އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލައްވައިފި

ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި، އިޒްރޭލަ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފި އެވެ.އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހައްދުފަހަނައެޅި ޔަޙޫދީން ޣައްޒާގެ ކުށެއްނެތް އެތައް ބަޔަކަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.މީގެއިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތަށް ޣައްޒާ ރައްޔިތުންގެ ފުރާނަ ހިމާޔަތް ކުރުމަށް ރައީސްވަނީ ގޮވާލައްވާފަ އެވެ. އަދި އިސްރާއީލުގެ މިޢަމަލުތަކުގެ ޒިންމާ އެމީހުން ނަގަންޖެހޭނެކަން ރައީސް ވިދާޅުވި އެވެ.ރައީސް މުއިއްޒު މިހެން ވިދާޅުވީ އިސްރާއީލްގެ އަނިޔާވެރިކަން ފާއިތުވި ހަފްތާއެއްހައި ދުވަހު ވަކިން ބޮޑުވެ މިއަދު އެކަނިވެސް 100 އަށްވުރެ ގިނަ މީހުން ޣައްޒާއިން ޝަހީދުކޮށްލާފައި ވަނިކޮށެވެ.ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ މެންދަމުން އަލިވި ވަގުތު ޣައްޒާގެ ދެކުނުގައި ދިން ހަމަލާތަކެއްގައި 22 މީހަކު ޝަހީދުވި ކަމަށާއި އެ ހަމަލާތަކުގައި މަދުވެގެން 100 މީހަކު ޒަހަމްވި ކަމަށެވެ. އޭނާ ވިދާޅުވީ އެ ހަމަލާ ދީފައިވަނީ ހާލުގައި ޖެހިފައިވާ މީހުން އުޅޭ ޓެންޓުތައް ހުންނަ ހިސާބަކަށް ކަމަށެވެ.މީގެ އިތުރުން ޖަބަލިޔާގައި ހުންނަ ގެޔަކަށް ދިން ހަމަލާއެއްގައި ހަތް މީހަކު ޝަހީދުވި ކަމަށް ބައްސާލް ވިދާޅުވި އެވެ. އަދި އަލްޒަވައިދާގެ މެދުތެރޭގަ އާއި ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ވެސް ބަޔަކު ޝަހީދުވި ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.އިޒްރޭލުގެ އަސްކަރިއްޔާއިން އިއްޔެ ބުނީ 19 މަހަށްވުރެ ގިނަ ދުވަސް ވީ ހަމަލާތަކަށް ފަހު "ހަމާސް ނައްތާލަން" ޣައްޒާގައި އާ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. މި ދެތިން ދުވަހު 200 އެއްހާ މީހުން ޝަހީދުކޮށްލާފައި ވާއިރު އެ ހަމަލާތަކަކީ އާ އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާ ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އިޒްރޭލުން ހުއްޓުވާފައި އޮންނަތާ އެތައް މަހަކަށް ފަހު މުޅި ޣައްޒާ ބަނޑަށް ޖެހިދާނެ ކަމުގެ ބިރާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ.އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 53،000 އިން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 119،919 އަށް އަރާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެ އެވެ.އެ މައްސަލާގައި ކުރިން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް އެކުލަވާލަން ބޭނުންވާ ކަމަށެވެ. އެކަމަކު އެފަދަ އެއްބަސްވުމެއްގައި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރުމާއި ޣައްޒާގައި ހަތިޔާރު ގެންގުޅުން ހުއްޓާލުން ހިމެނެން ޖެހޭނެ ކަމަށް އޭނާ ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ