ގުޅިފަޅުން ގޯތި ދޭގޮތަށް މިފަހުން ސަރުކާރުން ބަދަލު ގެނައީ ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ، ގުޅިފަޅު ސިޓިޒެންސް އެސޯސިއޭޝަން (ގުޅިފަޅު ރައްޔިތުންގެ ޖަމިއްޔާ) އާ މަޝްވަރާކުރުމަށް ފަހު ކަަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިޔަސް، އެކަން ނުކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ގުޅިފަޅުން ބިންވެރިޔާ ސްކީމްގެ ގޯތިތަކެއް ދިނުމަށް ނިންމައި، ލޭންޑް ޔޫސް ޕްލޭން އެންމެ ފުރަތަމަ އާންމުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޮގަސްޓު 2023ގަ އެވެ. އެގޮތުން އެ ސަރުކާރުގައި:
އެ ޕްލޭންގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަސްތެރޭ އެއަށް ބަދަލު ގެނައި
އެ ޕްލޭނަށް އަނެއްކާވެސް ބަދަލުގެނެސް ރޭ ވަނީ އަލުން ގެޒެޓުކޮށްފައި
މިފަހަރު އެ ޕްލޭންއަށް ގެނައި ބަދަލަކީ ގުޅިފަޅު ހިއްކާފައި އޮތް ސަރަހައްދުން އެންމެންނަށް ގޯތި ލިބޭ ގޮތް ހެދުން
މުއްތަލިބު ވިދާޅުވީ، އެ ޕްލޭނަށް ބަދަލު ގެނައީ ބިންވެރިޔާ ސްކީމުން ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނަށް ވީހާވެސް އަވަހަކަށް ގޯތި ރަޖިސްޓްރީ ދިނުމަށް ކަމަށެވެ. އަދި، އެބަދަލު ގެނައީ ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާއާ ހިއްސާކޮށް ބިންތައް ދޭނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - އެކަން ދޮގު އެ ޖަމިއްޔާއިން 'އެކްސް'ގައި ދިން ރައްދުގައި ބުނެފައިވަނީ މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި އެބަދަލުތައް އެ ޖަމިއްޔާއާ ހިއްސާކުރީ ގެޒެޓް ވެސް ކުރުމަށް ފަހު "ނިމިފައި އޮތްގޮތަކީ މިއީ" ކަމަށް ބުނެ ކަމަށެވެ.
"އަޅުގަޑުމެންނާ މަޝްވަރާ އެއްނޫންކުރީ، ލޭންޑް ޔޫސް ޕްލޭން ގެޒެޓް ކޮށްފައި މިކަންމިހެންނޭ މިއޮތީ ނިމިފަ މިކަހަލަ ބީދައަކުން ކުރިޔަށް ދިޔަ ކަމެއް މީ. މިނިސްޓާ އަޅުގަޑުމެން ބޮލުގައި އިލްޒާމް ނާޅުވާ. އަޅުގަޑުމެން ގުޅުއްވީމާ ފޯނު ނަންގަވާ، ވަގުތު ފާއިތެއްނުވޭ،" މުއްތަލިބުގެ ޕޯސްޓަށް ޖަމިއްޔާއިން ދިން ރައްދުގައި ބުނެފައި ވެއެވެ.
އެނގުން މުހިންމު - މިދިޔަ ސަރުކާރުން ފެށި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގުޅިފަޅުން 2،000އަށް ވުރެ ގިނަ ގޯތި ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.
އެ ތަންތަނުގެ ރަޖިސްޓްރީ މި މަހު ހަވާލުކުރަން ފަށާނެ ކަމަށް މިދިޔަ އެޕްރީލް މަސްތެރޭ މިނިސްޓަރު އޮތީ ވިދާޅުވެފަ އެވެ.
ގުޅިފަޅުން ގޯތި ދޭ ގޮތް ބަދަލުކުރީ މަޝްވަރާކޮށްފައެއް ނޫން: ޖަމިއްޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ