ޔުމްނުގެ ބަޔާން ނުނެގި ފުލުހުން މެލޭޝިއާގައި 26 ދުވަސް, އެ ގައުމުގެ ފުލުހުންގެ އެހީ ހޯދަނީ

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)ގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭތީ, އެކަން ކުރަން އޭނާ ފަރުވާ ހޯދަމުންދާ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަން, ދިވެހި ފުލުހުން ނިންމައިފިއެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުރާޅު މައްޗަށް ވެއްޓިފައި އޮށްވައި ފެނުނު, ޔުމްނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހުގައި, އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. ފުލުހުން މިއަދު ބުނީ ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދިވެހި ދެ ފުލުހުން މެލޭޝިއާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. https://www.sun.mv/206356 ނަމަވެސް މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އަދި، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު، މެލޭޝިއާގައި އޭނާއަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ދިވެހި ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ތަހުގީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް، އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އެންމެ ފަހުން އުޅުނުކަމަށް ބެލެވޭ, ގ.އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް, ފުލުހުންގެ ބަންދުގައި ގިނަ ދުވަސްތަކެއް ބެއިންދުމަށް ފަހުގައި މިއަދު ވަނީ ބަންދުން ދޫކޮށްލައިފައެވެ. އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ. އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ތުހުމަތުކޮށް، ޔުމްނުއަށް އިންސާފު ހޯދައި ދޭން އެދި ޒުވާނުން ވަނީ މުޒާހަރާ ކުރަން ފަށައިފައެވެ. https://www.sun.mv/205781 އެ މުޒާހަރާތައް ފެށި ފަހުން، ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ 18:20ގައެވެ. އެފަހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ މައްޗަށް ޖެހީ ފަސް ދުވަހެވެ. އޭގެފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން ފަސް ދުވަސް ޖަހެމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ 20 ދުވަސް އިތުރުކޮށްފައެވެ. އޭނާ ބަންދުން ދޫކޮށްލަން އެދި ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފައި ވަނިކޮށް މިއަދު ވަނީ ދޫކޮށްލައިފައެވެ. ފުލުހުންވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެކަމަކު، އޭނާއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދާއި ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައެވެ. ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ. ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެއެވެ. ޔުމްނުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ފާހަގަނުވާ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން މިފަހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ