ރަށުން ބޭރުގައި ބާސެލޯނާ ބަލިކޮށް ވިލަރެެއާލް އިން ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވާދަވެރި ކުޅުމަކަށްފަހު ޗެންޕިއަން ބާސެލޯނާ 3-2 ގެ ނަތީޖާއަކުން ބަލިކޮށް ވިލަރެއާލް އިން ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ލީގުގައި ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އެސްޕަނިޔޯލް އަތުން މޮޅުވެފައިވާއިރު، ލީގުގައި ވިލަރެއާލް އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ލެގަނޭސް ބަލިކޮށްފައެވެ. އަދި މިދެޓީމު ލީގުގައި ކުޅުނު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިލަރެއާލް އިންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވިލަރެއާލް އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިފެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އަޔޯޒޭ ޕެރޭޒް އެވެ.
ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ. މިއީ މިސީޒަނުގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔަމާލް ލީގުގައި ކުޅުނު 34 މެޗުގައި ކާމިޔާބުކުރި ނުވަވަނަ ލަނޑެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބާސެލޯނާއަށް ލީޑު ހޯދައިދީފައެވެ.
ވިލަރެެއާލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ސަންތީ ކޮމެސަނެއާ އެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު ފަހުހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ތޭޖޮން ބުކޭނަން އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 37 މެޗުން ވިލަރެއާލްއަށް 67 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ބާސެލޯނާ އިން ލީގުގައި ކުޅުނު 37 މެޗުން އެޓީމަށް ވަނީ 85 ޕޮއިންޓް ލިބިފައެވެ. އަދި މިމެޗަށް ނިކުތްއިރުވެސް އެޓީމަށް އޮތީ ލީގު ޗެންޕިއަންކަން ކަށަޗަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ