މުދާ ޖެޓީގެ ބަދަލުގައި އެހެން ސަރަހައްދެއްގައި ދޯނިފަހަރު އަޅަން ވަނީ ހަމަޖައްސައިދީފައި -- ފޮޓޯ އެޗްޑީސީ އެ މައްސަލައިގައި އެޗްޑީސީން ބުނީ މައްސަލަ ހައްލުކުރުމަށް އޮޑިވެރިންނާ އެ ކޯޕަރޭޝަނުގެ އިސްވެރިން މަޝްވަރާ ކުރި ކަމަށެވެ. އަދި މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައި ވާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދު ވެސް މަސައްކަތް ކުރާނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ އެފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އޮޑިވެރީންގެ މުޒާހަރާގައި ވަނީ އޮޑިވެރީންނަކީ ވެސް ދިވެހީންކަން ފާހަގަކޮށް، އެ މީހުންގެ ހައްގުތައް ހޯދައި ދޭން ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ