3 ކައުންސިލަރުން ތިއްބަސް ނިންމުން ނިންމޭނެ، ގޮނޑި ހުސްވާއިރަށް އިންތިޚާބު ބާއްވާކަށް ނުޖެހޭ: ފަލާހު
ތިން ކައުންސިލަރުން ތިއްބަސް ކައުންސިލްތަކުގައި ނިންމުންތައް ނިންމޭނެ ކަމަށާއި، މިހާރު ފަސް ކައުންސިލަރުން ތިބޭއިރު އެ ތަނުން ގޮނޑިއެއް ހުސްވާއިރަށް ކޮންމެހެން އިންތިޚާބެއް ބާއްވާކަށް ނުޖެހޭ ކަމަށް ޕީއެންސީ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. ފަލާހު އެފަދައިން ވިދާޅުވީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަސް އޮތް ނަމަ، ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މިހާރު ހުށަހަޅާފައި އޮތް އިސްލާހަށް ބަހުސްކުރައްވަމުންނެވެ. އެ ބިލަށް އެމްޑީޕީގެ މެންބަރުން ދެކޮޅު ހެއްދެވުމުގެ ސަބަބުން ފަލާހު ވިދާޅުވީ ހަގީގަތުގައި އެމްޑީޕީގެ މެންބަރުން ވެސް އެ އިސްލާހަށް ތާއީދުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ބިލުގެ ތެރެއިން އެ ދައްކާ ސިޔާސީ ވާހަކަތަކަކީ ޕާޓީގެ ފަރާތުން ކޮންމެހެން ދައްކަންޖެހޭ ވާހަކަތައް ކަމަށް ވިދާޅުވިއެވެ. ސަބަބަކީ އެމްޑީޕީގެ ސަރުކާރުތަކުން އަބަދުވެސް ތައާރަފުކޮށްފައި އޮތީ ޚަރަދުބޮޑު ސިޔާސަތުތަކެއް ކަމަށް ވުމުން ކަމަށް ފަލާހު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ފަލާހު ފާހަގަކުރެއްވީ 18ވަނަ މަޖިލީހުގައި އޭރު ތިން ކައުންސިލަރުންނަށް މެންބަރުންގެ އަަދަދު ކުޑަކުރުމުން އަނެއްކާ 19 ވަނަ މަޖިލީހުން އެމްޑީޕީ އައިސް ފަސް ކައުންސިލަރުންނަށް އިތުރުކުރުމެވެ. "1،000 ނުވަތަ 1،500 ނުވަތަ 2،000 އަށްވުރެ މަދު އާބާދީއެއް އޮންނަ ރަށްތަކަށް ތިން ކައުންސިލަރުންނަށް ވުރެ ގިނައަކުން ބޭނުމެއް ނުވޭ. މިހާރު ވެސް ރައްޔިތުން ގާތު މި ވާހަކަ އަހާނަމަ 90 އިންސައްތަ ރައްޔިތުން ވެސް އެއީ ރަނގަޅު ސިޔާސަތެއްކަން ގަބޫލުކުރާނެ،" ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވި ގޮތުގައި، ސަބަބަކީ ފަސް ކައުންސިލަރުން ތިބޭ ރަށެއްގައި އެ ގޮނޑި ހުސްވުމުން، ހަތަރު ކައުންސިލަރުން ތިބުން ކަމަށާއި އަދި އެއް ގޮނޑި ހުސްވިޔަސް ތިން ކައުންސިލަރުން ތިއްބަވާތީ ކަމަށް ފަލާހު ވިދާޅުވިއެވެ. ތިން ކައުންސިލަރުންނަކީ ހަގީގަތުގައި ކައުންސިލެއްގައި ގޮތް ނިންމަން އެކަށީގެންވާ އަދަދެއް ކަމަށާއި އެއީ ކޯރަމް ހަމަވާ އަދަދެއް ކަމަށް ފަލާހު ވިދާޅުވިއެވެ. ގޮނޑިއެއް ހުސްވާއިރަށް ކޮންމެހެން އިންތިޚާބު ބާއްވަން އެއްބަސްނުވެވޭ ކަމަށް ފަލާހު ވިދާޅުވިއެވެ. ސަބަބަކީ އިންތިޚާބަކަށް އެތައް ލައްކަ ރުފިޔާ ޚަރަދުވާތީ ކަމަށް ފަލާހު ވިދާޅުވިއެވެ. "...ރައީސް ޑރ. މުއިއްޒު މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅުއްވަނީ މި ގައުމަށް މަންފާއާ ލާބަ ހުރި އިސްލާހުތައް އިއްޒަތްތެރި ރައީސް. އެމްޑީޕީއަކަށް މިހާރު ވެސް ނުދެއްކޭނެ އަޅުގަނޑުމެން މިތަނަށް ގެނައި އެއްވެސް އިސްލާހެއް އެއީ މި ގައުމަށް ފައިދާ ހުރި އިސްލާހެއް ނޫން ގޮތަކަށް. އަޅުގަނޑޫ 100 ޕަސެންޓު މި ދެއްވަނީ،" ފަލާހު ވިދާޅުވިއެވެ. https://sun.mv/205908 ސަރުކާރު ފަރާތުން, މި އިސްލާހު ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ މޫސާއެވެ. މި އިސްލާހު ހުށަހަޅާ ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ، ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމެވެ. ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހޭކަމަށާއި، އޭގެ ސަބަބުން އެ އިންތިޚާބުތައް ބާއްވަންޖެހޭ ޚަރަދު އިތުރުވާކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް އޮތް ނަމަ، ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ