އާރުޓީއެލް ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ އެހީއެއް އާރުޓީއެލް ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ އެހީއެއް

މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވައިލުމަށް މިދިޔަ ސަރުކާރުން ފެށި އާރުޓީއެލްގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ދިވެހިރާއްޖެއަށް ދީފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ 100 މިލިއަން ރުފިޔާގެ ދިނުމުގެ އިތުރުން ވެސް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ތިންވަނަ ފިޔަވަހީގެ ދަށުން 13 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއިން ފޯރުކޮށްދިން އެހީއާއެކު މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް އާރުޓީއެލްގެ ހިދުމަތް ދޭން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލު ކުރަން ފަސޭހަވެގެން ދާނެ ކަމަށެވެ. އިންޑިއާއިން ފޯރުކޮށްދިން އެހީއަށް އަމީން ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
އާރުޓީއެލްގެ ހިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހައި ސްޕީޑް ފެރީގެ ނެޓްވޯކަކުން ގުޅައިލުމަށް މިދިޔަ ސަރުކާރުން ފެށި މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން 65 ލޯންޗު ބަނދެ، ރާއްޖޭގެ އެކި ކަންކޮޅުގައި 149 ޓާމިނަލް އަޅާނެ އެވެ. އާރުޓީއެލްގެ ހިދުމަތް ފަަރުމާކޮށްފައި ވަނީ ހުރިހާ ފިޔަވައްސެއް ނިމޭއިރު އަތޮޅުތައް ވެސް ގުޅި މާލެއަށް ވެސް ދަތުރުކުރެވޭނެ ގޮތަށެވެ.
މިހާރު އެ ހިދުމަތް ދެމުން ދަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. ނ. ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް އަދި އައްޑޫ ސިޓީގަ އެވެ.
ނ. ރ. އަދި ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ގާއިމު ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ