ސިނާ ބަލިކޮށް އަލްކަރާޒް އިޓާލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދައިފި
އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި ކުރިއަށްދިޔަ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން މިމުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ. އަލްކަރާޒް މިމުބާރާތް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވި އިޓަލީވިލާތުގެ ޔަނިކް ސިނާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ވެގެންދިޔައީ ގިނަ ބަޔަކު ބޭނުވިފަދަ ވާދަވެރި އަދި ފޯރިގަދަ ސެޓަކަށެވެ. މިމެޗު ޓައި ބްރޭކަކަށް ގޮސް ހަތެއް ފަހަކުން ކާމިޔާބު ކޮށްފައިވަނީ އަލްކަރާޒްއެެވެ. ނަމަވެސް މިސެޓުގައި ސިނާއަށް ދެ ފަހަރެއްގެ މަތިން ސެޓު ޕޮއިންޓް ލިބިގެންދިޔައެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބު ނުކުރެވިމުގެ ނަތީޖާއަކަށްވީ އަލްކަރާޒް އެކަމުގެ ފައިދާ ނަގާ ސެޓް ކާމިޔާބު ކުރުމެވެ. މިމެޗުގެ ފުރަތަމަ ސެޓާ ހިލާފަށް ދެވަނަ ސެޓުގައި ފެނުނީ ވަރަށް ތަފާތު ކުޅުމެކެވެ. މިގޮތުން މިސެޓުގައި އަލްކަރާޒްވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ހައެއް އެކަކުން ސެޓު ކަމިޔާބު ކޮށް އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އިޓާލިއަން އޯޕަންގެ ތަށި ކާމިޔާބު ކޮށްފައެވެ. މިސެޓު އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ 33 މިނެޓުންނެވެ. މިސެޓުގައި ސިނާގެ މެޗް ފިޓްނަސް ދައްކަން ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ. މިއީ މަނާ ބޭސް ބޭސް ބޭނުން ކުރިކަމަށް ބުނެ ދިން ތިން މަސް ދުވަހުގެ ބޭން ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް ސިނާ ކުޅުނު ފުރަތަމަ މުބާރާތެވެ. އެހެން ކަމުން ވޭތުވެދިޔަ ތިން މަސް ދުވަހު ވާދަވެރި މެޗެއް ނުކުޅެހުރިކަން މިސެޓުން ފާހަގަ ވެގެންދިޔައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ވަނީ އޭނާއަށް ފުރަތަމަ ފަަހަރަށް މިމުބާރާތް ކާމިޔާބު ކުރެވުމުން އެކަމާ އުފާކުރާކަން ފާހަގަ ކޮށްފައެވެ. އަދި މިއީ އެމުބާރާތް ކާމިޔާބު ކުރާ ފަހު ފަހަރަށް ނުވާނެ ކަމަށްވެސް ބުންޏެވެ. ހަމައެއާއެކު އަލްކަރާޒް ވަނީ ސިނާ ބޭނުން އެނބުރި އައިސް ފައިވާތީ އެކަމާއި އުފާކުރާކަމަށް ބުނެފައެވެ. އަދި ތިން މަސް ދުވަހުގެ މެދު ކެނޑުމަކަށް އެނބުރި އައުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި ނަމަވެސް ސިނާ އެނބުރި އައިސް ކުޅުނު ފުރަތަމަ މުބާރާތުގެ ފައިނަލްގައި ވާދަކުރުމަކީ އޭގެ ޒާތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއްކަމުން އެކަމަށްޓަކައި ސިނާއަށް މަރްހަބާ ކިޔާފައެވެ. މިމެޗުން ބަލިވުމުން ސިނާ މިވަނީ 26 މެޗަށް ފަހު ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެފައެވެ. އަދި މިއާއެކު 1976ވަނަ އަހަރަށް ފަހު އިޓާލިއަން އޯޕަން ކާމިޔާބު ކުރާ އިޓަލީވިލާތުގެ ފުރަތަމަ ކުޅުންތެރިޔާއަށް ވުމަށް ސިނާ ކުރި މަސައްކަތް މިވަނީ މިފަހަރު ނާކާމިޔާބު ވެފައެވެ. ސިނާ އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާ އޯޕަންގެ ފައިނަލްގައެވެ. އެއީވެސް އަލްކަރާޒް އަތުންނެވެ. އިޓާލިއަން އޯޕަންގެ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ޖޭސްމީން ޕައޮލިނީ އާއި ސާރާ އިރާނީއެވެ. އެދެ ކުޅުންތެރިން ޑަބަލްސް އިވެންޓް ކާމިޔާބު ކޮށްފައިވަނީ އެލީސޭ މާޓެންސް އާއި ވެރޯނިކާ ކުޑަމެންޓޯވާ އާއި ބައްދަލުކޮށް ސީދާ ދެސެޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ