ސިޔާމްގެ ކުންފުނިން ސަރުކާރަށް މިނާވަރު ނެގުން އުޝާމް ދިފާއުކުރައްވައިފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ދީފައިވާ ނ. މިނާވަރު ނެގީ އުސޫލުތަކުގެ ތެރެއިން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސިޔާމްގެ އިމްޕެކްސް ފިޝަރީޒް ކިޔާ ކުންފުންޏަކަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން އެ ރަށް ކުއްޔަށް ދީފައި ވަނީ ފެބްރުއަރީ 2010ގައި 21 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ބާކީ 6 އަހަރު ދުވަސް އޮއްވާ މިނިސްޓްރީން އަންގާފައިވަނީ:
މިނާވަރުގައި ހުރި އުފުލޭ މުދާ 14 ދުވަސް ތެރޭ ހުސްކޮށް އެ ރަށް މިނިސްޓްރީއާ ހަވާލުކުރަން 
މިނިސްޓްރީން ބުނީ އެ ރަށް އަތުލަނީ ކުއްޔަށް ދީފައިވާ އެއްބަސްވުމާ އިމްޕެކްސް ފިޝަރީޒް އިން ހިލާފުވެފައި ވާތީ ކަމަށް
ވެލިޔުއެޑިޝަން އާއި ޕްރޮސެސިންގެ މަސައްކަތް އެ ރަށުގައި ނުކުރާ ކަމަށް މިނިސްޓްރީން ބުނި 
ބުނީ ކީކޭ؟ - މިނިސްޓަރުންނަށް އާންމުން ސުވާލުކުރެވޭ ގޮތަށް ކުރިއަށްދާ 'އަހާ' ޕްރޮގްރާމްގައި ރޭ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އެގުރިމަންޓާ އެއް ގޮތަށް މަސައްކަތް ނުދާތީ ރަށް ނެގީ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.
"މިނާވަރަކީ ކުންފުނިން ޕްރޮޕޯސަލެއް ލައިގެން ވަކި ކަހަލަ މަސައްކަތްތަކެއް ކުރުމަށް ޓަކައި ކުއްޔަށް ނަގާފައިވާ ރަށެއް. އެގުރިމަންޓާ އެއްގޮތަށް މަސައްކަތްތައް ނުދާތީވެ އެ އެގުރިމަންޓްގައި ބުނާ އިޖުރާއަތްތަކާ އެއްގޮތަށް އެ ދޭން ޖެހޭ ނޯޓިސް ދިނުމަށް ފަހު އެގުރިމަންޓް ބާތިލް ކުރުމަށް ސަރުކާރުން ނިންމީ،" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނޑުވެރިކަމަށް ނަގާފައިވާ ވަރަށް ގިނަ އެހެން ރަށްރަށް ވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ނުކޮށް އެހެން މަސައްކަތްތައް ކުރާކަން ފާހަގަ ކުރާ ކަމަށެވެ.
ސިޔާސީ ބޭފުޅެއްގެ ކުންފުންޏަކުން އެފަދަ ކަމެއް ކުރިއަސް އަދި އެހެން ބަޔަކު ވެސް އެއްބަސްވުމާ ހިލާފަށް ކުރިއަށްދާ ނަމަ، އެއްބަސްވުމާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ރަށެއް ނެގުމުގެ މަސައްކަތް ސަރުކާރުން ތަފާތުކުރުމެއް ނެތި ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ ބޭފުޅެއްގެ ކުންފުންޏަކުން ނަގާފައިވާ ރަށަކުން ވިޔަސް އެގުރިމަންޓާ އެއްގޮތަށް މަސައްކަތް ނުކުރާ ކަމަށް ވަނީ ނަމަ އަޅުގަނޑުމެން މި ސަރުކާރުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން،" އުޝާމް ވިދާޅުވި އެވެ.
މިނާވަރުގެ އިތުރުން ދ. އުއްދޫގެ އެއްބަސްވުން އާނުކުރި ކަންކަމުގައި ވެސް އުޝާމް ވިދާޅުވީ އެކަން ކުރިއަށް ގެންދިޔައީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. ސަރުކާރުން ވަނީ ދ. އަތޮޅުގައި އުޅޭ މީހުން ދަތުރު ގޮސް ހަދާ ޕިކްނިކް އައިލެންޑެއް ގޮތަށް އުއްދޫ ކަނޑައަޅައިފަ އެވެ.
"އެެއްވެސް ހާލަތެއްގައި ސަރުކާރުން އެގުރިމަންޓާ ހިލާފަށް އެ ރަށް ނަގައިގެން އުޅެނީއެއް ނޫން. އުއްދޫގެ އެގުރިމަންޓް ހަމަވީމަ ސަރުކާރުން ބޭނުންނުވީ އެ އެގުރިމަންޓް އިތުރުކޮށްދިނުމަށް. އޭގެ ބަދަލުގައި އުއްދޫއަކީ ދ. އަތޮޅުގެ ރައްޔިތުން ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމީ،" އުޝާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ