2 ފައިވާން ވަގަށް ނެގި މީހަކު ފަސް ދުވަހަށް ބަންދުކޮށްފި
ދެ ފައިވާން ވަގަށް ނަގައިގެން މަގުމަތީގައި ވިއްކަން އިންދައި ޒުވާނަކު ހައްޔަރުކޮށް، އޭނާ ފަސް ދުވަހަށް އިއްޔެ ބަންދުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ޏ. ފުވައްމުލަކަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ ވައްކަންކުރިކަމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވެއެވެ. އެގޮތުން، ދެ ފައިވާނެއް ވަގަށް ނަގައިގެން 'ވަދުފޮށި' ކިޔާ ފިހާރައެއް ކައިރީ ވިއްކަން އިންދާ ފެނިގެން ފުލުހުންނަށް ރިޕޯޓުކުރި ކަމަށް ކޯޓު އަމުރުގައިވެއެވެ. ނަމަވެސް، އޭނާ ބުނަނީ އެއީ ގެއެއްގައި ހުރި ކުނި ކޮތަޅަކުން ނެގި އެއްޗެއް ކަމަށް އަމުރުގައިވެއެވެ. އެހެންނަމަވެސް، އެ ގެއަށް އޭނާ ވަންނަން ޖެހުނު ސަބަބެއް ބުނެދެވިފައިނުވާކަން ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. އެއާއެކު ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ހުކުމްކޮށްފައެވެ. އެގޮތުން، އޭނާގެ މައްޗަށް މިދިޔަ ހުކުރު ދުވަހު ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ