ސިއްހީ ދާއިރާގެ 4.3 ބިލިއަންގެ މަޝްރޫއު ކުރިއަށް، 1،200 ވަޒީފާ

މި ސަރުކާރަށް މިވީ 18 މަސްދުވަހުގެ ތެރޭގައިި ސިއްހީ ދާއިރާގެ 4.3 ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށްދާ ކަމަށާއި އެ ދާއިރާއިން 1،200 ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ފެށިފައިވާ ކަމަށާއި އެގޮތުން 60 މަޝްރޫއެއް ފެށިގެން ކުރިއަށްދާއިރު އޭގެތެރެއިން 18 މަޝްރޫއެއް ކުރިއަށްދަނީ މާލެ ސަރަހައްދުގައި ކަމަށެވެ.
"ގާތްގަނޑަކަށް 4.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ސިއްހީ ދާއިރާގެ އެކަނި މިދިޔަ ދޮޅު އަހަރުގެ ތެރޭ އެބަ ކުރިއަށްދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތްތަކާއި ވަޒީފާތައް ވެސް އިތުރުކުރަމުންދާ ކަމަށާއި އެގޮތުން މިދިޔަ 18 މަސް ދުވަސްތެރޭ ސިއްހީ ދާއިރާ އިން 1200 ވަޒީފާ އުފައްދާފައިވާ ކަމަށެވެ. އޭގެ ތެރެއިން 740 ވަޒީފާ އަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އުފައްދާފައިވާ ވަޒީފާތައް ކަމަށާއި މިހާތަނަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކަށް 646 މުވައްޒަފުން ނަގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް 450 މުވައްޒިފުން ނަގަން ހުއްދަ ދީ އެ ވަޒީފާތަކަށް މީހުން ނަގަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ވަޒީފާތަކަށް މީހުން ނަގަމުންދާއިރު ނަރުހުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެގޮތުން ނަރުހުންގެ ވަޒީފާއަށް 218 މީހަކު ނެގުމަށް ހުއްދަ ދީފައިވާއިރު އަދިވެސް 70 ވަރަކަށް ނަރުހުން ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތަމްރީނު ލިބިފައި ތިބި ނަރުހުން މި ދާއިރާއަށް ނިކުތުމަށް އެދިވަޑައިގަންނަވާ ކަމަށާއި ސިއްހީ ދާއިރާއަކީ ދިވެހިންގެ އަމިއްލަ ދާއިރާއަކަށް ހެދުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ