ބްރޯޑްކޮމްގެ މުވައްޒަފުން ކޮމިޝަންގެ މެންބަރުންނާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފި

ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެކިގޮތްގޮތުން ދަތިކުރާތީ އާއި ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް މުވައްޒަފުންނަށް އުނދަގޫތައް ކުރިމަތިކުރުވާ ކަމަށް ބުނެ ބްރޯޑްކޮމްގެ ރައީސް އާއި ނައިބު ރައީސް ހިމެނޭހެން ބައެއް މެމްބަރުންނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުންގެ ބައެއް މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ބްރޯޑްކޮމްގެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް އެކިކަހަލަ ގޮންޖެހުންތައް ކުރިމަތިކުރުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް އަވަސް ހައްލެއް ހޯދައިދީ އެ މައްސަލަ ބަލައިދިނުމަށް އެދި ޕެޓިޝަނެއް ހުށަހެޅީ އެ ކޮމިޝަނުގައި މަސައްކަތްކުރާ 17 އަށްވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު އެވެ.
އެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު މި ޕެޓިޝަން އިއްޔެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
"މި މައްސަލަ، މަޖިލީހުން ބައްލަވައިދެއްވައި، އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ގެނެސްދެއްވުމަކީ ވަރަށް ބޮޑު އެދުމެކެވެ،" ޕެޓިޝަނުގައި ބުނެފައި ވެއެެވެ.
"އަޅުގަނޑުމެން، ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާ އަދާކުރަނީ ދިވެހި ގައުމަށާއި ދިވެހި ދައުލަތަށް އަދި ދިވެހި ރައްޔިތުންނާއި ބްރޯޑްކާސްޓް ދާއިރާއަށް ހިދުމަތްތަކެއް ކުރުމުގެ ބޭނުމުގަ އެވެ." 
ތަފްސީލް - މި ޕެޓިޝަނުގައި ބުނެފައިވަނީ:
ސެކްރެޓަރީ ޖެނަރަލް އާއި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތަކަށް ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެމްބަރުންގެ ފަރާތުން ހުރަސް އަޅަމުންދާ ކަމަށް
މާލިއްޔަތު ގަވައިދާ ފުށޫއަރާގޮތަށް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރުވާ ކަމަށް
ކޮމިޝަންގެ ކުރީގެ ނައިބު ރައީސްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބިގެން އެކަން މަޖިލީހަށް ހުށަހަޅާފައި އޮއްވާ އޭނާ އިސްތިއުފާ ދެއްވުމުން، އަނިޔާ ލިބިގެން ޝަކުވާކުރި މުވައްޒަފު ޑަބަލް ވިކްޓިމައިޒް ކޮށްފައިވާ ކަމަށް؛ އެ މުވައްޒަފު ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، ޑިޕާޓުމަންޓް ބަދަލުކޮށްފައިވާ ކަމަށް
އިދާރީ ހިންގުމާ ހަވާލުވެގެން ހުރި ފަރާތުގެ ގަދަރާއި ހައިބަތު ކުޑަވާގޮތަށް ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ކޮމިޝަނުގެ އިސްވެރިން މުއާމަލާތުކޮށްފައިވާ ކަމަށް
ކޮމިޝަންގެ ދާއީމީ ކޮމިޓީތަކުން ނިންމާ ކަންކަން ވަކިވަކި މުވައްޒަފުން ހާޒިރުކޮށް އޮޅުންފިލުވައި، އެ ނިންމުންތަކަށް ނުފޫޒު ފޯރުވާ ކަމަށް
ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި، މުވައްޒަފުންގެ ޒާތީ މައުލޫމާތުތައް ހާމަކުރުން ފަދަ ކަންކަން ކޮމިޝަނުގެ ރައީސް އާއި ބައެއް މެމްބަރުން ކުރަމުންދާ ކަމަށް
ވަކި މުވައްޒަފުންނަށް ކުޑައިމީސްކޮށް، ވަކި މުވައްޒަފަކު ހުންނަ ގޮތަކުން އޭނާ ވަޒީފާއިން ވަކިކުރަން ބޭނުންވާ ކަމަށް ބުނުމާއި، ހިންގާ ގަވާއިދާ ހިލާފަށް ވަކި މުވައްޒަފަކު ވަކިކުރަން އެޗްއާރް ޕެނަލްއަށް އަންގާފައިވާ ކަމަށް
އެޗްއާރް ޕެނަލުން ނިންމާ ނިންމުންތަކާމެދު ކޮމިޝަނަރުން ހިތްހަމަ ނުޖެހޭނަމަ އެ ނިންމުން ބަލައިނުގަންނަ ކަމަށް
މުވައްޒަފުންނަށް ވިސިލްބްލޯގެ ދަށުން ލިބޭ ހައްގުތައް ހަނިކޮށް ނުފޫޒު ފޯރުވާ ކަމަށް
މުވައްޒަފުން މެދުވެރިކޮށް ބައެއް މުވައްޒަފުންނާއި އިދާރީ ވެރިންނަށް ފާރަލާ ކަމަށް
ޒާތީވުމާއި މުވައްޒަފުންނާއި ޖައްސާލުމާއި ނަފްސާނީ ގޮތުން ގޯނާ ކުރާ ކަމަށް
އިތުރު ގަޑީގެ މުސާރަ ދެވޭނެ ބަޖެޓެއް ނެތްކަން އެނގިތިބެ މުވައްޒަފުން ލައްވައި ގޭގައި ތިބޭއިރު ވެސް އިތުރުގަޑީގެ މަސައްކަތްކުރުވާ ކަމަށް
"ގާނޫނު އަސާސީގެ 27ވަނަ މާއްދާއާއި ރާއްޖޭގައި އަމަލުކުރަމުންދާ އެކިއެކި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ކޮމިޝަންގެ ރައީސް، ނައިބު ރައީސް، އަދި ބައެއް މެމްބަރުން މިހާރަށްވުރެ ފުޅާކޮށް ހޭލުންތެރިކުރުވާން އެދެން،" ޕެޓިޝަނުގައި ވެއެވެ.
އެނގުން މުހިންމު - ކޮމިޝަނުގެ ރައީސްގެ މަގާމުގައި މިހާރު ހުންނަވަނީ ސަފާ ޝަފީގް އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެއީ ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ވަހީދާގެ ދައުރު މިދިޔަ ޑިސެމްބަރު މަހު ހަމަވުމުންނެވެ.
ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ހުންނަވަނީ ކުރީގެ މަޝްހޫރު ޕްރެސެންޓަރު ޝިފްލާ އިބްރާހިމް އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އެޕްރީލް މަސްތެެރޭގަ އެވެ. އެއީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަޒީން އިސްތިއުފާ ދެއްވީ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ