ކޮންމެ ހައްޖުވެރިއަކަށް އިތުރު 1،750 ޑޮލަރު ހަމަޖައްސަނީ

ހައްޖުވެރިންނަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އަންގަވައިފިއެވެ. 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއަހަރު ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކުގައި އެދެވަޑައިގެންފައިވާ ކަމަށެވެ. އެ މަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރަމުން ގެންދާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއަށް ޝުކުރު ދަންނަވާފައެވެ. https://x.com/MMuizzu/status/1921840887266680930 ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ އެންމެހާ ބީއެމްއެލް ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޑޮލަރު ލިމިޓް ބީއެމްއެލްއިން ދީފައިވެއެވެ. މި އަހަރު ރާއްޖޭން ހައްޖަށްދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26ގައި ސައުދީ އަރަބިއްޔާއަށް ދިއުމަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ހަތަރުވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި، މި އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފައެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ